20 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިޙާބީ މެމްބަރ އަދި ރައީސުލްޖުމަހޫރިއްޔާގެ ޙާއްސަ އެޑްވައިޒަރ އަބްދުއްރަހީމް އަބްދުﷲ އައްޔަން ކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްއިން ފާސްކުރާމާއި ގުޅިގެން، އޭނާގެ ދަރިފުޅު ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާހިމް ތައުރީފު ކުރައްވައިފިއެވެ.
ފައިސަލް ޝޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު އެމަނިކުފާނުގެ ބައްޕާފުޅަކީ 20 ވަނަ މަޖިލީހުގެ ރައީސްގެ މަޤާމަށް މެމްބަރުން އިންތިޙާބު ކުރާނެ ރައީސް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ޓީމަށް ޙާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ބައްޕާފުޅަކީ އެތަކެއް ތަކުލީފުތަކެއް ތަހައްމަލު ކޮށް، ނޫކަށި ޒުވާން ޢުމުރުގައި ވަޒީފާގެ މާހައުލަށް ނިކުމެ ވަޑައިގަތް ބޭފުޅެއްކަމަށާއި އުފަންވި އަތޮޅާއި ރަށަށް ޚިދުމަތްކުރުމުގައި ނުހަނު ވަރުގަދަ ޢަޒުމާއި ގަދަ ހިތްވަރާއިއެކު ކުރިއަށްދިޔަ ބޭފުޅެއްކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ވެރިންނަށް ކިޔަމަންތެރިކަމާއެކު ޤައުމަށް ޙިދުމަތް ކުރުމުގައި، 24 ގަޑިއިރު މަސައްތްކަތުގައި ވަގުތު ހޭދަކުރިނަމަވެސް އެންމެ ފަހަރަކު ކަމަކަށް ދެބަސް ވުމުން ސިޔާސީ ރޭވުމުގެ ތެރެއިން ވައްކަމުގެ ތުހުމަތު ބޮލުގައި އެޅުވައި އަރުވާލިކަމަށް ފައިސަލްގެ ވާހަކައިގެ ވެއެވެ. ނަމަވެސް ހިއްވަރާއި ސާބިތުކަމާއިއެކު އައިސިޔާސީ ބަދަލުގެ އޮއިވަރާއެކު، ރައްޔިތުންގެ ހައްޤުތަކާއި ޤައުމުގެ ހެވަށްޓަކައި ނިކުމެ ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ޖަރީވެ، 2009 ވަނަ އަހަރު އިންތިޚާބު ކުރި 17 ވަނަ މަޖިލީހުން ޖާގަ ހާސިލްކުރެއްވީ، ސިޔާސީ ވިޔަކުރުން ހަމަރަނގަޅަށް ދަންނާތީ ކަމަށް ފައިސަލްވަނީ ވިދާޅުވެފައެވެ.
ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބައިގެ މީހުންނާއި، އެއްއޮޑީގައި އުޅޭ ހިތްނުބައި މީހުންޖެހި ހަޖުލާއި، އަދި ކުރާމަލާމާތާއި ފުރައްސާރައަކީ އިންސާނެއްގެ ހައިސިއްޔަތުން ބައްޕައަށްވެސް އަސަރުކުރާނެ ކަމެއް ކަމަށާއި އަދި ޢާއިލާއެއްގެ ހައިސިއްޔަތުން އަހުރެންވެސް ހިމެނޭހެން ހުރިހާ ބެއިން ހިތްދަތިވި ކިތަންމެ ފުރައްސާރައެއް ރާއްޖޭގެ ސިޔާސީ އުޑުގެ ދަށުގައި ވޭތުވެގެން ހިނގައްޖެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ޕީއެންސީގެ ރައީސް އަކަށްވެހުރެ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު، އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ކާމިޔާބު ކުރުމަށް މިއަދުގެ ރައީސް ޑރ މުޢިއްޒު ރިޔާސީ ރޭހަށް ނެރުއްވާ، އިންތިޚާބު ބޮއިކެޓު ކުރުމަށް ރޭވި ކެހިވެރި ރޭވުމުން ޕާޓީއާއި މި ޤައުމު ސަލާމަތް ކުރުމުގައި ހިތްވަރުގަދަ ފިޔަވަޅުއެޅުއްވީ އެމަނިކުފާނުގެ ބައްޕާފުޅު ކަމަށާއި މިއަދު މި ޤައުމު ދެކެމުން މިދަނީ މާ އުފާވެރި މަންޒަރެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
މިއަދު 20 ވަނަ ރައްޔިތުން މަޖިލީހުގެ ރައީސް ގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރާނެ އެ މަޖިލީހުގެ ރައީސްކަން ހޯދެއްވުމަކީ ތާރީޙުން ހޯދެއްވި ވަރުގަދަ ޖާގައެއް ކަމަށާއި ހެޔޮއެދޭ އެކުވެރިންނާއި، އާއިލާ އަދި ލ. އަތުޅު ފަޙުރުވެރިވާނެ ކަމަށްވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިޔަަށް އެންމެ ބޮޑު ޢަގުލަބިއްޔަތުން ހޮވޭނެ މަޖިލީހުގެ ރައީސްއަކީ ލ. ފޮނަދޫ ދާއިރާގެ ޢަބްދުލްރަޙީމް ޢަބްދުﷲ ކަމަށެވެ. އަދި އެމަނިކުފާނުއަކީ ސިޔާސީ ހިސާބު ޖެހުމުގައި އެއްވެސް އިރެއްގައި ފެނިފައިނުވާ ފަދަ ބޭފުޅެއްކަމަށެވެ.
މިފަދަ އުފާވެރި ހިނދުކޮޅެއްގައި ބައްޕަގެ ކާމިޔާބީ ލޮލުން ދެކި އަތުން ހިފަން ލިބުމަކީ ދޮށީ ފިރިހެން ދަރިއަކަށް ލިބޭނެ ބޮޑު ފަޚުރުވެރިކަމެއް ކަމާއި އަދި އެކަން ބަޔާން ކޮށްދޭނެ ގޮތެއް ނޭނގޭ ކަމަށް ފައިސަލްގެ ވާހަކައިގައި ވެއެވެ. އަދި ކުރެއްވި ހިތްވަރާއި ވެލެއްވި ޤުރުބާނީ އާއި ހޯއްދެވި ކާމިޔާބީ އަށް ފަށްފަށުން ”ސެލިއުޓް“ ކުރާކަމަށް ފައިސަލްވަނީ ފާހާގަކޮށްފައެވެ. އެމަނިފާނުގެ ބައްޕާފުޅަށް ލިބުނު ކާމިޔާބީގައި ރައީސް މުޢިއްޒު އަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށާއި އަދި ފޮނަދޫ ދާއިރާ ގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ ފުންމިނުން ވަނީ ޝުކުރުދަންނަވާ ފައެވެ.

