އެމްޑީޕީ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތުން އެ މައްސަލައާ މެދު އެއްޗެއް ބުނެވެން މިވަގުތު ނެތް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ހައްޔަރުކުރީ މި މަހުގެ ދެވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ އޭނާ އޯޝަންފްރަންޓް ރެޒިޑެންސް އެޕާޓްމެންޓުންނެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޝާހިދަށް ތުހުމަތުކުރެވޭ މައްސަލައިގައި އެމްޑީޕީގެ ޕީޖީން ދެކޭ ގޮތް ސާފުކޮށްދިނުމަށް ”ސަންގުން“ އެދުުމުން، ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، އެއީ ހިނގަމުންދާ މައްސަލައަކަށް ވާތީ އާއި ފުލުހުންގެ ފަރާތުން ލިބެމުންދާ މައުލޫމާތަށް ބަލާފައި އަދި މައްސަލައިގެ ބާވަތުން މިވަގުތު އެކަމާ ބެހޭގޮތުން ވަކި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.
”އަޅުގަނޑުމެންނަށް، އަދި ހިނގަމުންދާ މައްސަލައެއް ވީމަ ފުލުހުންނާއި އަދި އެހެނިހެން ގޮތްގޮތުން އެ މައުލޫމާތު ލިބިފައި އޮތް މިންވަރަށް ބަލާފައި އަޅުގަނޑުމެންނަށް އަދިއަކު ނެތް އެއަކަށް އެއްޗެކޭ ދެންނެވޭކަށް، މައްސަލައިގެ ބާވަތުންނާ އެ ހުރިހާ ކަމަކާ އެކީގައި،“ ނާޒިލް ވިދާޅުވިއެވެ.
ނާޒިލް އިތުރަށް ވިދާޅުވީ، ޕާޓީން ވެސް އެކަމުގައި ވަކި އެއްޗެއް ބުނަން ދަތިވެގެން އުޅެނީ ވެސް އެ ސަބަބުތައް ހުުރުމުން ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާކަން އިއުލާނުކުރައްވާފައިވާ ޝާހިދު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 30 ދުވަސް ދީފައެވެ. އޭނާ ބަންދުކުރި އަމުރުގައި ވަނީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތް ކަމަށެވެ.
ޝާހިދު ދޫނިދޫގައި ބަންދުގައި ހުންނެވި އިރު، ރޭ ފުލުހުން ވަނީ އެ މައްސަލައިގައި ހެކި ހޯދުމަށް ސޯސަން މަގުގައި ހުންނަ އޭނާގެ ގެކޮޅު ހ. ރަބީއީމަންޒިލް ބަލައިފާސްކޮށްފައެވެ. އަދި އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ނިންމާފައިވާކަން އިތުބާރު ހުރި މަސްދަރުތަކުން ”ސަންގަށް“ ވަނީ ކަށަވަރުކުރެވިފައެވެ.
ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގުތަކެއް ކަމަށާއި އެފަދަ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

