މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުން ދައްކައިފިއެވެ.
ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ 8.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 11.2 އިންސައްތައިގެ އިތުރުވުމެކެވެ. އިދާރީ އަދި ހިންގުމުގެ ހަރަދުތައް 11.8 ބިލިއަން ރުފިޔާއިން 15.0 ބިލިއަން ރުފިޔާއަށް ނުވަތަ 27.4 އިންސައްތަ މަތިވެފައިވާއިރު، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދު ވަނީ 3.1 ބިލިއަން ރުފިޔާއިން 3.3 ބިލިއަން ރުފިޔާއަށް ނުވަތަ 9.1 އިންސައްތަ އިތުރުވެފައެވެ.
ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 800.0 މިލިއަން ރުފިޔާއިން 1.2 ބިލިއަން ރުފިޔާއަށް 46.2 އިންސައްތަ އިތުރުވެފައިވާއިރު، ހަރުމުދާ ހޯދުމަށް ކުރި ހަރަދު ވަނީ 378.1 މިލިއަން ރުފިޔާއިން 451.5 މިލިއަން ރުފިޔާއަށް 19.4 އިންސައްތަ މަތިވެފައެވެ. ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް ހަރަދުވެފައިވަނީ 3.6 ބިލިއަން ރުފިޔާއެވެ. މިއީ 2025 ވަނަ އަހަރު ހަރަދުކުރި 5.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 30.0 އިންސައްތައިގެ ދަށްވުމެކެވެ.
ދައުލަތުގެ ޖުމްލަ ހަރަދު ހުރީ 28.1 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 23.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ނުވަތަ 19.3 އިންސައްތައިގެ އިތުރުވުމެކެވެ.
ރިކަރަންޓް އެކްސްޕެންޑިޗާ 20.3 ބިލިއަން ރުފިޔާއިން 24.5 ބިލިއަން ރުފިޔާއަށް ނުވަތަ 20.9 އިންސައްތަ އިތުރުވެފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ނުވަތަ ކެޕިޓަލް އެކްސްޕެންޑިޗާ ވަނީ 3.3 ބިލިއަން ރުފިޔާއިން 3.6 ބިލިއަން ރުފިޔާއަށް ނުވަތަ 9.1 އިންސައްތަ މަތިވެފައެވެ.
ފާއިތުވެދިޔަ ހަފުތާގައި ހަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީގެ ގޮތުގައެވެ. އެގޮތުން ސަބްސިޑީއަށް ޖުމްލަ 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 2.0 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.5 ބިލިއަން ރުފިޔާ ނުވަތަ 78.4 އިންސައްތައިގެ އިތުރުވުމެކެވެ. އެހީ އާއި ސަބްސިޑީގެ ގޮތުގައި ކުރި ޖުމްލަ ހަރަދު ވަނީ 5.6 ބިލިއަން ރުފިޔާއިން 8.1 ބިލިއަން ރުފިޔާއަށް ނުވަތަ 44.1 އިންސައްތަ މަތިވެފައެވެ. އާސަންދައަށް ކުރި ހަރަދު 1.4 ބިލިއަން ރުފިޔާއަށް ނުވަތަ 14.7 އިންސައްތަ މަތިވެފައިވާއިރު، އެހެނިހެން އެހީތަކާއި އިނާޔަތްތަކަށް ކުރި ހަރަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް ނުވަތަ 58.4 އިންސައްތަ މަތިވެފައެވެ.
13 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓްގެ ޕްރައިމަރީ ސާޕްލަސް ހުރީ 2.4 ބިލިއަން ރުފިޔާގައެވެ. ދައުލަތުގެ ބަޖެޓްގެ ޖުމްލަ ބެލެންސް މިހާރު ހުރީ 950.3 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

