ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކޮށްގެން މެނުވީ ދިވެހި ބަސް އާލާނުކުރެވޭނެ: ހީނާ

ދިވެހި ބަހާ ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު/ ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާއަކީ ދިވެހި ބަސް ކަމަށްވާއިރު މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކޮށްގެން މެނުވީ ދިވެހި ބަސް އާލާނުކުރެވޭނެކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އަހާ ފޯރަމްގައި އާންމު ރައްޔިތަކު ވަނީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިވެހި ބަހުން ރީތިކޮށް ވާހަކަދައްކަން ނޭނގޭ ކަމަށާއި އަދި ވަކިން ހާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންނަށް ދިވެހި ބަހުން ވާހަކަދައްކަން ނޭނގުމާއި އަދި ދިވެހި ބަސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމަކީ ގައުމީ ފެންވަރެއްގައި ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ފާހަގަކޮށްފައެވެ. އަދި އެކަން ހައްލުކުރުމަށް މިނިސްޓްރީން މިހާރު ކުރަމުންގެންދާ މަސައްކަތަކީ ކޮބައިތޯ އޭނާ ވަނީ ވަޒީރާ ސުވާލުކޮށްފައެވެ.

ސުވާލުގެ ޖަވާބުގައި ހީނާ ވަނީ އަދުގެ ޒުވާނުންނާއި ކުޑަކުދިންނަށް ދިވެހި ބަހުން ވާހަކަދައްކަން ނޭނގުން ނުވަތަ ދަތިވުމަކީ ޤައުމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރަކުން ކުރެވޭ ކަމަކުން އެކަނި ދިވެހިބަސް ދިރުވާ އާލާ ނުކުރެވޭނެ ކަމަށާއި ދިވެހި ބަސް ދިރުވާ އާލާކުރެވޭނީ ދިވެހިބަހަކީ އަޅުގަނޑުމެންގެ މާދަރީ ބަސްކަމާއި ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާއަކީވެސް ދިވެހި ބަސް ކަން އެނގި މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކޮށްގެން މެނުވީ ދިވެހި ބަސް އާލާނުކުރެވޭނެކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ.

”އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރަކުން ނުވަތަ ދިރާސާއަކުން ކުރެވޭ ކަމަކުން އެކަނި އަޅުގަނޑުމެންނަކަށް ދިވެހިބަސް ދިރުވާ އާލާ ނުކުރެވޭނެކަމަށް. ހަގީގަތުގައި މިކަންކަން ހައްލުވާނީ ނުވަތަ ދިވެހި ބަސް ދިރުވާ އާލާކުރެވޭނީ ދިވެހިބަހަކީ އަޅުގަނޑުމެންގެ މާދަރީ ބަސް ކަމާއި ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާއަކީ ދިވެހި ބަސް ކަމަށްވާއިރު އެކަން އާލާކުރެވޭނީ އާއިލީ ފެންވަރުގައިވެސް މުޖުތަމައުގެ ފެންވަރުގައިވެސް ދިވެހި ބަހަށް އޮތް ލޯތްބާއި އެކަން ދިރުވާ އާލާކުރުމަށް މަސައްކަތްކޮށްގެން،“ ހީނާ

ދިވެހި ބަސް ދިރުވާ އާލާކޮށް ދިވެހި ބަހަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދިވެހި ބަހުގެ އެކަޑަމީ އަކީ އެކަމުގައި އެންމެ ބޮޑު ޒިންމާއެއް މަތިކޮށްފައިވާ އިދާރާކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، އެ އިދާރާގެ ފަރާތުން ވާހަކަ ދެއްކުމުގެ މުބާރާތްތަކާއި ޅެން ހެދުމުގެ މުބާރާތްތަކާއި މަޒުމޫނު ލިޔުމުގެ މުބާރާތްތަކާއި އަތުލިޔުމުގެ މުބާރާތް ފަދަ މުބާރާތްތައް ދިވެހި ބަސް އާލާކުރުމަށް ކުރިއަށް ގެންދާ ކަމަށެވެ.

އެއިން ކޮންމެ މުބާރާތެއްގެ ބޭނުކަމީ ހުނަރުވެރި ޒުވާނުންތަކެއް ނުވަތަ ކުދިންތަކެއް އުފެއްދުންކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން ދިވެހި ބަހުން ފަރިތަކޮށް ވާހަކަދެއްކުމާއި ދިވެހި ބަހުގެ ގަވައިދުތަކާއި ހަމަތަކާއި ބަސްކޮށާރު އިތުރުކުރުމަކީ އެފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ މުހިންމު އެއް ބޭނުންކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޔުނިވަރސިޓީތަކާއި އަދި ބައެއް ކޮލެޖުތަކުންވެސް ދިވެހި ބަހާއި އަދަބިއްޔާތާއި ގުޅުވައި ބާއްވާ މުބާރާތްތަކަށްވެސް މިނިސްޓްރީން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުން އަންނަކަމަށް ހީނާ ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ގުޅިފައިވާ ސްކޫލްތަކާއި މުއައްސަސާތަކަށް ހާއްސަކޮށްގެންވެސް ވާހަކަ ދެއްކުމުގެ މުބާރާތްތައް ކުރިއަށް ގެންދާކަން ހީނާ ފާހަގަކުރެއްވިއެވެ.

