ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ފަށާފައިވާ އޮޕަރޭޝަން ”ކުރަނގި“ މާލެ އަތޮޅު މާފުށީގައި ހިންގައި އެރަށުން 1076 ބިދޭސީންގެ މަޢުލޫމާތު ނަގާފައިވާކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދީފި އެވެ.
ކުރަނގި ޕްރޮގްރާމްގެ ދަށުން، މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މާފުއްޓަކީ އޭގެ ތެރޭގައި ހިމެނޭ ދެވަނަ ރަށެވެ. ރާއްޖެ 5 ސަރަޙައްދަށް ބަހާލައިގެން އެ މަސައްކަތް ވަރަށް އަވަހަށް އެހެން އަތޮޅުތަކުގައި ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މޭއި، 2 ގައި ހިންމަފުށި އިން ފެށި މި ޕްރޮގްރާމުގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތުތައް ވެސް އަހަރެއްގެ ތެރޭގައި އެއްކުރުމެވެ. ހިންމަފުށީގައި ވަނީ އެރަށުގައި ދިރިއުޅޭ 705 ބިދޭސީންގެ ތަފްސީލީ މަޢުލޫމާތު ނަގާފައެވެ.
ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ގާއިމުކުރުމަކީ ހޯމް މިނިސްޓްރީ، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ ފައްޓާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ.
މި ޕްރޮގްރާމްގައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެކި ފޭސްތަކަކަށް ބަހާލައިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެކަމަށެވެ.
މި މަސައްކަތާއި ގުޅޭގޮތުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވި ގޮތުގައި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާ އެމީހުން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް ދެނެގަތުމެވެ. އަދި އެއީ ރާއްޖޭގައި ބިދޭސީން އުޅުމުމުގެ އުސޫލުން ތެރެއިން މަސައްކަތްކުރާ މީހުންތޯ ދެނެގަތުންކަމަށް ވިދާޅުވި އެވެ.

