ކޯޓުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) ތަމްސީލް ކުރުމުގެ ގާނޫނީ ހައިސިއްޔަތު ޖުޑިޝަލް ސާވިސް ކޮމިޝަނަށް (ޖޭއެސްސީ) އަށް ލިބިގެން ނުވާކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށްފަހު 10 މީހަކު ވަޒީފާއިން ވަކިކުރި މައްސަލައިގައި ހުކުމް ކުރުމަށް ސުޕްރީމް ކޯޓުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މަހާޒް ވަނީ ޑިޖޭއޭ މިމައްސަލައިގެ ޝަރީއަތުގައި ބައިވެރިވުމެއްނެތި މައްސަލައިގެ ގޮތެއް ނިންމިދާނެ ކަމާއިމެދު ސުވާލު އުފައްދަވާފައެވެ. މަހާޒް ވަނީ މިމައްސަލައިގައި ޖޭއެސްސީއަކީ ހަސްމެއްތޯ ނުވަތަ ވަޒީފާ ދިން ފަރާތްތޯ ސުވާލު ކުރައްވާފައެވެ.
”ޖޭއެސްސީއަށް އެހެން އިދާރާއެއް ކޯޓުގައި ތަމްސީލު ކުރުމުގެ ބާރު ލިބިގެން ވޭހެއްޔެ؟ އެ ކޮމިޝަނަކީ ވަޒީފާ ދިންފަރާތްހެއްޔެ؟ އެފަރާތައް ވަޒީފާއާއި ބެހޭ ގާނޫނުގައި ވަޒީފާ ދިން ފަރާތުން އެ ފަދަ ކުސޫމަތްތަކުގައި އުފުލަންޖެހޭ ބުރަ ގާނޫނީ ގޮތުން އުފުލޭނެ ހެއްޔެ؟ މި ސުވާލުތަކުގެ ޖަވާބު ނުލިބި މައްސަލައިގެ މައުލޫގައި ގޮތް ކަނޑައެޅުމަކީ އަހުރެންގެ ޒަމީރު ގަބޫލުކުރާ ގޮތެއް ނޫން، ފަސޭހަ ގޮތެއްވެސް ނޫން“
މަހާޒް ވިދާޅުވީ އެ ސުވާލުތައް ޖޭއެސްސީއަށް ކުރިމަތިކުރުވާފައިވާ ކަމަށާއި އެ ސުވާލުގެ ޖަވާބުގައި އެ ކޮމިޝަނުން ފާހަގަކޮށްފައިވާ މައިގަނޑުކަމަކީ ޑީޖޭއޭއަށް ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ގާނޫނުން ދީފައިނުވާކަމަށެވެ. އަދި އެކަން ޑީޖޭއޭގެ ގާނޫނުން އެނގޭކަމުގައި ޖޭއެސްސީއިން ބުނެފައިވާކަމަށް މަހާޒް ވިދާޅުވިއެވެ. އެ ގާނޫނުގެ 21 މާއްދާގެ (ބ) ގައި ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގާ ބެލެހެއްޓުން މަތިކޮށްފައިވާ ކަމަށާއި އަދި އެކޮމިޝަނަކީ ދައުވާ ކުރުމާއި ދައުވާލިބިގަތުމުގެ ބާރު ގާނޫނުން ލިބިދީފައިވާ މުއައްސަސާކަން ޖޭއެސްސީން ފާހަގަކުރިކަން މަހާޒްގެ ހުކުމުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ކަންމިހެން އޮތުމުން ޖޭއެސްސީއަށް މިބާވަތުގެ މައްސަލަތަކުގައި ޑީޖޭއޭ ކޯޓުތަކުގައި ތަމްސީލު ކުރެވޭނެ ކަމަށް އެކޮމިޝަނުން ބުނެފައިވާކަމަށް މަހާޒް ވިދާޅުވިއެވެ.
”މި މައްސަލައިގެ ލިޔެކިއުންތަކަށް ބަލާއިރު، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް މިމައްސަލަ ހުޅައަޅައިފައި ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް. މި މައްސަލައިގައި ޓްރައިބިއުނަލް މަރުހަލައިގައި ނެރެފައިވާ ވަގުތީ އަމުރު ނެރެފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް. މައްސަލަތަކުގެ ނިންމުމުގައި އެނިންމުން ރައްދުވާ ފަރާތެއް ގޮތުގައި އޮތީވެސް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން. ހަސްމެއް ގޮތުގައި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ބަލައިގަތް ޓްރައިބިއުނަލް މަރުހަލާގައި މައްސަލަތައް ކުރިއަށްގެންގޮސްފައިވީ ނަމަވެސް މި މައްސަލަ ތަމްސީލު ކުރުމަށް ޓްރއިބިއުނަލަށް ހާޒިރުވެފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން. އެކަމާއި ބެހޭ ގޮތުން މި މަރުހަލާގައި ބަހުސް ކުރެވިފައިވާތީ ލިޔުން ތަކުން ފެންނަން ނެތް“
މަހާޒް ވިދާޅުވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުހަލާއަށް ބަލާއިރު މިމައްސަލަ ހައި ކޯޓަށް އިސްތިުނާފު ކޮށްފައިވަނީ ޖޭއެސްސީން ކަމަށާއި އަދި އިސްތިއުނާފު ފޯމުވެސް ހުށައަޅާފަވަނީ އެ ކޮމިޝަނުން ކަމަށް ވިދާޅުވިއެވެ. ޑީޖޭއޭ އަކީ ހައިކޯޓު މަރުހަލާގައި ހަސްމެއް ގޮތުގައި އެ ކޯޓުން ބަލައިގެންފައިވާ އިދާރާއެއް ނޫންކަން ސާފުކޮށް ހައިކޯޓުގެ ނިންމުމުގައި ވާކަމަށް މަހާޒް ވިދާޅުވިއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި ޖޭއެސްސީން ބުނެފައިވަނީ އެ ކޮމިޝަނުން ހައިކޯޓަށް ހާޒިރުވެފައި ވަނީ ހައިކޯޓުގައި ޑީޖޭއޭ ތަމްސީލު ކުރުމަށް ކަމަށް މަހާޒް ވިދާޅުވިއެވެ.
”ނަމަވެސް މި ވާހަކަތައް އިތުރަށް މަސްހުނިވެ މި މައްސަލައަކީ އެކޮމިޝަނުން ހުށަހަޅައިފައިވާ މައްސަލައެއް ކަަމަށްވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ކޮމިޝަނުން ތަކުރާރުކޮށް ބުނެފައިވޭ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި ޑީޖޭއޭ ހަސްމެއްގޮތުގައި ދަށުމަރުހަލާގައި ހިންގާފައިވާ މައްސަލަތަކެއްގައި އެ ހަސްމު މުޅިން އެހެން އިދާރާއަކަށް ބަދަލުވީ ކޮންގޮތަކަށް ކަމެއް ސާފުވާން ނެތް“ މަހާޒްގެ ރަޢުޔަ އިއްވަމުން ވިދާޅުވިއެވެ
ޑީޖޭއޭގެ ބާރުތަކާއި މައްސޫލިއްޔަތުތައް ބަޔާންކޮށްފައިވާ ކަމަށާއި އެ ބާރުތަކުގެ ތެރޭގައި ވަކި އިދާރާއެއް ކޯޓުތަކުގައި ތަމްސީލު ކުރުން ހިމެނިފައިނުވާކަމަށް މަހާޒް ވިދާޅުވިއެވެ. ވަކި އިދާރާއެއް އެ ކޮމިޝަނުގެ ބެލުމުގެ ދަށުން ހިންގުންވެސް ހިމެނިފައިނުވާކަމަށް މަހާޒް ވިދާޅުވިއެވެ. ނަމަވެސް ދިވެހިރާއްޖޭގެ އަދުލުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން ހިމެނޭކަމަށް މަހާޒް ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ ކޯޓުތަކުގެ އިދާރީ މުވައްޒަފުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ވަކި ކުރުމާއި އިދާރީ ފިޔަވަޅު އެޅުމަކީ ޑީޖޭއޭ އަށް މަތިކޮށްފައިވާ ބާރެއް ކަމަށާއި އެ ބާރު ހެޔޮ ގޮތުގައި ތަންފީޒު ކުރަން އެ އިދާރާއަށް ސީދާ ބާރުތަކާއި ނުސީދާ ބާރުތައް ލިބޭނެ ކަމަށެވެ. އެހެންކަމުން ކޯޓުތަކުގައި ދައުވާ ކުރުމާއި ލިބިގަތުމުގެ ބާރު ޑީޖޭއޭއަށް އޮންނާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި މި މައްސަލާގައި ޑީޖޭއޭ ކޯޓުގައި ތަމްސީލް ކުރަން ޖޭއެސްސީއަށް ގާނޫނީ ހައިސިއްޔަތެއް ލިބިގެން ނުވާ ކަމަށް މަހާޒް ވިދާޅުވިއެވެ.

