މިދިޔަ ހަ މަހު އެންސްޕާގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ކުރެވިފައި އެބަހުރިކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެންސްޕާއިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކާއި ގުޅިގެން މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ، ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެހީގެ ޕްރޮގްރާމްތަކާއި އަދި ފަގީރު ހާލުގައި އުޅޭ ފަރާތްތަކަށް އެހީދޭ ޕްރޮގްރާމާއި، އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަަފައިންނަށް ދޭ އެހީގެ ޕްރޮގްރާމްކަމަށެވެ. އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ޕްރޮގްރާމްވެސް ހީނާ ފާހަގަކުރެއްވިއެވެ.
އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށްދާއިރުގައި، އާސަންދަ ޕްރޮގްރާމަކީ އަޅުގަނޑުމެންނާއި އެންސްޕާއާއި އެކު އެކީގައި، ގުޅިގެން މަސައްކަތް ކުރެވޭ އެއް ޕްރޮގްރާމްކަން ހަމަ ފާހަގަކޮށްލަން ޖެހޭ.
ހީނާ ވިދާޅުވިއެވެ.
ފާއެތުވެދިޔަ ހަ މަސް ދުވަހުގެ މަސައްކަތްތަކާއި ގުޅިގެން މައުލޫމާތު ދެއްވަމުން ހީނާ ވިދާޅުވީ ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް މިހާރު ހެދޭނެކަމާއި، އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް ހާއްސަ އިސްކަމެއް ދީގެން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާނެކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.
ބޭރުގެ ގައުމުތަކުގެ ހޮސްޕިޓަލްތަކަށް ބަދަލު ކުރުމަށް އަގަށް އަންނަ ބަދަލު 10 އިންސައްތައަށްވުރެ ކުޑަ ވާނަމަ އާސަންދައިން އެކަން ކަވަރކޮށްދިނުމަށް ހީނާ ފާހަގަކުރެއްވިއެވެ.
އައިވީއެފް ޓްރީޓްމެންޓް ހިމެނޭނެހެން ދަރިމައިވުމާއި ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުންވެސް ހީނާ ފާހަގަކުރެއްވިއެވެ. މި ހިދުމަތް ދިނުމަށް ހުސްނުވާ އާސަންދައިގެ އުސޫލުތަކަށް އިސްލާހު ގެނެސްފައިވާނެކަމަށްވެސް ހީނާ ވިދާޅުވިއެވެ. މިކަމަށް އެދި ފޯމު ހުށައަޅާފައިވާ ފަރާތްތަކުގެ ފޯމުތައް ޕްރޮސެސް ކުރަމުންދާކަމަށްވެސް ހީނާ ވިދާޅުވިއެވެ. އަދި އިތުރަށް ފޯމު ހުށައެޅުމަށް ބޭނުންވާނަމަ އެ ފުރުސަތުވެސް އޮތްކަން ފާހަގަކުރެއްވިއެވެ. ފުރުސަތު ހުޅުވާލާފައިވަނީ 15 ޖުލައި 2024 ގެ ނިޔަލަށްކަމަށް ހީނާ ވިދާޅުވިއެވެ.
ދަރިމައިވުމުގެ ޞިއްޙަތަށް ޚާއްޞަ ފަރޓިލިޓީ ކެއާރ އަށް ޚާއްޞަކޮށް މިހާރު އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ހުރި މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، މިފަދަ އިތުރު މަރުކަޒެއް ޤާއިމު ކުރެވިގެންދާނެ ކަމުށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި، ދަރިމައިވުމުގެ ޞިއްޙަތަށް ޚާއްޞަ ފަރޓިލިޓީ ކެއާރ ފަންޑެއް ސަރުކާރުގެ ބަޖެޓުން ޤާއިމު ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

