ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކުގެ މެޝިނަރީތައް އެއްވެސް މިންވަރަކަށް މެއިންޓެއިން ކުރެވިފައި ނެތުމުގެ ނަތީޖާއަކީ ދަތިތަކާއި ދިމާވެ އެތަކެތި ހަލާކުވުންކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ވިދާޅުވީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭ ހިދުމަތްތަކުގެ މެއިންޓަނެންސް އެއްވެސް މިންވަރަކަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން މެޝިނަރީސްތައް ހަލާކުވެ ދަތިތައް ދިމާވަމުންދާ ކަމަށެވެ. ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކަކީ، ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ލިބެން ޖެހޭ ހިދުމަތެއް ނަމަވެސް އެމްޑީޕީގެ ވިސްނުން މިދިޔަ ފަސް އަހަރުގެ ތެރޭގައި ހުރީ އެފަދަ މޭރުމަކުން ނޫންކަމަށް މެމްބަރު ވިދާޅުވި އެވެ.
އިބްރާހިމް ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތް ނަމަވެސް، ރައްޔިތުންނަށް ދޭ ހިދުމަތެއް ރަނގަޅަށް ބަލަހައްޓައި މަރާމާތު ކުރަން ޖެހޭ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ކަންބޮޑުވުންތަކަށް ހައްލު ގެންނާނެކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި ކުންފުނިތަކަށް ގެއްލުންވާނެހެން، ދަރަނިވެރި ކުރުވާފައިވާ މައްސަލަތައް ވެސް ބަލަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެތަށް ރަށެއްގައި ކަރަންޓުގެ މައްސަލަ މިހާރު ވެސް އެބަހުރި.. މާދަމާ ކަންނޭނގެ ފުވައްމުލަކުގެ ކަރަންޓު ކެނޑިގެން ދާނީ.. އޭގެ އަނެއް ދުވަހު ކަންނޭނގެ އެހެން ކޮންމެވެސް ރަށެއްގައި ކަރަންޓު ނުލިބި ރައްޔިތުން ކަނު އަނދިރީގެ ތެރޭގައި ތިބެން ޖެހޭނީ… މިކަން ހަގީގަތުގައި ވެސް މި ދިމާވަނީ، ކޮންމެ ސަރުކާރެއް އައިނަމަވެސް.. ސަރުކާރުން ކޮންމެ މަޝްރޫއުއެއް ހިންގިކަމުގައި ވިޔަސް… އެ މެއިންޓެއިންކޮށް ރަނގަޅަށް ނުބަލަހައްޓައިފިކަމަށް ވެއްޖެއްޔާ.. ކޮންމެ އެއްޗަކީ ވެސް އެއަށް ބޭނުންވާ ކަނާ ނުލިބިއްޖެއްޔާ އެ އެއްޗެއް ހަލާކުވެ ނެތިދާނެ.. އެހެންވީމަ އެއީ އިންޖީނެއްކަމަށް ވިޔަސް
ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާއަށް ވެސް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން ހުށަހެޅީ އައްޑޫގެ ފެނުގެ މައްސަލަ ހައްލު ކުރުމަށް ގޮވާލަ އެވެ. ކުއްލި މައްސަލަ ބަލައިގަނެ، މެމްބަރުން ބަހުސް މަރުހަލާގައި އެމްޑީޕީއަށް ފާޑުވިދާޅުވެ ސަރުކާރު މެމްބަރުން ބުނެފައި ވަނީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ ކަމަށެވެ.
މި ސަރުކާރުން މެއިންޓަނެންސް ނުބެލެހެއްޓުމުގެ ސަބަބުން އައްޑޫގެ ފެނުގެ ހިދުމަތް މެދުކެނޑިފައިވާކަމަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެވެ. މައްސަލަ ހުށަހަޅުއްވައި އެނާ ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރުގައި އައްޑޫގެ ފެނުގެ ހިދުމަތް މެދުކެނޑިފައި ނުވާކަމަށާއި، މި ސަރުކާރުގެ ވެސް ފުރަތަމަ ހަތަރު މަހު ރަނގަޅު ހިދުމަތެއް ލިބުމަށް ފަހު މައްސަލަތައް ދިމާވާތާ ދެ މަސްވެފައިވާކަމަށެވެ. އެހެންކަމުން ޒިންމާ ނަގަން ޖެހޭނީ، އެމްޑީޕީއެއް ނޫންކަމަށާއި މިއީ މި ސަރުކާރުގެ އިހުމާލުކަމަށް ނާޒިލް ވިދާޅުވި އެވެ.

