ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު އޭޓީއެމްތައް ކައިރީގައި ޚާއްސަ ރެއިޑެއް، ޑޮލަރުގެ ވިޔަފާރިކުރި ދެ ބިދޭސީން އަތުލައިގެންފި

މީހަކު ޑޮލަރުތަކެއް ގެންގުޅެނީ -- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ޑޮލަރު އޭޓީއެމްތައް ކައިރީގައި ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ރޭ ކުރިއަށް ގެންގޮސްފައިވާ ކަމަށާ، އެ އޮޕަރޭޝަންގެ ތެރެއިން ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ދެ ބިދޭސީން އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި އެމިގްރޭޝަނުން ބުނީ އެ ދެ ބިދޭސީންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބައެއް ކަމަށެވެ. އަދި އެ މީހުން ހައްޔަރުކުރީ މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ ބޭނުމުގައި ކަމަށާއި އެއީ، ބާބުލް މިއާ ނަމަކަށް ކިޔާ މީހަކާއި މުޙައްމަދު މޮކްޗަންދަލީ ނަމަކަށް ކިޔާ މީހެއް ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ބަންގްލަދޭޝަށް ނިސްބަތްވާ ދެ މީހުން ކަން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ އޭގެ އިތުރުން، ފުލުހުންގެ އެހީތެރިކަމާ އެކު މާޗު މަހުގެ ނުވަ ވަނަ ދުވަހު ވެސް ޑޮލަރުގެ ވިޔަފާރިކުރި ބަންގްލަދޭޝްގެ ހަ މީހަކު ހައްޔަރުކޮށް، ޑީޕޯޓުކޮށްލާފައިވާ ކަމަށެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނުން އިސްނަގައިގެން ފުލުހުންގެ ޚިދުމަތާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި އޮޕަރޭޝަނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއެކު، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މި އޮޕަރޭޝަނުގައި މާލެ ސަރަހައްދުގައި މާރުކޭޓުގެ ގޮތުގައި ހިންގަމުން އަންނަ ހަތަރު ތަނެއް ބަލައި ފާސްކޮށް ޖުމްލަ 83 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާންނަގާފައިވާ ކަމަށް އެ އިދާރާއިން ވަނީ ހިއްސާކޮށްފައެވެ.

އޭގެތެރޭގައި، ސައްޙަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނާއި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ބިދޭސީން ހިމެނޭ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

މި ރެއިޑް އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެދަށަށް ގެންދިޔަ ބިދޭސީން ފުރުވާލުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށާއި އެގޮތުން ގަވާއިދާ ޚިލާފަށް އުޅޭ، 1800 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެ އިދާރާއިން ބުނީ، އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައި ވެސް ފުޅާކޮށ،ް މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށ،ް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: