މަޖިލީހުގެ މަސައްކަތަށް އެއްފާރާތްކޮށް، ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް އެމްޑީޕީން ތަކުރާރުކޮށް ކުއްލި މައްސަލަތައް ހުށަހަޅާކަމަށް ވިދާޅުވެ ގަވައިދަށް ބަދަލު ގެނައުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް އޮތް އިރު އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 12 އެވެ. ސަރުކާރާއި މެދު ހުރި ހިތްހަމަނުޖެހުންތައް ފާހަގަކޮށް، އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަތައް ބަލައިގަނެ މަޖިލީހުގެ ކުރީކޮޅު އެއަށް ބަހުސް ކުރި ނަމަވެސް މިދިޔަ ހަފްތާއާއި މިއަދު ވެސް އެމްޑީޕީ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފަ އެވެ.
މި މައްސަލަތައް ބޭރު ކުރި ސަބަބެއްކަމަށް ސަރުކާރު މެމްބަރުން ބުނެފައި ވަނީ، ތަޅުމަށް މުހިންމު ބިލުތަކެއް ހުށަހެޅިފައި ވާތީ ވަގުތު ބޭކާރު ކުރުމަށް ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.
ތަކުރާރުކޮށް ހުށަހަޅާ މިފަދަ ކުއްލި މައްސަލަތަކުން، މަސައްކަތްތަކަށް ހުރަސް އެޅޭކަމަށް ވިދާޅުވެ ގަވައިދަށް ބަދަލު ގެނައުމަށް އެންމެ ފުރަތަމަ ގޮވާލެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް އެވެ. އޭނާ ވިދާޅުވީ ކުއްލި މައްސަލައެއް ހުށަހެޅޭނީ، ވަކި އުސޫލެއްގެ ދަށުން ނަމްބަރުތަކެއް ހަމަވެގެންކަމަށް ގަވައިދު ބަދަލު ކުރަން ޖެހޭކަމަށާއި، އެ ނޫނީ އެމްޑީޕީގެ އުނދަގޫތަކާއި ކޮންމެ ދުވަހެއްގެ ވެސް ޖަލްސާ ފެށުމާ އެކު ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
މުސްތަފާއަށް ފަހު ވާހަކަ ދެއްކެވި، ޕީއެންސީގެ އެހެން މެމްބަރުން ވެސް ވަނީ އެ ނުކުތާ ނަންގަވައި ގަވައިދު ބަދަލު ކުރުމަށް ގޮވާލާފަ އެވެ. އެމްޑީޕީގެ ކުއްލި މައްސަލަ ބޭރު ކުރުމަށް، ވޯޓު ވެސް ދެއްވި އައިފާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސިޔާސީ އެޖެންޑާއެއް ކުރިއެރުވުމަށް ޖާގައެއް ނުދޭނެކަމަށެވެ. އަދި ހާއްސަކޮށް ރައްޔިތުންގެ ނަން ބޭނުންކޮށް، އޮޅުވާލައި ދޮގު ފެތުރުމަށް ވެސް ޖާގަ ނުދޭނެކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ހުއްޓައި، އެމްޑީޕީން ގަސްތުގައި ޖެއްސުން ކުރުމަށް ހުށަހަޅާ ކުއްލި މައްސަލަތަކަށް ޖާގަ ނުދިނުމަށް މިއަދުގެ ޖަލްސާގައި އައިފާން ގޮވާލި އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ވެސް ފެނިގެން ދިޔައީ، ރައްޔިތުންނަށް ގެއްލުންވާނެ ގޮތަށް ދައުލަތް ހިންހިގި މަންޒަރު ކަމަށެވެ. އެ އަމަލުތައް މިއަދު ވެސް ތަކުރާރުކޮށް، ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް އެމްޑީޕީން އުޅުމަކީ ބަލައިގަނެވޭކަމެއް ނޫންކަމަށް އައިފާން ވިދާޅުވި އެވެ.
މިކަހަލަ ރައްޔިތުންނާ ގުޅޭ މުހިންމު މައްސަލަތައް، ހުއްޓާ އެކި ފާޑުފާޑުގެ.. ކޮންމެ ދުވަހަކު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ކޮންމެވެސް ނަމެއްގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ތަފާތު އެކި ކުއްލި މައްސަލަތައް ހުށަހަޅާތަން.. ކަމާއި ނުގުޅޭ ކަންކަމުގައި ވެސް، ރައްޔިތުންނަށް އޮޅޭ ގޮތަށް ހުށަހެޅޭ މިފަދަ މައްސަލަތައް އެބަ ޖެހޭ ހަގީގަތުގައި މުރާޖައާ ކުރަން… ހަގީގަތުގައި މިހެން ހުށަހަޅާއިރު މަޖިލީހުގެ މުހިންމު ވަގުތުތައް ގެއްލޭ ގޮތަށް، އޮތް އޮތުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން އަޅުގަނޑު ދެކޭ ގޮތުގައި.. އެހެންވީމަ މިކަންކަން މިހާރު ހުރި ގޮތް ބަދަލުކޮށް، ތަންކޮޅެއް ރަނގަޅު ނިޒާމެއްގެ ތެރެއިން ކުރެވޭނެ ގޮތެއް ފަހިކުރުން މުހިންމު..
އައިފާން ވިދާޅުވީ މަޖިލީހުގެ މަސައްކަތަށް އެއްފާރާތްކޮށް، ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް އެމްޑީޕީން ތަކުރާރުކޮށް ތަޅުމުގައި ވާހަކަ ދައްކާ ކަމަށެވެ. އެހެންކަމުން އެފަދަ ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ޖާގަ ނުލިބޭ ގޮތަށް ގަވައިދު ބަދަލު ކުރުމަށް، އޭނާ ގޮވާލި އެވެ.
އައިފާން ވިދާޅުވީ މަޖިލީހުގެ ވަގުތު ގެއްލޭ ގޮތަށް، ކުއްލި މައްސަލަ ހުށަހެޅުމުގެ އެ ޖާގަ ލިބިދީފައި އޮތުމަކީ ރަނގަޅު ގޮތްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