ހީނާ ވަނީ ރާއްޖެއިން ބޭރުގައި ގާއިމުކޮށްފައިވާ އެމްބަސީތަކުގެ އިތުރުން ދިވެހީން ދިރުއުޅޭ ބައެއް ގައުމުތަކުގައިވެސް ދިވެހި ބަހާއި ފަންނާއި ގުޅުންހުރި އެކިއެކި ހަރަކާތްތައް ބޭއްވުމުގައި މިނިސްޓްރީން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށް ވިދާޅުވެފައެވެ.

ހީނާ ވަނީ އެފަދަ މުބާރާތްތަކުގެ ސަބަބުން ކުޑަކުދިން ދިވެހި ބަހަށް ޝައުގުވެރިކަން އުފެދިގެންދާނެކަމަށް ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ބަހުގެ ގަވައިދު ފޮތުގެ މަސައްކަތް ކުރަމުން އަންނަތާ 10 ވަރަކަށް އަހަރުވެފައިވާ ކަމަށާއި މިއަހަރުގެ ނޮވެމްބަރު މަހުގައި އެ ފޮތުގެ މަސައްކަތް ނިންމައި، އެ ފޮތް ނެރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ހީނާ ވިދާޅުވިއެވެ.

”ދިވެހި ބަހުގެ ގަވައިދު ފޮތުގެ މަސައްކަތް ކުރަމުން އަންނަތާ 10 ވަރަކަށް އަހަރުވެއްޖެ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އެ ފޮތުގެ މަސައްކަތް ނިންމާ، މިއަހަރުގެ ނޮވެމްބަރުގެ ތެރޭގައި މި ގަވައިދު ފޮތް ނެރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މިދަނީ ކުރަމުން. އެގޮތުން ފޮތުގެ ތެރޭގައި ބަހުގެ ލަފްޒު ހިމެނޭ ބައިގެ އިތުރުން ބަހަވީ އިލްމުގެ ތެރެއިން މިޒަމާނަށް ފެތޭ ގޮތަށް މަސައްކަތް ކޮށްފައިވާނެ“ ހީނާ

ވަޒީރު ވިދާޅުވީ، އެ ފޮތުގައި ބަހުގެ ލަފުޒުތައް އެތުރޭ ބައިތަކުގެ އިތުރުން ބަހަވީ އިލްމުގެ ތެރެއިން މި ޒަމާނަށް ފެއްތުމަށް ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ދިވެހި ރަދީފުގެ އައު އިސްތާރެއް ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދިވެހި ބަހުގެ އެކަޑަމީން ނެރެފައިވާކަމަށް ހީނާ ވިދާޅުވިއެވެ. އަދި އަވަސް މުސްތަގުބަލެއްގައި ރަދީފު ޕްރިންޓު ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. އީޖާދީ ގޮތަކަށް ދިވެހި ބަސް ކުރިއެރުވުމަށްޓަކައި އަންނަ އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ހީނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި، ހެކަތޯންއެއް ބޭއްވުމާއި ޑާޓާ ބޭސްއެއް ތައްޔާރުކޮށް ދިވެހި ބަހުގެ ލިޔުންތައް ފެންނާނެހެން ދަފްތަރުކުރުމުގެ މަސައްކަތް ކުރުން ހިމެނޭކަމަށް ހީނާ ވިދާޅުވިއެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށް ދިވެހި ބަހުގެ ގޭމްތައް އުފެއްދުން ވެސް ހިމެނޭކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކަށް ބެލިކަމުގައި ވީނަމަވެސް ވަރަށް ގިނަ ބަސްތަކަކީ އުވި ނެތިގެން ގޮސްފައިވާ ބަސްތައް ކަމަށެވެ. އެގޮތުން ދިވެހި ބަސް ވެސް ނެތި އުވިގެން ގޮސްދާނެކަމީ މިއަދު ދިވެހީންގެ ވެސް ކަންބޮޑުވުމެއް ކަމަށާއި ދިވެހި ބަހަށް ހުރި ގޮންޖެހުން ދެނެގަނެ އެކަމަށް ހަގީގީ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ގަބޫލުފުޅުކުރައްވާކަމަށް ހީނާ ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ކޮލެޖުތަކާއި ޔުނިވާރސިޓީތައް ގުޅިގެން އެކަށީގެންވާ ރަނގަޅު ދިރާސާތަކެއް ކުރެވިގެންކަމަށް ހީނާ ވިދާޅުވިއެވެ.

ދިވެހި ބަހަށް ހީވެސް ނުކުރާހާ އަވަހަށް ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ ބަސްކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ނުކޮށް ސީދާ މައްސަލަ ހައްލުކުރާނީ މިވެނި ގޮތަކަށޭ ބުނަން ދަތިކަމަށެވެ.

ސަރުކާރަކުން ކުރެވޭ ކަމަކުން އެކަނި ދިވެހިބަސް ދިރުވާ އާލާ ނުކުރެވޭނެކަމަށް ހީނާ ވިދާޅުވިއެވެ. ދިވެހިބަހަކީ މާދަރީ ބަސް ކަމާއި ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު ބަހާއަކީ ދިވެހި ބަސް ކަމަށްވާއިރު މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކޮށްގެން މެނުވީ ދިވެހި ބަސް އާލާނުކުރެވޭނެކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: