އައިކޮމް އިން ޕީޖީއަށް ހުށައަޅާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރާއި ގުޅުންހުރި މައްސަލައެއްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މައުލޫމާތު ސިއްރުކުރަމުންދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންދަނީ ފާޑުކިޔަމުންނެވެ. އަދި މައުލޫމާތު ހާމަނުކުރި މައްސަލައިގައި ދައުވާކުރުމަށް އެދި އައިކޮމްއިން ޕީޖީއަށް މައްސަލައެއް ހުށައަޅާފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުރުމާއިއެކު ތަރުޖަމާނު ހީނާވަނީ އެކަމަށް ޖަވާބުދާރީވެވަަޑައިގެންފައެވެ.
ހީނާ ވިދާޅުވީ، އާރްޓީއައިގެ ދަށޫން ރައީސް އޮފީހުން މައުލޫމާތު ނުދީގެން ޖިނާއީ ދައުވާއެއް ކޮށްދިނުމަށް އެދި އައިކޮމްއިން ޕީޖީއަށް ހުށައަޅާފައިވަނީ މި ސަރުކާރާއި ގުޅުން ހުރި މައްސަލައެއް ނޫންކަމަށެވެ. އަދި އެއީ ރައީސް ސާޅިހުގެ ސަރުކާރާއި ގުޅުންހުރި މައްސަލައެއްކަމަށް ވިދާޅުވިއިރު ހީނާވަނީ އެއީ ކޮވިޑް ވެކްސިން އާއި ގުޅުން ހުރި މައުލޫމާތުތަކެއް ސާފުކުރުމަށް 2022 ވަނަ އަހަރު ހުށައަޅައި އޭރުއްސުރެ މައުލޫމާތު ނުދީ އޮތް މައްސަލައެއްކަމަށެވެ.

