ރާއްޖޭގައި އިންސާނީ ވަގުފާރީގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ދަށަށް ގޮސްފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުންވަނީ މި އަހަރުގެ ”ޓްރެފިކިންގް އިން ޕާސަންސް ރިޕޯޓް“ ގައި ރާއްޖޭގައި ހިއުމަން ޓްރެފިކިންގް މައްސަލަ ހައްލު ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.
އެގޮތުން ސަރުކާރުންވަނީ އެ މައްސަަލަ ހައްލު ކުރުމަށްޓަކައި ކުރަމުންދިޔަ މަސައްކަތްތަކުގެ މިންގަނޑުތައް ދަށް ކޮށްފައިކަމަށާއި މި ކަމަށް ހާއްސަކޮށް އެންޓި ހިއުމަން ޓްރެފިކިންގް ކޮމިޓީއެއް އޮތް ނަމަވެސް އެންޓި ޓްރެފިކްންގް އޮފީހާއި ދެމެދު ރިޕޯޓު އެކުލަވާލެވުނު ދުވަސްތަކުގެ ތެރޭގައި އެއްވެސް ވަރަކަށް ބައްދަލުވުންތަކެއް ބާއްވާފައިނުވާކަމަށްވެސް ބުނެފައިވެއެވެ.
ނިމިދިޔަ އަހަރުގެ ތެރޭގައި ވެރިކަން ބަދަލުވުމާއިއެކު އެންޓި ޓްރެފިކިންގް އޮފީހުގެ މަސައްކަތްތައް ވަނީ މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ބެލުމުގެ ދަަށަށް ބަދަލުކޮށްފައިކަމަށްވެސް ބުނެފައިވާއިރު، އެ އޮފީހުގައި އިންތިހާއަށް މުއައްޒަފުން މަދުވުމުގެ މައްސަލަ ފާހަގަކުރެވޭކަމަށާއި މާ ބޮޑު މަސައްކަތްތަކެއްވެސް ނުކުރާކަން ފާހަގަކުރެވޭކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ގައުމީ އެންޓި ޓްރެފިކިންގް މައްސަލަ ހައްލުކުރުމުގެ މަސައްކަތްތަކަށް މަޑުޖެހުމެއް އައިކަމަށާއި 2023 އިން 2024 މާޗުގެ ނިޔަލަށް އެކުލަވާލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭންވެސް ރިޕޯޓު އެކުލަވާލެވުނު އިރުވެސް އެޕްރޫވް ވެގެން އައިސްފައިނުވާކަމަށް ފާހަގަކޮށްފައިވެއެވެ.
2024 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން އޭޓީއޯގެ މަސައްކަތްތަކަށް 900،000 ރުފިޔާ ހިމަނާފައިވާއިރު، މި އަަދަދަކީ 2023 ވަނަ އަހަރުގެ ތެރޭގައި ހިމަނާފައިވާ ބަޖެޓަށްވުރެ ދަށް އަދަދެއް ކަމަށް ބުނެފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ބަޖެޓުގައި އެންޓި ޓްރެފިކިންގް އޮފީހުގެ މަސައްކަތްތަކަށް 1.6 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށާއި އޮޕަރޭޓިންގް ކޮސްޓުގެ ގޮތުގައި އެކަނިވެސް އެ އަހަރު 282،002 ރުފިޔާ ދީފައިވާކަމަށް ބުނެފައިވެއެވެ.
ރާއްޖޭގެ އެމްޕްލޮއިމެންޓް އެކްޓަށް ގެނައި 6 ވަނަ އިސްލާހުގައި ބިދޭސީ މުއައްޒިފުންގެ ކަންކަން ބެލެހެއްޓުމުގެ ގޮތުން މާއްދާތަކެއް ހިމަނާފައިވާކަމަށްވެސް އަލިއަޅުވާފައިވެއެވެ. އެގޮތުން އިސްލާހާއިއެކު ރާއްޖެއަށް ކޮންމެ ގައުމަކުންވެސް އެތެރެވެވޭނެ ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް 100،000ގައި ހިފެހެއްޓިކަމަށާއި އެކަން ކުރީ ރާއްޖެއަށް އެތެރެވާ މީހުންގެ އަދަދުތައް ކަށަވަރުކުރުމާއި ރެކްރޫޓްމެންޓް ސިސްޓަމްގެ ނާޖާއިޒް ފައިދާ ނެގުން ހުއްޓުވުމުގެ ގޮތުންކަމަށްވެސް ބުނެފައިވެއެވެ.
އެހެންނަމަވެސް ޑިސެމްބަރު 2023ގައި އައު ސަރުކާރުންވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ބަންގްލަދޭޝްއިން އަންސްކިލްޑް ވާކާޒް ގެނައުން މަނާކޮށްފައި އޮތް އޮތުން ބަދަލުކޮށް އަލުން މީހުން އެތެރެ ކުރަން ފަށާފައިކަމަށް ބުނެފައިވާއިރު، މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށާއި ޓްރެފިކްންގް މައްސަލައާއި ދެކޮޅަށް އެއްވެސް އިތުރު ފިޔަވަޅުތަކެއް ނާޅާކަމަށްވެސް ބުނެފައިވެއެވެ.

