ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން- ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް އަލުން ފަށައިފިއެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 23 ހެކްޓަރުގެ ބިން ހިއްކާފައެވެ.

އެއަށްފަހު ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާންމު އިއުލާނަކުން އޭރު އެންގުމާ ގުޅިގެން އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތީ ގޮތުން އޭރު ހުއްޓާލިއެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، އީޕީއޭގެ ހުއްދަ އަލުން ލިބުމާއެކު ތިންވަނަ ފިޔަވަހިން ބާކީ 40 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ ހޯމަ ދުވަހުގެ ހަވީރުއެވެ.

ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި ބައެއް އުޅަނދުތައް މިހާތަނަށް ވެސް ނަގާފައި ނުވާތީ، އެ މަސައްކަތް ކުރިއަށް ގެންދަން ވަރަށް ބޮޑަށް ދަތި ވާނެ ކަން އެޗްޑީސީން ފާހަގަކުރެއެވެ. އެހެންކަމުން އެ ސަރަހައްދުގެ ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް ވީހާވެސް އަވަހަކަށް ނަގައި ފަޅުތެރެ ހުސްކޮށްދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެޗްޑީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހިރާއްޖޭގެ ފަރުތަކުގެ ގައު ހުދުވަމުންދާކަމަށްވުމުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން ވަގުތީގޮތުން ބިން ހިއްކުމާއި ފަޅު ހިއްކުންފަދަ އެ މާހައުލަށް އަސަރުކުރާ މަސައްކަތްތައް ހުއްޓާލުމަށް އީޕީއޭއިން އެންގީ މިދިޔަ މެއި މަހުގައެވެ.

އޭރު އެ އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސްވަރަކީ ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި ގުޅިގެން ގައު ހުދުވަމުންދާ ދުވަސްވަރެކެވެ. އަދި ރާއްޖޭގައި އެންމެ ފުރަތަމަ މިފަދަ ހާދިސާއެއް ރެކޯޑުކުރެވުނީ 1998 ގައިކަމަށްވާއިރު، އޭރުވެގެންދިޔަ މިންގަނޑާއި ގާތްކުރަމުން އަންނަކަމަށް ފާހަގަކުރެވޭކަމަށާއި އެހެންކަމުން މި ދުވަސްވަރު ހިންގޭ ތަރައްގީގެ މަސައްކަތްތައް ފަދަ ހަރަކާތްތަކުގެ ސަބަބުން އަލުން އަނބުރާ އިޔާދަވުން ލަސްވެގެންދިއުމާއި ހުރަސްއެޅިގެންދިއުން އެކަށީގެންވާކަމަށެވެ. އަދި ރާއްޖޭގައި ކުރިއަށް ގެންދާ ފަޅުފުންކުރުމާއި ރިވެޓްމެންޓުޖެހުން އަދި ބީޗް ނޮރިޝްމެންޓަކީވެސް އެކަމުގެ ސަބަބުން މާހައުލަށް ނޭދެވޭ އަސަރުތައް ކުރާ މަސައްކަތްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: