ޖުމްހޫރީ ފިކުރަކީ ދިވެހިންގެ ތެރެއަށް ތާރީހުގެ ވަރަށް ފަހުގެ ޒަމާނެއްގާ ތައާރަފްވި ފިކުރެއްނަމަވެސް ދިވެހީންގެ ތެރޭގައި އޮތް ވެރިކަމަކީ ޖުމްހޫރީ ވަރަށް ގިނަ ސިފަތައް އެކުލެވިފައި އޮތް ވެރިކަމެއްކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ހީނާ ވިދާޅުވީ ޖުމްހޫރީ ދުވަހަކީ އަމިއްލަ ކަރާމަތާއި، މިނިވަންކަމާއި ބަސް ބުނުމުގެ ހައްގު ޔަގީންކޮށްދީ ކޮންމެ މީހެއްގެ އަބުރާއި ކަރާމާތް ރައްކާކޮށްދީ ވެރިކަމުގައި ރައްޔިތުންނަށް ބައިވެރިވެވޭ ފުރިހަމަ ނިޒާމެއް ކަމަށެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު ފައިދާއަކީ ޖުމްހޫރީ ވެރިކަމެއްގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ބައިވެރިވެވޭ ރައްޔިތުންގެ ދުވަހަކަށް ވުން ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ތާރީހުން އަންގައިދެނީ ދިވެހީންނަކީ ގަދީމީ އަދި ހައިބަވަންތަ ވެރިކަމެއްގެ މަތީގައި ތިބި ބައެއްކަން ކަމަށެވެ. ދިވެހި ދައުލަތުގެ ދޮށިކަން އަންގައިދެނީވެސް މީގެ އެއްހާސް ފަސްސަތޭކަ އަހަރަށްވުރެ ކުރީއްސުރެ ދިވެހި ވެރިކަމުގެ ހަބަރުތައް ފެންނަން ހުރުމުންކަމަށް ހީނާ ވިދާޅުވިއެވެ.
”ޖުމްހޫރީ ވެރިކަމެއްގެ ބިންގަލަކީ ރައްޔިތުންކަމުގައި ވީ ހިނދު އޭގެ ތަރަހަޔަކީވެސް ހަމަ ތިޔަ ލޮބުވެތި ރައްޔިތުންކަމުގާ ވީހިނދު އަޅުގަނޑުމެންނަކީ މުރުއްވަތްތެރި އަޚުލާގެއްގެ ވެރި ބަޔަކަށް ވާންޖެހޭ ކަމުގައި ކާބަފައިންވެސް މިވަނީ އިލްތިމާސްކުރައްވާފައި. އަނެކުންނާ ރީތިކޮށް މުޢަމާލާތްކޮށް އުޅޭ އަނެކާގެ ގަދަރާއި އިހުތިރާމަށް ވިސްނަން ދަންނަ ބަޔަކަށްވެސް ވާންޖެހޭ ކަމުގައާއި ގައުމަށް ހުރުމަތްތެރިކޮށް ހިތުމަށާއި އިޚުލާސްތެރިކަން އިސްކުރުމަށްވެސް ހަނދާން ބަހައްޓަން ޖެހޭކަމަށް ގޮވާލާފައި“
ޖުމްހޫރީ ފިކުރަކީ ދިވެހިންގެ ތެރެއަށް ތާރީހުގެ ވަރަށް ފަހުގެ ޒަމާނެއްގާ ތައާރަފްވި ފިކުރެއްނަމަވެސް ދިވެހީންގެ ތެރޭގައި އޮތް ވެރިކަމަކީ ޖުމްހޫރީ ވަރަށް ގިނަ ސިފަތައް އެކުލެވިފައި އޮތް ވެރިކަމެއްކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި އެއީ ގައުމެއްގެ ގޮތުން ދިވެހިންނަށް ލިބިފައިވާ ފަހުރެއް އަދި ޝަރަފެއްކަމަށް ހީނާ ވިދާޅުވިއެވެ.

