ބައިނަލްއަގްވާމީ ފެންވަރުގެ އާޓް ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވާ ކަމަށާއި ވަރަށް އަވަހަށް ރާއްޖޭގައި އާޓް ސްކޫލެއް ގާއިމުކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެެއްޖެއެވެ.
މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްވާޑް ވިދާޅުވީ އާޓް ސްކޫލެއްގެ ބޭނުން ރާއްޖެއަށް ވަރަށް ބޮޑު ކަމަށެވެ. އާޓް ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތް ޓެކްނިކަލް ބޭފުޅުން ކުރިއަށް ގެންދަވާ ކަމަށާއި އަދި އެކަމާއި ގުޅިގެން ރައީސް ޑރ. މުއިއްޒުއާއި މަޝްވަރާ ކުރައްވާފައިވާ ކަމަށް އަސްވާޑް ވިދާޅުވިއެވެ.
”ރައީސްގެ ވެސް މެނިފެސްޓޯގަވެސް ހިމެނޭ ކަމެއް އެއީ ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ އާޓް ސްކޫލެއް ހުރުމަކީ. އެމަސައްކަތް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން“
އަސްވާޑް ވިދާޅުވީ ރާއްޖޭގެ އާޓްސް ކުރިއެރުވުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރު ގަބޫލުކުރާ އާޓް ސްކޫލެއް ރާއްޖޭގައި ގާއިމުކުރައްވާނެ ކަމަށެވެ. އެކަމުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރަކުން ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެ މަސައްކަތުގެ ތެރޭގައި ޖާނަލިޒަމް ހިމެނޭނެ ކަމަށާއި، ފިލްމް އެކްޓިންގއާއި، އެޑިޓިންގއާއި އަދި އޭގެއިތުރުން ކުރެހުމާއި ފަންނުވެރިކަމުގެ ކަންކަންވެސް ހިމެނޭނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަންކަމާއެކު ރަނގަޅު ފެންވަރުގެ އާޓް ސްކޫލެއް ގެނެސްދެއްވާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.
މީގެއިތުރުން އަސްވާޑް ވަނީ ރާއްޖޭގައި މީޑިއާ ވިލެޖެއް ގާއިމު ކުރައްވާނެ ކަމަށާއި އެކަމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވެފައެވެ. މީޑިއާ ވިލެޖް އެއްކޮށް ނިމިގެން އަންނައިރު ޓީވީ ސްޓޭޝަންތަކަށް ޖާގަ ތަނަވަސް ތަނެއް ހަމަޖެހިގެންދާނެ ކަމަށާއި ރަނގަޅު ފެންވަރުގެ ސްޓޫޑިއޯތައް ޤާއިމުކުރެވޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.
”ދެ ސައިޒެއްގެ ނުވަތަ ތިން ސައިޒެއްގެ ސްޓޫޑިއޯތައް ހެދޭނެ ވަރަށް އަޅުގަނޑުމެން މިހާރު ކުރެހުންތައް ތައްޔާރު ކުރަމުން މިދަނީ، ކުދި ސައިޒޭ މި ދަންނަވާ ސައިޒަކީ ވެސް އަމިއްލަ ޕްރައިވެޓް ޓީވީ ސްޓޭޝަންތަކަށްވުރެން ޖާގަ ބޮޑުވާނެ“
މީޑީއާތައް ހިންގުމަށް ދައުލަތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ނިންމާފައެވެ. އެހެންކަމުން އެކަންވެސް ކުރައްވާނެ ކަމަށާއި މީޑިއާތަކަށް ދައުލަތުން ބަޖެތުހަމަޖެއްސުމުގެ މަސައްކަތްވެސް ކުރައްވާ ކަމަށާއި ދެން ބަޖެޓު އެކުލަވާލާލާއިރު އެކަން ވެސް ހިމެނޭނެ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

