އެމްއެމްއޭގެ ގަވަނަރުކަމުން އަލީ ހާޝިމް ވަކި ކުރީ ސަރުކާރުން މި ވަގުތު ވަކި ހާއްސަ މަގުސަދެއް ހާސިލުކުރަން ބޭނުންވެފައި އޮތުމުންކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަނަރު މަގާމުން ވަކި ކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޒިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނާޒިލް ވިދާޅުވީ، ހާޝިމް މަގާމުން ވަކި ކުރުމުގެ މަސައްކަތްތަކަކީ ވަކި ގޮތަކަށް ބައްޓަން ވެގެން އައި މަސައްކަތްތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ މާލިއްޔާތު ކޮމިޓީގެ މުގައްރިރު މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމް އެދިގެން ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ފޮނުއްވި ސިޓީއެއްކަމަށެވެެ.
ނާޒިލް ވިދާޅުވީ، ހިނގަމުންދާ ކަންކަމާއި ގުޅިގެން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުންވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިކަމަށެވެ. އެގޮތުން މިއީ ރާއްޖޭގެ މަނިޓަރީ ހަޔާތުގައިވެސް ކަޅުދުވަހެއްކަމަށް މެމްބަރުން ސިފަކޮށްފައިވާކަމަށާއި އެ ޕާޓީއަށް ފާހަގަކުރެވުނީ މިކަން ކޮށްފައިވަނީ ސަރުކާރުން މިވަގުތު ވަކި ކަމެއް ބޭނުންވެފައި އޮތުމުން ކަންކަމަށެވެ.
އޭނާ ވިދާޅުވީ، ހާޝިމް ގަވަނަރުކަމުން ވަކި ކުރުމުގައި ފާހަގަކުރެވޭ ކަންތައްތަކެއް ހުރިކަމަށާއި ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ބޮޑަށް އަވަސް އަރުވާލާފައިކަމަށް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، ގަވަނަރު ހާޝިމްގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުލިބުުނު ވާހަކަ އިވިގެންދިޔަކަމަށާއި ގައުމު އޮތް ހާލަތަށް ދިއުމުގައި ހާޝިމްގެ ދައުރެއް ނެތް ވާހަކަވެސް އިވިގެންދިޔަކަމަށެވެ.
އެހެންނަމަވެސް މާލިއްޔާތު ކޮމިޓީއަށް މިނިސްޓަރ ޝަފީގު ފޮނުއްވި ސިޓީގައި ޕީއެންސީގެ ސަރުކާރުން އެމްއެމްއޭގެ ތެރެއިން ކުރުމަށް ބޭނުންވި ވަރަށް ގިނަ ކަންކަން ކުރެވިފައިވާކަންވެސް ޔަގީންވެގެންދިޔަކަމަށްވެސް ނާޒިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަސައްކަތްތައް ކުރިއަށް ގެންދިޔައީ އިތުރު ފުރުސަތެއްވެސް ދޭ ގޮތަށް ނޫންކަމަށާއި އެ ދިޔަ ބާރު މިނުގައި ގޮސް ބޭނުންވި ކަންތައް ކޮށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)ވެސް ވަނީ މިކަމާއި ގުޅިގެން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭގެ ގަވަނަރުގެ މަގާމުގައި ހުންނަ މީހަކީ ހިނގަމުންދާ ކަންކަން ރަނގަޅުކުރުމަށް މާ ބޮޑު ކަމެއް ކުރެވޭނެ ފަރާތެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެތަން ހިނގަމުންދަނީ މަޖިލީހުން ހަދާ ގާނޫނުތަކާއި އެއްގޮތަށް ކަމަށެވެ.
އެހެންކަމުން ކޮންމެ ސަރުކާރެއް އޮތްނަމަވެސް އެމްއެމްއޭއިން ދާނީ އެވަގުތު ދެވެން އޮތް އެއްބާރުލުމެއް އެންމެ ފުރިހަމަ ގޮތުގައި ދެމުންކަމަށާއި އެގޮތުން އެމްއެމްއޭއިންވަނީ މި ސަރުކާރުގެ ވެރިކަމުގައިވެސް ޝޯޓް ޓާމް ލޯނު ދިނުން ފަދަ އެތައް ކަމެއް ކޮށްދެއްވާފައިކަމަށް ހިއްސާކުރެއްވިއެވެ.

