އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދަކީ އިދިކޮޅު ފިކުރުގެ ބޭފުޅެއްކަމަށާއި، އޭނާއަށް ސަރުކާރާ ދެކޮޅަށް ކަންތައްތައް ކުރުމަށް ”އޯޑަރު“ ލިބޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އާހިދު އައްޔަނު ކުރީ، ރައީސް އިބްރަހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސެޕްޓެމްބަރު ސެޕްޓެމްބަރު 06، 2021 ވަނަ އަހަރު އެވެ. އާރުޓީއައިތަކަށް މައުލޫމާތުތައް ނުދޭ މައްސަލައިގައި އާހިދު ވާހަކަ ދައްކަވާއިރު، މިފަހުން ސަރުކާރުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް އާންމުކޮށްފައިވާކަމަށް ”އެކްސް“ ގައި ޕޯސްޓެއް ކުރައްވާފައި ވެއެވެ. އަދި އާރުޓީއައިތަކަށް މައުލޫމާތު ނުދީގެން ގިނަ މައްސަލަތައް ހުށަހަޅާފައި ވަނީ، ރައީސް އޮފީހާއި ދެކޮޅަށްކަމަށް ވިދާޅުވެފައި ވެއެވެ.
މައުލޫމާތު ނުދޭ މައްސަލައެއްގައި އިންފޮމޭޝަން ކޮމިޝަރުގެ ގާނޫނީ ޒިންމާ އަދާކުރަން ރައީސް އޮފީހުން ހުރަސް އަަޅަމުންދާ ކަމަށް ކަނޑައަޅައި، އެ އޮފީސް 2،000 ރ. އިން ޖޫރިމަނާ ކުރުމަށް ވެސް އެ ކޮމިޝަނުން މިދިޔަ ހަފްތާގައި ނިންމި އެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ ދެފުށް ފެންނަ ޖަވާބުދާރީވަނިވި ސަރުކާރެއްކަމަށާއި، ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއަށް އޯޑަރު އަންނާނެ އެއްވެސް ބޭފުޅަކު ނުހުންނާނެކަމަށެވެ. ރައީސް ވިދާޅުވީ، މިނިވަންކަމުގެ ވާހަކަ ދައްކާއިރު ސަރުކާރު ހިންގާ ނިޒާމުގެ މިނިވަންކަން ފާހަގަކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ހެޔޮވެރިކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ތަންފީޒު ކުރުމަކީ މި ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ސަތޭކަ އިންސައްތަ ހާމަކޮށް ނިންމާފައިވާ ކަމަށެވެ. އެކަން އެންމެ ފުރަތަމަ ވެސް އިއުލާނު ކުރެއްވީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންކަމަށް ރައީސް ވިދާޅުވި އެވެ.
އިންފޮމޭޝަން ކޮމިޝަން ހިންގަން ހުރި އިދިކޮޅު ފަރާތެއް. މިދިޔަ ސަރުކާރުން ޢައްޔަންކުރަނިވި ބޭފުޅެއް. ގައިމު ނުކުރައްވާނެ ދެއްތޯ، ސިޔާސީގޮތުން އަޅުގަނޑުމެންނަށް ދެކޮޅު ކަންތައްތައް ކުރައްވަން، އޯޑަރު އަންނަން ބޭފުޅަކު އެކަހަލަ އިއުލާނެއް. އެކަން އަޅުގަނޑުމެން ތަންފީޒު ނުކުރާނަމޭ. ސަރުކާރު ކުންފުނިތަކުން ވެސް އެދެނީ މިހާރު 100 ޕަސެންޓް ތަންފީޛު ކުރަމުން. މައުލޫމާތުތައް ހިއްސާ ކުރަމުން.
ސަރުކާރުގެ ވުޒާރާތަކުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް މިހާރު ދަނީ މައުލޫމާތު ހާމަކުރުމުގައި 100 އިންސައްތަ ނަތީޖާ ހާސިލުކުރަމުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބު ދިނުމާއި، ގަވާއިދުން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމަކީ މި ސަރުކާރުން ދައްކަމުން އަންނަ ނަމޫނާއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނޫސްވެރިންނާ ގާތުން މަސައްކަތްކޮށް، މީޑިއާއަށް ރައްޓެހި މާހައުލެއް ގާއިމުކުރުމަކީ ޑިމޮކްރަސީގެ މުހިންމު އަސާސެއްކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށް ގިނަ ކަންކަން ރޭވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ”ޓައުންހޯލް“ ކޮންސެޕްޓަށް ވަޒީރުން ސީދާ ރައްޔިތުންނަށް މައުލޫމާތު ދެމުންދާނެ ކަމަށެވެ. މި ބައްދަލުވުންތަކުގައި ރައްޔިތުން ކުރާ ސުވާލުތަކަށް ވަޒީރުން ޖަވާބުދެއްވާނެކަމަށާއި، މިއީ މިހާރަށްވުރެ މާ ހާމަކަން ބޮޑު ގޮތެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެޅޭ ފިޔަވަޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ދެފުށް ފެންނަ އަދި އިހުލާސްތެރި ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ.

