ސަރުކާރުގެ އުންމީދަކީ 2027 ވަނަ އަހަރުގެ ފަހުކޮޅު 5 މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިގެން ދިޔުން ކަމަށާއި، އޭގެ ސަބަބުން މިސްކިތްތައް ބަލަން އަންނަ ފަތުރުވެރިން އިތުރުވެ، އިގުތިސާދީ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ރޭ ވިދާޅުވެއްޖެއެވެ.
ވަޒީރުންނާއި ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ އަހާ ފޯރަމްގައި އާންމު ރައްޔިތަކު ވަނީ ދިވެހިރާއްޖޭގެ ސަޤާފަތް ދުނިޔެއަށް އިޝްތިހާރުކޮށް ސަޤާފީ ތަފުރުވެރިކަން ފުޅާކުރުމަށް ޓުއަރިޒަމް މިނިސްޓްރީއާއެކު ހަރުދަނާ ނަތީޖާ ފެންނަ ސިޔާސަތުތަކެއް ކަނޑަނޭޅި ލަސްވަމުންދަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ހީނާ ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން ގާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވާ އާލާކުރުމުގެ މަޝްރޫއުގައި ހިމެނޭ ރަށްތަކަށް މާލީ މަންފާ ލިބޭނެގޮތަށް ސްޓްރެޓެޖިކް ޕްލޭން އެކުލަވާލަމުންދާ ކަމަށެވެ.
އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ރަށްތަކަކީ ހއ. އުތީމު، ބާރަށް، ތަކަންދޫ، ށ. މަރޮށި އަދި ލ. އިސްދޫއެވެ. ހީނާ ވިދާޅުވީ، ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާތައް ނިމިފައިވާ ކަމަށާއި މި މަހުގެ ނިޔަލަށް ފައިނަލް ލިޔުން ޔުނެސްކޯއަށް ހުށަހެޅޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
”ގާޒި ބަންޑާރައިންގެ ހަނދާންތައް ދިރުވާ އާލާކުރުމުގެ މަޝްރޫއުގައި ހިމެނޭ ރަށްތަކަށް އަމާޒުކޮށްގެން އެ ރަށްތަކުން ފަތުރުވެރިކަމުގެ މާލީ މަންފާ ލިބޭ ގޮތަށް ސްޓްރެޓެޖިކް ޕްލޭން އެކުލާލުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ފަށާފައި ގާތްގަނޑަކަށް އެ މަސައްކަތް ނިމުމުގެ މަރުހަލާގައި މިވަނީ،“ ހީނާ
ހީނާ އިތުރަށް ވިދާޅުވީ، މިފަދަ ޕްރޮޖެކްޓްތަކުން މާލީ މަންފާ ހޯދުމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސްއާއި ގުޅިގެން ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.
ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ރާއްޖޭގެ ސަޤާފީ ތަންތަން ހިމެނުމަށް މަސައްކަތް ކުރަމުންދާތާ 13 އަހަރު ވެފައިވާކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، ޖެނުއަރީ 2026 ވަނަ އަހަރު ރާއްޖޭގެ ތަރިކައިގެ ލިސްޓް ޔުނެސްކޯއިން ބަލައިގަނެފައިވާ ކަމަށެވެ. އެގޮތުން ހިރިގަލުގެ ފަސް މިސްކިތެއް އެ ލިސްޓުގައި ހުށަހަޅާފައިވާކަމަށް ހީނާ ވިދާޅުވިއެވެ. އަދި މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި އިންޓަރނޭޝަނަލް ކައުންސިލް އޮން މޮނިއުމަންޓްސް އެންޑް ސައިޓްސް(އައިކޮމޮސް) އިން އިވެލިއޭޝަން މަސައްކަތް ނިންމާފައިވާކަމަށާއި، އެއާއެކު ގެންނަންޖެހޭ ބަދަލުތައް ގެނެސް، މި މަހުގެ ނިޔަލަށް ހުށަހެޅިގެންދާނެކަމަށް ހީނާ ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ އުންމީދަކީ 2027 ވަނަ އަހަރުގެ ފަހުކޮޅު އެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިގެން ދިޔުން ކަމަށެވެ.
ވަޒީރު ވިދާޅުވީ، އެ މިސްކިތްތަކަކީ އިންޑިއާ ކަނޑުގެ ދަތުރުފަތުރުތަކާއި ވިޔަފާރިތަކުގެ ތެރެއިން އެތަކެއް ގުޅުންތަކެއް ރަމްޒުކޮށްދޭ މުހިންމު ހެކިތަކެއް ކަމަށާއި އަޅުގަނޑުމެންގެ ކާބަފައިގެން ހުނަރުތައްވެސް ފެނިގެންދާ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތަކަކީ ތާރީހުގެ ތެރެއިން ތަފާތު ދެ މަރުހަލާއެއް ސިފަކޮށްދޭ ތަންތަން ކަމަށާއި އެ ބިނާތަކަކީ ދިވެހިންގެ އަމިއްލަ އަތުން ބިނާކޮށްފައިވާ މުހިންމު ތަންތަންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އަންނަ އަހަރުގެ ކުރީކޮޅު އެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނިގެން ދިޔުމުން، އެ މިސްކިތްތައް ނިސްބަތްވާ ރަށްރަށާއި ދިވެހިރާއްޖެއަށް އިޤްތިސާދީ ގޮތުން އެތަކެއް ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި އެއީ ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ ތަރިކަ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެ މިސްކިތްތައް ބަލަން އަންނަ ފަތުރުވެރިން އިތުރުވެ، މިސްކިތްތައް ނިސްބަތްވާ ރަށްތަކަށާއި މުޅި ޤައުމަށް އިގުތިސާދީ ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހީނާ ވިދާޅުވީ، އެފަދަ މަސައްކަތްތަކަކީ ސަޤާފީ ފަތުރުވެރިކަން ރާއްޖޭގައި ފުޅާކުރުމަށް ރައީސްގެ ތަސައްވަރުގެ ތެރެއިން ކުރެވިގެންދާ މުހިންމު ކަމެއް ކަމަށެވެ.

