ގުދުރަތީގޮތުން ބިމުގެ ޖާގަ ކުޑަ މި ރާއްޖެ އަކީ ފެށުނީއްސުރެންވެސް، ކައިރީ އަދި ދުރު ހިސާބުތަކުގައި އޮތް އެކި އެކި ޤައުމުތަކުގެ މަދަދުވެރިކަމަށް ކޮންމެވެސް މިންވަރަކަށް އަބަދުވެސް ބޭނުންވާ ޤައުމެކެވެ. މިކަން މިހެން ދިމާވުމުގައި އޮތީ އެންމެ ސަބަބެއް ނޫނެވެ. ރާއްޖެއަކީ އަމިއްލަ އުފެއްދުންތެރިކަން ވަރަށް ކުޑަ ގައުމެކެވެ. ކާބޯތަކެތީގެ ގިނަ ބާވަތްތައް އެތެރެ ކުރަމުން މި އަންނަނީ އެކި ޤައުމުތަކުންނެވެ.
ކަން މިހެން އޮތްއިރު، ރާއްޖޭގެ އާމްދަނީ ބަރޯސާވެފައި އޮތީ ފަތުރުވެރިކަމާއި މަސްވެރިކަމަށެވެ. ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ފަތުރުވެރިކަމުގެ އެންމެ ތިޔާގި މޫސުމުގައި ރާއްޖޭގެ މައި ދޮރާށި ކަމުގައިވާ، ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގެ މިހާރު ބޭނުންކުރަމުން އަންނަ ޓާރމިނަލްގެ ކެޕޭސިޓީއިން ނުފުދިގެން ބޭނުން ވާވަރަށް ފްލައިޓް ދަތުރު ނުކުރެވޭ ފަހަރުވެސް އާދެއެވެ.
މިކަން މިހެން ވުމުގެ ސަބަބުން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައު ޓާރމިނަލްއެއް އެޅުމަށް ނިންމައި، މަސައްކަތް ފެއްޓިއެވެ. އަލަށް ބިނާކުރެވެމުން އަންނަ ޓާރމިނަލް އަކީ ހަގީގަތުގައި މިއަދު ދައުލަތުގެ ލޯނު ދެއްކުމުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާނެ އެއް ތަން ކަމުގައި މިހާރުގެ ބައެއް އިސް ސިޔާސީ ބޭފުޅުން ބުނެ އުޅެއެވެ. ސުވާލަކީ 2018-2023 ގައި ވެރިކަމާއި ހަވާލުވީ ވެރިންނަށް މިކަން ފަހުމު ނުވެ ދިޔައީ ކީއްވެތޯއެވެ.
ދައުލަތުގެ ދަރަނި ވަނީ 2023 ވަނަ އަހަރު ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު 120 ބިލިއަން ރުފިޔާއަށް އަރާފައެވެ. ރާއްޖޭގެ ތާރީޚުގައިވެސް 2018 ވަނަ އަހަރާއި ހަމައަށް ދަރަނި އަރާފައިވާ އަދަދަކީ ،56 ބިލިއަނަށެވެ. އަދި، ޗާޕު ކުރެވުނު ފައިސާގެ އަދަދަކީ 6 ބިލިއަން ރުފިޔާވެ. މި ދެކެވެނީ މާލެ ތަރައްޤީވެ، މާލެއިން ހުޅުލެއަށް ބްރިޖްއަޅައި، ހުޅުލެއިން ހުޅުމާލެއަށް ފްރީވޭ މަގެއް އަޅައި، އެއާރޕޯޓްގެ އިތުރު ރަންވޭއެއް އަޅައި، 25 ބުރީގެ ބިޔަ ހޮސްޕިޓަލްއެއް އިމާރާތްކޮށް، އަދިވެސް އެތައް ބައިވަރު ފާހަގަ ވާވަރުގެ ބިޔަ މަޝްރޫއުތަކެއް ނިންމުނު އިރު ދައުލަތުގެ ދަރަނި އެރި ހިސާބުގެ ވާހަކައެވެ. މިއީ 40 އަހަރުގެ ދިގު މުއްދަތެއް ތެރޭ ރާއްޖެ އެކި ހަރުފަތުގެ މަތިން ތަރައްޤީވެފައި ވީއިރު ދައުލަތުން ދައްކަން ޖެހިފައިވާ ދަރަނީގެ އަދަދެވެ.
2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް އެކަނި ދައުލަތުގެ ދަރަނި ބޮޑުވެގެން ދިޔައީ ކިހާ މިންވަރަކަށްތޯ ބަލާލާނަމެވެ. އެންމެ 5 އަހަރުގެ ތެރޭގައި 64 ބިލިއަން ރުފިޔާ ދައުލަތުގެ ދަރަންޏަށް އިތުރުވެފައިވާ މަންޒަރު ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ.
ރާއްޖެއަށް 40 އަހަރުތެރޭ އައި ތަރައްޤީއާއި ނުބައްދަލު ތަރައްޤީގެ އެތައް މަޝްރޫއުއެއް މިވަރުގެ އަދަދަކުން ގެނެވެން ވާނެކަމާއިމެދު ޝައްކު ކުރާނެ މީހަކު އުޅުމަކީ ވަރަށް ނާދިރު ކަމެކެވެ. އޭގެ އިތުރުން، 40 އަހަރުތެރޭ 6 ބިލިއަން ޗާޕު ކުރެވިފައި ވާއިރު، ވޭތުވެ ދިޔަ 5 އަހަރުގެ މުއްދަތެއްގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕު ކުރެވިފައި ވެއެވެ. ނެގިފައިވާ ލޯނުގެ އަދަދަށް ބަލާލައިފިނަމަ، މިއީ މިކަހަލަ އިތުރު މާލެސިޓީއެއް ނަގައި ކޮޅަށް ޖެހޭނެހާ ފައިސާއެވެ.
ވޭތުވެ ދިޔަ 5 އަހަރުތެރޭ ރާއްޖޭގެ ގިނަ ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތަކެއް ހިންގުނެވެ. ސުވާލަކީ އޭގެ ކުރިން އައި 40 އަހަރު ތެރޭ، މިއިން އެއްވެސް ރަށެއްގައި ތަރައްޤީގެ އެއްވެސް ޕްރޮޖެކްޓެއް ނުހިނގާތޯއެވެ. މި މޭރުމުން ބެލި ނަމަވެސް، ނެގި ލޯނުގެ އަދަދާއި އަޅާ ކިޔޭނެ މިންވަރަކަށް ރައްޔިތުންނަށް ތަރައްޤީ ފޯރު ކޮށްދެވިފައެއް ނުވެއެވެ. އަމިއްލައަށް ފަށައިގެން ނިންމުނު ބޯހިޔާވަހިކަމުގެ ބިޔަ އެންމެ މަޝްރޫއުއެއްވެސް ނެތެވެ.
ދައުލަތް ބޮޑުތަނުން ދަރަނިވެފައިވާއިރު، މި ފައިސާތައް ޚަރަދުކުރުމުގައި ވޭތުވެ ދިޔަ 5 އަހަރުތެރޭ އެއްވެސް ފަރާތެއް އިހުމާލުވެފައި ވުމަކީ ދިވެހީން މިކަމަށް ދޫ ދޭން ބޭނުން ވާނެ ކަމެއް ނޫންކަން ހަމަ ގައިމެވެ. އެތައް ކުންފުންޏަކުން ވަނީ ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށްވެސް ދަރާފައެވެ. ފެނަކައިގެ ދަރަނީގެ ވާހަކަ މިއީ ގިނަ ބަޔަކަށް އައު ވާހަކައެއް ނޫނެވެ.
ރައްޔިތުން މިއަދު އެދެނީ، ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ޚަރަދުކޮށް، ޚިޔާނާތްތެރިވެފައި ވާނަމަ އެކަމުގެ ފުރިހަމަ ޒިންމާ އެކަމެއް ކުރި ފަރާތަކުން އުފުލުމަށެވެ. ރައްޔިތުން އެދި ގޮވަނީ މިފަދަ އަނދަވަޅަކަށް ޤައުމު ވައްޓާލީ ކޮން ބައެއްތޯ ސާފު ވުމަށެވެ.

