ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ސްރީލަންކާގައި ހުންނަ ނިއުޒިލެންޑު ހައިކޮމިޝަންގެ ޗާރޖް ޑި އެފެއާރޒް އަންޑްރޫ ޓްރެވެލަރ އާއި ބައްދަލުކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން ހިއްސާކޮށްފައިވާގޮތުން ނިއުޒިލެންޑުގެ ހައިކޮމިޝަންގެ ޗާޖް ޑި އެފެއަރޒް އެންޑްރޫ މިނިސްޓަރުގެ އަރިހަށް ކުރެއްވީ އިހުތިރާމްގެ ޒިޔާރަތެކެވެ. އަދި މި ބައްދަލުވުމުގެ ތެރެިއން ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ހުރިގޮތުގެ އިތުރުން އެ ހާލަތުން އަރައިގަތުމަށްޓަކައި ގެންނަންޖެހޭ މާލީ އިސްލާހުތަކާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވިފައިވާއިރު ދިވެހިރާއްޖޭގެ މާލީ ދާއިރާގައި ގާބިލުކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވާހަކަތައް ދެކެވިފައިވާކަން ހާމަކޮށްފައިވެއެވެ.
ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ދިވެހިރާއްޖޭގެ މާލީ ކަންކަން އެކަށީގެންވާ ގޮތެއްގެ މަތިން ބެލެހެއްޓިފައިނުވާކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކުރަމުންދާއިރު މިނިސްޓަރު ޝަފީގްވަނީ މީގެ ދުވަސްތަކެއް ކުރިން ވޯލްޑް ބެންކުން ނެރުނު ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭ ރިޕޯޓެއް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައިވެސް މިނިސްޓަރު ވަނީ ރާއްޖޭގެ މާލީ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
އެގޮތުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން އިސްލާހުތަކެއް ގެނައުން ކޮންމެހެންވެސް ބޭނުންތެރިކަމަށާއި އިސްލާހުތަކުގެ ތެރޭގައި އެސްއޯއީތަކުގެ މާލީ ކަންކަން ބަލަހައްޓަަމުންދާ ގޮތް ހިމެނޭކަމަށާއި ސަބްސިޑީ ދިނުމުގެ އުސޫލާއި ސިއްހީ ކަންކަމަށް ހަރަދުކުރުމުގެ އުސޫލުގެ އިތުރުން ސަރުކާރުގެ ހަރަދުތައް ކުރުމުގެ ސިޔާސަތުތަކަށްވެސް ބަދަލު ގެންނަން ޖެހޭކަމަށް ހިއްސާކުރެއްވިއެވެ.

