ޖުލައި 2، 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު ވަނީ 22.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ބުނެފިއެވެ.
ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީ، ހާއްސަކޮށް ކޯޕަރޭޓް އިންކަމް ޓެކްސް އާއި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިތުރުވުމާ ގުޅިގެން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރުގެ އާމްދަނީ ވަނީ 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތަ އިތުރުވެފައެވެ. ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 2.0 ބިލިއަން ރުފިޔާ ނުވަތަ 13.0 އިންސައްތައިގެ ކުރިއެރުމެކެވެ.
ވިޔަފާރީގެ ހަރަކާތްތައް އިތުރުވުމާއި، މި މުއްދަތުގެ ތެރޭގައި އާމްދަނީން ނެގޭ ޓެކްސް ދެއްކުމުގެ ސުންގަޑި މި މުއްދަތު ޖެހުމުގެ ސަބަބުން، އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ކޯޕަރޭޓް އިންކަމް ޓެކްސްއިންނެވެ. މިގޮތުން، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ޖުމްލަ 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 97.7 މިލިއަން ރުފިޔާ ނުވަތަ 6.2 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ޖީއެސްޓީއަކީވެސް ދައުލަތުގެ އާމްދަނީގައި މުހިންމު ދައުރެއް އަދާކުރި ދާއިރާއެކެވެ. ޖުމްލަ ޖީއެސްޓީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 835.4 މިލިއަން ރުފިޔާ ނުވަތަ 9.6 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރޭގައި އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ އާއި، ފަތުރުވެރިކަމުގެ ދާއިރާގެ ޖީ.އެސް.ޓީ (ޓީ-ޖީއެސްޓީ) ގެ ގޮތުގައި ލިބުނު 6.6 ބިލިއަން ރުފިޔާ ހިމެނެއެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، މިއަހަރުގެ މި މުއްދަތުގައި ޖުމްލަ 23.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ 21.7 އިންސައްތައިގެ އިތުރުވުމެކެވެ. ނިމިދިޔަ ހަފުތާގައ ހަރަދު އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވުމެވެ. މީގެ އިތުރުން، މެދުއިރުމަތީގައި ކުރިޔަށްދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލިފައިވީނަމަވެސް، ސަރުކާރުން ފޯރުކޮށްދެމުންދާ އަސާސީ ތަކެއްޗާއި ހިދުމަތްތަކުގެ އަގު ހިފެހެއްޓުމުގެ ގޮތުން ފޯރުކޮށްދެމުންދާ ސަބްސިޑީގެ ހަރަދުތައްވެސް މިއަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާއިން އުފުލިފައިވާކަންވެސް ފާހަގަކުރެވެއެވެ. މިއީ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި ސިވިލް ސާވިސްގެ މުސާރައިގެ އިލްތިޒާމުތައް ހަމަހަމަކުރުމަށް ސަރުކާރުން ދޭ އިސްކަން ހާމަކޮށްދޭ ކަމެކެވެ.
މުސާރަ އާއި އުޖޫރައަށް ޖުމްލަ 3.7 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 13.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި މުސާރައާއި ޕެންޝަނަށް ކުރި ޖުމްލަ ހަރަދު ވަނީ 8.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. ހިނގަމުންދާ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗަރ 20.3 ބިލިއަން ރުފިޔާގައި ހުރިއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދު ވަނީ 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން ކުރާ އިންވެސްޓްމަންޓްތައް އިތުރުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބެކެވެ.
ހަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ހަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެކެވެ. ނަމަވެސް، ހުރިހާ ހަރަދެއް ހިމެނުމުން ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 975.9 މިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ.

