2023 ވަނަ އަަހަރުގެ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ބޮލަކަށް އެންމެ މަތީ ޖީޑީޕީގެ އަދަދެއް ހާސިލުކޮށްފައި ވަނީ ދިވެހިރާއްޖެއިންކަމަށް ވޯލްޑް ބެންކްއިން ބުނެފިއެވެ.
ވޯލްޑް ބެންކުން ހިއްސާކޮށްފައިވާ ކަންޓްރީ ކްލައިމެޓް އެންޑް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާގޮތުން، ރާއްޖެއިންވަނީ ވޭތުވެދިޔަ 20 ވަރަކަށް އަހަރުގެ ތެރޭގައި އިގްތިސާދީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފަ އެވެ. އަދި 2023 ވަނަ އަހަރުގެ ތެރޭގައި ސައުތް އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ބޮލަކަށް ޖީޑީޕީގެ ނިސްބަތުން އެންމެ މަތީ އަދަދެއްވެސް ހާސިލުކުރީ ރާއްޖެއިންކަމަށް ބުނެފައިވާއިރު، ސިއްހަތާއި ތައުލީމީ ދާއިރާގެ ކަންކަމަށް ރިއާޔަތްކޮށް ހިއުމަން ކެޕިޓަލްވެސް އެންމެ މަތީ ގައުމަކީ ރާއްޖެކަމަށް ބުނެފައިވާއިރު މިއީ ގިނައިން އާމްދަނީ ލިބޭ ގައުމުތަކާއި އެއްފަދަ ހިސާބުތަކެއް ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ވޯލްޑް ބެންކްއިން ބުނެފައިވާގޮތުން 2000ގެ އަހަރުތަކުން ފެށިގެން ރާއްޖެއިންވަނީ ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތް ދެގުނަ ކޮށްފައިކަމަށެވެ. އަދި މީގެ ކުރިން މަދުން އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ރާއްޖެއަކީ މިހާރު މެދުމިނުގެ އާމްދަނީއެއް ލިބޭ ގައުމެއް ކަމަށް ކަނޑައެޅިފައިވާކަމަށްވެސް ބުނެފައިވާއިރު ރާއްޖެއިން ވަރަށް ބޮޑަށް ފަގީރުކަން ނެތިގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.
ހިއުމަން ކެޕިޓަލްގެ ދާއިރާއިންވެސް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ބުނެފައިވެއެވެ.
އެގޮތުން 1960 އާއި 2020 އާއި ދެމެދު ލައިފް އެކްސްޕެކްޓެންސީ ނުވަތަ މީހަކު ދިރި ހުންނާނެކަމަށް ބެލެވޭ އުމުރުވެސް ވަނީ ދެގުނަ ވެފައިކަމަށާއި ކުޑަކުދިންނާއި މައިން ނިޔާވާ މިންގަނޑުތައްވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައިކަމަށްވެސް ރިޕޯޓުގައިވެއެވެ.
ރާއްޖޭގައި ތައުލީމު ލިބިގަތުމުގައިވެސް ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިފައިވާކަމަށް އެ މުއައްސަސާއިން އިޝާރާތްކޮށްފައިވާއިރު އޭރުގެ ސަރުކާރުން ރާއްޖޭގައި އިންފްރާސްޓްރަކްޗާ ބިނާކުރުމަށްޓަކައި އިންވެސްޓްކުރުމަށް އަހައްމިއްޔަތު ދޭކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން 2002 ވަނަ އަހަރުން ފެށިގެން މިހާތަނަށް 200 އަށްވުރެ ގިނަ ބަނދަރާއި ހަ މައި ސީޕޯޓެއް ބިނާކޮށްފައިވާކަމަށާއި 17 އެއަރޕޯޓުގެ އިތުރުން އެތައް ސީވޯލް އަދި ޖެޓީވެސް ބިނާކޮށްފައިވާކަމަށް މައުލޫމާތު ޝާއިއުކޮށްފައިވެއެވެ.


One Response
ތީގެ ފައިދާ ކުރީ ކޮންބަޔަކަށް!