ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުން މުސާރައިގެ ވާހަކަ ދައްކާއިރު ޝަރީއަތްތައް ހުރީ ފުނި ޖެހިފައި، ކުރާކަމެއް ނެތް: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް ނާޒިމް މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަނީ- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ހަމައެއް އުސޫލެއް ނެތި މެދު އުމުރުގައި ވެސް ފަނޑިޔާރުން މަގާމުން ވަކިވެ، ރިޓަޔާމަންޓް ޕެކޭޖު ނަގައިގެން ދެވޭ ގޮތަށް ގަވައިދު އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވި ޕޭކޮމިޝަނުގެ ލަފާގައި ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލައި، ދައުލަތް ހިންގުމުގެ ނިޒާމަށް ވެސް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ވަގުތެއްގައި މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަކީ މިވަގުތަށް ރަނގަޅު ގޮތެއް ނޫންކަމަށެވެ. އެހެންވެ، މިހާރު އޮތް ގޮތަށް މުސާރައިގެ އޮނިގަނޑާއިގެން ކުރިޔަށް ދިއުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

ކޮމިޓީގައި މަޝްވަރާކޮށްފައި ވަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މުސާރައާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައާއި، ފަނޑިޔާރުންނާއި ރިޓަޔާރ ކުރައްވާފައިވާ ފަނޑިޔާރުންގެ އިންޝުއަރެންސް ޕެކޭޖްތަކުގެ ޕްރިމިއަމް ބޮޑުކޮށްދެއްވައި، 2022 ވަނަ އަހަރު ދުވަހު އަމާނާ ތަކާފުލް ޕީ.އެލް.ސީއާއިއެކު ވެފައިވާ 3 އަހަރު ދުވަހުގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތަށް، ފުލް ކަވަރޭޖް ފޯރުކޮށްދިނުމަށްޓަކައި އިތުރަށް ބޭނުންވާ ބަޖެޓު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް އެދި ޖުޑީޝަލ ސަރވިސް ކޮމިޝަން އިން ފޮނުއްވާފައިވާ މައްސަލަށެވެ.

މި ހުށަހެޅުންތަކަށް ކޮމިޓީން ނިންމާފައި ވަނީ ފަނޑިޔާރުންނާއި ރިޓަޔަރ ކުރައްވާފައިވާ ފަނޑިޔާރުންގެ އިންޝުއަރެންސް އާ ގުޅޭގޮތުން ޖުޑީޝަލ ސަރވިސް ކޮމިޝަން އިން ފޮނުއްވާފައިވާ މައްސަލާގައި، އެ ކޮމިޝަނުން އެދިވަޑައިގެންފައިވާ ކަންކަން މިވަގުތު ހަމަޖައްސައިދެވެން ނެތްކަމަށް ދެންނެވުމަށެވެ.

އެޖެންޑާގައި ހިމެނުނު މި ދެ ހުށަހެޅުމުގެ މަޝްވަރާގައި ނާޒިމް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ޖުޑިޝަރީ ދާއިރާގައި ހުރި މައްސަލަތަކެވެ. އަދި ފަނޑިޔާރުންނާއި ގުޅޭ ކަންބޮޑުވުންތަކުގެ ތެރެއިން، އެންމެ ބޮޑު މައްސަލައަކީ ނާޒިމް ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނާ ގޮތުގެ މަތީން ޝަރީއަތްތައް ކުރިޔަށް ނުދިއުމެވެ. އަދި މުސާރައިގެ މައްސަލަތަކެއް އައިއިރު، އޭގެ ކުރިޔަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގިނަކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން، ސިއްހީ އެއްވެސް މައްސަލައެއް ނެތް ގިނަ ފަނޑިޔާރުން މެދު އުމުރުގައި ރިޓަޔާރ ކުރުމަށް ފަހު ގާނޫނީ އެހެނިހެން މަސައްކަތް ކުރަމުން ދިއުމަކީ ރަނގަޅު ގޮތްތޯ ނާޒިމް ސުވާލު އުފެއްދެވި އެވެ.

ނާޒިމް އެ އިޝާރާތް ކުރެއްވީ އުމުރުން 55 އަހަރު ނުވިނަމަވެސް ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއި އެކު މަގާމުން ވަކިވެވޭ ގޮތަށް 2022 ވަނަ އަހަރު ގެނައި އިސްލާހެވެ. ޝަރަފުވެރިކަމާއެކު ވަކިވާ ފަނޑިޔާރުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ތިން އިނާޔަތެކެވެ. އެއީ އެއް ފަހަރާ ދެވޭ އިނާޔަތާއި، މުޅި އުމުުރަށް، މަހުން މަހަށް ދެވޭ އިނާޔަތާއި އެހެނިހެން  އިނާޔަތްތަކެވެ. ސުލޫކީ މައްސަލައެއް ސާބިތު ނުވެ ފަނޑިޔާރުކަމުގައި 10 އަހަރު ޚިދުމަތް ކޮށްފައިވާ ފަނޑިޔާރުންނަށް ޝަރަފުވެރިކަމާއި އެކު ވަކިކޮށްދިނުމަށް އެދެވޭނެ އެވެ.

މި މައްސަލައިގައި ނާޒިމް ވިދާޅުވީ ފަނޑިޔާރުން ޝަރަފުވެރިކަމާއި އެކު، މަގާމުން ވަކިވަނީ މަތީ ކޯޓުތަކުން ބޮޑު މުސާރަ ނަގައިގެން ކަމަށެވެ. އަދި އޭގެ ފަހުން ކޯޓުތަކުގައި ވަކާލާތު ކުރާއިރު، މިކަމަށް ގާނޫނީ ހައްލެއް ބޭނުންވާކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ސިފަ ކުރެއްވި ގޮތުގައި، މިއީ ގާނޫނުގައި ހުރި ބާގަނޑުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމެވެ.

އެއީ އަޅުގަނޑުމެންނަށް މި ފެންނަނީ ސިއްހަތު ސަލާމަތުން ތިބޭ މެދު އުމުރުގެ ފަނޑިޔާރުން ރިޓަޔަރާކޮށްފާނެ.. ރިޓަޔާކޮށްފަ ޕެކޭޖު ނަގައިގެން ގެއަށް ދާންވީ.. އެހެން ކަމަކު ނުދާނެދެއްތޯ… ވަކި އުމުރެއް ވެސް އޮންނާނެ ރިޓަޔަރ ކުރަން ވެސް.. އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ދެއްތޯ، ޖިނާއީ ކޯޓެއްގެ ގާޒީއެއް ހުކުމެއްކޮށްފަ.. ހައިކޯޓަށް ބަދަލުވެފަ.. ބޮޑު މުސާރައިގަ ދިޔައީ ރިޓަޔާކޮށްފަ.. އެހެން ވެގެން ނުވަނެ.. އަޅުގަނޑުމެން އެބަޖެހޭ ގާނޫނަށް އިސްލާހު ގެންނަން.. އަޅުގަނޑުމެން އެބަޖެހޭ ޖުޑިޝަރީ ހަމަ މަގަށް އަޅުވަން..

ބައެއް ފަނޑިޔާރުންގެ އަތުގައި ހުރި މައްސަލައިގެ ޝަރީއަތްތައް އެއްވެސް ވަރަކަށް ކުރިޔަށް ނުދާތާ، ނުވަތަ ތާވަލު ނުކުރާތާ ދެ އަހަރުވެފައިވާއިރު އެބޭފުޅުން ދެން ކުރައްވާ މަސަައްކަތަކާއި މެދު ނާޒިމް ސުވާލު އުފެއްދެވި އެވެ. ފަނޑިޔާރުން ބަލަން ޖެހޭ މައްސަލަތައް 100 ގެ އަދަދުތަކުން ގޮސް 500 އަށް އަރާފައި ވަނީ ބުނާ އުސޫލުގެ ތެރެއިން އަޑުއެހުންތައް ކުރިޔަށް ނުގެންދެވޭތީކަމަށް ނާޒިމް ވިދާޅުވި އެވެ.

ކޮންމެ ވެރިކަމެއްގައި ވެސް، ޖުޑިޝަރީ މިނިވަންކޮށް ގެންނަން ޖެހޭ އިސްލާހުތަކަށް މަސައްކަތް ކުރާނެކަމަށް ބުނި ނަމަވެސް ދައުރު ނިމިގެން ދަނީ އެއްވެސް ކާމިޔާބީއެއް ނުލިބިކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ޝަރީއަތްތައް ކުރިޔަށް ނުގޮސް ހުރުމުގެ ސަބަބުން އެޅުނު ފިޔަވަޅެއް ވެސް ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ.

ބަލަން ޖެހޭ މި ހުރިހާ މައްސަލައެއް އޮއްވައި، އެއްވެސް ހަމައެއް އުސޫލެއް ނެތި، ރިޓަޔަރ ކުރުމަށް ފަހު ފަނޑިޔާރުންނަށް ރިޓަޔާމެންޓް ޕެކޭޖު ނަގަން  ދޫކޮށްލުމަކީ، ރަނގަޅު ގޮތެއް ނޫންކަމަށް ނާޒިމް ވިދާޅުވި އެވެ.

އަނެއްކާ ރިޓަޔަރ ކުރާ މީހުންގެ ވާހަކަ މީގައި އޮތީވެސް.. ރިޓަޔަރ ކުރުމުގައި ވެސް ނެތޭ ހަމައެއްލަމައެއް.. މާދަން ވެސް ރިޓަޔަރ ކުރަންވީ.. ދެން ދާންވީ އަނެއް ދުވަހު ކޯޓުތަކަށް ވަކާލާތު ކުރަން.. އެއްގޮތަކަށް ވެސް ކަމަކު ނުދާނެ އެހެން ދޫކޮށްލަން..

މީގެއިތުރުން ނާޒިމް ވިދާޅުވީ ބައެއް ބޭފުޅުންގެ ނަޒަރުގައި މި މައްސަލަތައް ހައްލު ކުރެވެން އޮތީ، ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށްގެންނެވެ. މިއީ ކުރީ ސަރުކާރުގެ ރިޔާސީ ވައުދެއް ނަމަވެސް އެ މަސައްކަތް ފެށީ ވެރިކަން ނިމި ޓްރާންސިޝަން މުއްދަތުގައިކަމަށް ނާޒިމް ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މި ސަރުކާރުން މި ފަދަ މައްސަލަތައް ހަައްލު ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވެން އޮތީ ޖޭއެސްސީ ބަދަލުކޮށްގެންކަމަށް ފެންނަނަމަ އެކަން ވެސް ކުރާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: