ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ނޫން ގޮތަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށްވުރެ 25 އިންސައްތަ ދަށް!

މިނިސްޓަރު ޑރ ޝަފީގު އަދި ޑެޕިއުޓީ މިނިސްޓަރު ސާއިދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރާއި އަޅާ ބަލާއިރު ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު އާމްދަނީގެ އަދަދުތައް 25.83 އިންސައްތައިން ދަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ފިނޭންސް މިނިސްޓްރީއިން އާންމުކޮށް ހިއްސާކުރަމުން އަންނަ ”ވީކްލީ ފިސްކަލް ސްޓެޓިސްޓިކްސް ރިޕޯޓު“ ނުވަތަ ހަފްތާގެ ތަފާސްހިސާބުތައް އާންމުކޮށްފައިނުވެއެވެ. އެންމެ ފަހުން އާންމުކޮށްފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ބޭނުންކޮށްފައިވާ ގޮތާއި ހަރަދުތައް ހިނގާފައިވާ ގޮތުގެ ބައެއް ތަފްސީލުތަކެވެ.

އެންމެ ފަހުން ޝާއިއުކޮށްފައިވާ މި ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރާއި އަޅާ ބަލާއިރު މި އަހަރުގެ ޖޫން 6 ވަނަ ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީ ވަނީ 307 މިލިއަނުން އިތުރުވެފައެވެ. އަދި ޖުމުލަ ހަރަދުތައް ކުޑަކަމަށްވެސް ދައްކައެވެ. ރިޕޯޓުން ދައްކާގޮތުން މުސާރަ ދިނުން ފަދަ ކަންކަން ހިމެނޭ ރިކަރެންޓް ހަރަދު އިތުރުވެފައިވާއިރު ޖުމުލަ ހަރަދު ކުޑަވެފައިވަނީ އިމާރާތްތަކާއި ވަސީލަތްތައް ބިނާކޮށް ހޯދުން ފަދަ ކަންކަން ހިމެނޭ ކެޕިޓަލް ހަރަދުތައް ކުޑަކޮށްފައިވުމުންނެވެ.

މިދިޔަ އަހަރުގެ ރިކަރެޓް ހަރަދަށްވުރެ މި އަހަރުގެ ރިކަރެންޓް ހަރަދު 626.7 މިލިއަން ރުފިޔާ އިތުރެވެ. އެހެންނަމަވެސް މި އަހަރު މި މުއްދަތުގައި 2.9 ބިލިއަނުން ކެޕިޓަލް ހަރަދުތައް ދަށްކޮށްފައިވުމުން ޖުމުލަ ހަރަދުތައްވެސްވަނީ 2.3 ބިލިއަނުން ދަށްވެފައިކަމަށް ރިޕޯޓުން ދައްކައެވެ.

ޓެކްސް ފައިސާގެ ގޮތުގައި ލިބުނު އާމްދަނީގެ ޖުމުލަ އަދަދު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އިމްޕޯޓު ޑިއުޓީއާއި ރޯޔަލްޓީސްގެ ނޫން އެހެން ގޮތްގޮތުން ލިބުނު އާމްދަނީވަނީ އިތުރުވެފައެވެ. އެ ދެ ދާއިރާއިން ލިބުނީ މިދިޔަ އަހަރަށްވުރެ ދަށް އަދަދެކެވެ.

ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު އާމްދަނީވަނީ މިދިިޔަ އަހަރާއި އަޅާ ބަލާއިރު 966.2 މިލިއަނުން ދަށަށް ގޮސްފައެވެ. މިދިޔަ އަހަރު ލިބުނީ 3.74 ބިލިއަންކަމަށްވާއިރު މި އަހަރުގެ ޖޫން 6 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވަނީ 2.77 ބިލިއަނެވެ. ސީދާ ހިސާބުތަކުން ބަލާއިރު މިގޮތުން ލިބިފައިވާ އާމްދަނީ ވަނީ ވޭތުވެދިޔަ އަހަރާއި އަޅާ ބަލާއިރު 25.83 އިންސައްތައިން ދަށްވެފައިކަން ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ނޮން ޓެކްސް ރެވެނިއުގެ ތެރޭގައި ސީދާ ބަޔާންކޮށްފައިވާ އެއަރޕޯޓު ޑިވެލޮޕްމެންޓު ފީ ނެގުމާއި އެކްސްޕޭޓްރިއޭޓް ކޯޓާ ފީނެގުން ފަދަ ކަންކަމުން ލިބުނު އާމްދަނީގެ އަދަދުތަށް ދަށަކަށް ނުދެއެވެ. އެހެނިހެން ސީދާ ވަކި ކަމެއް ބަޔާންކޮށްފައި ތިބި ދާއިރާތަކުންވެސް މާ ބޮޑެތި ވެއްޓުންތަކެއް ފާހަގަނުކުރެވޭއިރު، ބޮޑު އަދަދަކުން ދަަށަށް ގޮސްފައިވަނީ ”އަދާ ފީސް އެންޑް ޗާޖަސް“ ގެ ގޮތުގައި ބަޔާންކޮށްފައިވާ ސީދާ ކޮން ގޮތަކުން ހޯދާ އާމްދަނީއެއްކަން ސާފުނުވާ ދާއިރާއަކުންނާއި ”އަދާ ނަން ޓެކްސް ރެވެނިއު“ ގެ ގޮތުގައި ބަޔާންކޮށްފައިވާ ސީދާ ކޮން މަސައްކަތެއްކަން ސާފުނުވާ އެހެން ދާއިރާއަކުންނެވެ.

