ސިޔާސީ މަގާމުތައް ގިނަވެ، 700އިން 2،700އަށް އެރިއިރު ވެސް އެ އަދަދު ލިމިޓް ކުރާނެ ވާހަކަ ދައްކާނެ މެންބަރަކު މަޖިލީހުގައި ނެތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ކާށިދޫ ދާއިރާގެ މެމްބަރު މުމްތަޒިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހު ހުށަހަޅާފައި ވަނީ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ 50 ދުވަހުގެ ބަދަލުގައި އިންތިހާބު ބާއްވާނީ އެ ކައުންސިލެއްގެ ގޮނޑި ހުސްވިކަން އަންގާތާ 183 ދުވަހުގެ ތެރޭގައިކަމަށް ކަނޑައެޅުމަށެވެ. އެގޮތުން ލޯކަލް ކައުންސިލްގެ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ލޯކަލް ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންތައް ބާއްވަން ވާނީ، އަހަރަކު ދެފަހަރުކަމަށް ކަނޑައެޅުން ހިމެނެއެވެ.
މި ބިލަށް ބަހުސްކުރައްވަމުން ނާޒިލް ވިދާޅުވީ އެމްޑީޕީ ނޫން ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ކައުންސިލްތަކުގެ އަދަދާ ކައުންސިލްތަކާ ކުޅެން އުޅޭ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ތިބި ބަޔަކު އެ މަސައްކަތުން އެކަހެރި ކުރަން އުޅެނީ އިގްތިސާދީ ހާލަތުގެ ސަބަބުން ކަމަށް ވާއިރު ސިޔާސީ މަގާމުތައް ލިމިޓް ކުރާ ވާހަގަ އެއްވެސް މެންބަރަކު ނުދައްކަވާ ކަމަށެވެ.
މިހާރު މި އަންނަނީ އިގްތިސާދީ ހާލަތު ތަން ނުދޭތީ މި ގެންނަ ބަދަލުތަކެއް. އެކަމެއް ނޭންގެ. ކައުންސިލްތަކުގެ އަދަދާ ކުޅޭއިރު އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ ސިޔާސީ މަގާމުތައް އެ ވަކި މިންގަނޑެއްގެތެރޭގަ ހިފެހެއްޓޭނެ ކަހަލަ ގޮތަކަށް އެކަން ކުރެވޭނެ އެއްވެސް ވާހަކައެއް މިތާކު ނުދެއްކޭ. އެހެން ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ތިބޭ ބޭފުޅުން މަދު ކުރުމަށް މި މަސައްކަތް ކުރަނީ.
ނާޒިލް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަލާއިރު މި އިސްލާހާއެކު އައްޑޫ ސިޓީ ކައުންސިލް ހިންގުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ. ސަބަބަކީ އައްޑޫ ސިޓީ އެކުލެވިގެންވާ ގޮތުގައި އަވަށްތަކަކަށް ބެހި ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫ، ހުޅުދޫ މީދޫ އެކުލެވޭހެން ކައުންސިލް އޮތުމާއެކު މި އިސްލާހާ އެކު މަރަދޫ އަވަށުގެ ކައުންސިލަރުގެ ގޮނޑި ހުސްވެއްޖެ ހާލަތެއްގައި ހަ މަސް ދުވަހާ ހަރަތު މަސްދުވަހާ ދޭތެރޭ އެ އަވަށް ހިންގުމުގެ އެންމެ އިސްފަރާތް ކަމުގައިވާ ކައުންސިލަރާ ނުލާ، އެ އަވަށުގެ އޮފީން ހިންގަން މަޖުބޫރު ވާނެ ކަމަށެވެ.
ފަހަރެއްގަ އެހެން ސިޓީ ކައުންސިލްތައް އެކުލެވިގެންވާ ގޮތާ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބޮޑުތަނުން ތަފާތު. ކުޅުދުއްފުށި ކައުންސިލް ވެއްޖެޔާ އެއީ ކުޅުދުއްފުށި. އެކަނި ތަމްސީލު ކުރާ ކައުންސިލް. އައްޑޫގަ މި އޮންނަނީ އަވަށަކަށް ކައުންސިލަރަކު ހިމެނޭހެން. މަރަދޫގަ މި ހުންނަނީ އެންމެ ކައުސިލަރެއް. ހުޅުދޫގަ ހުންނަނީ އެންމެ ކައުންސިލަރެއް. މަރަދޫ ފޭދޫގަ ވެސް އެންމެ ކައުންސިލަރެއް. އަދި މީދޫގަ ވެސް އެންމެ ކައުންސިލަރެއް.
ބައެއް މެންބަރުން މި ބިލަށް ބަހުސް ކުރެއްވިއިރު ދައުލަތާ ސަރުކާރާ އޮޅުވާލައިގެން ވާހަކަދެއްކެވިކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ ސަރުކާރަކީ ކޮބައިކަމާ ދައުލަތަކީ ކޮބައިކަން ވަރަށް ބޮޑަށް ވެސް އޮޅިފައިވާ ކަމަށެވެ.
އެގޮތުން ދައުލަތަކީ ރައީސުލްޖުމްހޫރިއްޔާއާ މި މަޖިލީހާ ޝަރީއަތް ހިންގާ ފަރާތްތައް ކަމަށާ ސަރުކާރަކީ ގާނޫނު އަސާސީއާ އެއްގޮތަށް ރައްޔިތުންނަށް އެކަން ކޮށްދިނުމަށް ހަވާލުކޮށްފައިވާ ބާރު ކަމަށް މެމްބަރު ވިދާޅުވިއެވެ.
މި ދެބައި އެއްކޮށްލައިގެން މަސްހުނި ގޮތަކަށް ވާހަކަ ދެއްކިއިރު މުޅި ދައުލަތް ހިންގަން ނޫނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބާރަކާ ޝަރުއީ ބާރަކާ ރައްޔިތުންނަށް މި ބޭނުންވާ އަސާސީ އެހެނިހެން ކަންކަމުގެ ބާރުތައް އެންމެ ބޭފުޅަކު މީގެ ކުރީގަ 30 އަހަރު ދުވަހު ވެރިކަން ކުރެއްވި ބޭފުޅުން އެ ގެންދެވި އުސޫލުން ގެންދަވާ ކަހަލަ ގޮތަކަށް މިތާތެރޭގަ މި ވާހަކަދެކެވިގެން މި ދަނީ.
ސަރުކާރުގެ ފަރާތުން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅި އިރު، މެމްބަރުންގެ އަދަދު މަދު ކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ދާދިފަހުން ބޭއްވި ރަސްމީ ޖަލްސާއެއްގައި ރައީސް ވަނީ، އެކަމުގައި އެމަނިކުފާނުގެ ހިޔާލު ހުރި ގޮތް ހިއްސާ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި، ތިންހާހަށް ވުރެ މީހުން މަދު ރަށްތަކުގައި ތިން ކައުންސިލް މެމްބަރުން ތިބޭ ގޮތަށް ހަމަޖެއްސުން ރަނގަޅުކަމަށް ގަބޫލު ކުރެވޭކަމަށެވެ.
ރައީސް ވިދާޅުވީ ކައުންސިލް މެމްބަރުންގެ ތެރޭގައި ޒުވާނުން ތަމްސީލު ކުރާނެ މެމްބަރަކާއި، އަންހެނުން ތަމްސީލު ކުރާނެ މެމްބަރެއް ހުރުން ރަނގަޅުކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ދެން އިންތިހާބު ކުރާނީ ކައުންސިލް ރައީސެވެ.