މުސާރައަށް ކުރާ ހަރަދުގެ ސަބަބުން ރިކަރެންޓު ހަރަދުތައް އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ދައްކާއިރު އެ މުއައްސަސާއިންވަނީ އިދާރީ މަސައްކަތްތައް ކުރަމުންދާ ގޮތާއި ގުޅޭ މައުލޫމާތުތައް ލިބިގެންދާނެ ބައެއް ތަފްސީލުތައްވެސް ހިއސާޚޮށްފައެވެ. މިދިޔަ އަހަރާއި މި އަހަރުގެ ޖުމުލަ ހަރަދުތައް ހުރީ ދާދި އެއްވަރެއްގައެވެ. މިގޮތަށް ދިމާވީ ބައެއް މަސައްކަތްތަކަށް ކުރާ ހަރަދުތައް ކުޑަވެފައިވާއިރު އަނެއް ހަރަދުތައް ފާހަގަކުރެވޭ މިންގަނޑަކަށް އިތުރުވެފައިވުމުންނެވެ.

ދަތުރު ހަރަދުތައް ހުރީ ދާދި އެއްވަރެއްގައިކަމަށްވާއިރު އިދާރީ ސަޕްލައިގަތުމަށްޓަކައި ކޮށްފައިވާ ހަރަދުތައްވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 274.6 މިލިިއަން ހަރަދުކޮށްފައިވާއިރު މިއަހަރުގެ ހަރަދުތައް 788.7 މިލިއަނަށް އަރާފައިވެއެވެ. އޮޕަރޭޝަނަލް ކޮންސިއުމަބަލްސްގެ ގޮތުގައި ކޮށްފައިވާ ހަރަދުތައް ދަށްކޮށްފައިވާއިރު ފިނޭންސްއިން އެންޑް އިންޓްރެސްޓް ކޮސްޓުގެ ގޮތުގައި ކުރަމުން އައި ހޭދަވެސްވަނީ ދަށްކޮށްފައެވެ. އަދި ކައުންސިލުތަކަށާއި އެކި ކަންކަމަށް ދޫކޮށްފައިވާ ގްރާންޓުތައްވަނީ ބޮޑުތަނުން އިތުރުވެފައިކަންވެސް ތަފާސް ހިސާބުތަކުން ފެނެއެވެ.

ކެޕިޓަލް ހަރަދުތަކާއި ގުޅޭ ތަފްސީލުތައްވެސް މިނިސްޓްރީއިން ކޮށްފައިވައެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ކުރަމުން އައި ހުރިހާ ހަރަދެއް ޖުމުލަކޮށް ކުޑަކޮށްފައިވާއިރު، މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހަރަދުތައް ދާދި އެއްވަރެއްގައި ހިފެހެއްޓިފައިވަނީ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި އިމާރާތްތައް ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތަކުގައިކަން ފާހަގަކުރެވެއެވެ. އަދި އިތުރުވެފައިވަނީ ޑިވެލޮޕްމެންޓު ޕްރޮޖެކްސްޓްސް އެންޑް އިންވެސްޓްމެންޓްސް އައުޓްލޭގެ ގޮތުގައި ކުރަމުންދާ ހަރަދު އެކަނިކަންވެސް ތަފާސް ހިސާބުތަކުގެ މައުލޫމާތުކުން ފެނިގެންދެއެވެ.

ޕީއެސްއައިޕީ މަޝްރޫއުތައްކަމަށް ކުރަމުންދާ ހަރަދުތައްވެސް 60 އިންސައްތާއި ގާތްކުރާ މިންގަނޑަކަށް ދަށްކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރު ގައުމީ ސަލާމަތާއި އާންމުންގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކަށް ޖޫން ހަ ވަނަ ދުވަހުގެ ނިޔަލަށް 100.2 މިލިއަންގެ ހަރަދެއްކުރިއިރު މި އަހަރު ކުރީ 26.9 މިލިއަންކަން ފާހަގަކުރެވެއެވެ. ޕީއެސްއައިޕީގެ ތެރެއިން ދާދި އެއްވަރެއްގައި ހަރަދުތައް ހިފެހެއްޓިފައިވާ ބުނެވިދާނެ ހަމައެކަނި ދާއިރާއަކީ ތިމާވެށި ރައްކައުތެރިކުރުމުގެ މަސައްކަތްތަކެވެ.

މިދިޔަ އަހަރު 238.4 މިލިއަން ހަރަދުކުރިއިރު މި އަހަރު ހޭދަކުރީ 222.6 މިލިއަންކަމަށް މައުލޫމާތު ދީފައިވާއިރު، ދާއިރާގެ ތެރެއިން ކުރެވޭ ވަކި ވަކި މަސައްކަތްތަކަށް ބަލާއިރު، މި އަދަދު ދާދި އެއްވަރެއްގައި ހިފެހެއްޓިފައިވަނީ ކޯސްޓަލް ޕްރޮޓެކްޝަން މަސައްކަތްތަކުން އުނިވެފައިވާ 55.1 މިލިއަންގެ ބަދަލުގައި އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތްތަކަށް ކުރަމުން އައިސްފައިވާ ހަރަދުތައް 46.4 މިލިއަނުން އިތުރުކޮށްފައިވުމުންކަންވެސް ފެނިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: