މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ އިންޝުއަރެންސް ވިޔަފާރިކުރުމުގެ ލައިސެންސް ނެތި އިންޝުއަރެންސް ވިޔަފާރިކޮށްފި ނަމަ ނުވަތަ ކުރާކަމަށް ދެއްކުމާ، ވިޔަފާރި ކުރާކަމަށް އިޝްތިހާރު ކުރާނަމަ އެ މީހުންނަށް ފިޔަވަޅު އެޅުމުގެ ބާރު އެ އޮތޯރިޓީއަށް ދޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ހުށަހަޅުއްވާފައިވާ އިންޝުއަރެންސް ބިލުގެ ދެވަނަ ބާބުގައި ވަނީ އިންޝުއަރެންސް ވިޔަފާރި ކުރުމާ ގުޅޭ އާންމު ހަމަތައް ބަޔާންކޮށްފައެވެ. އެގޮތުން އިންޝުއަރެންސް ވިޔަފާރި ބެހިގެންވަނީ ދެ ބަޔަކަށް ކަމަށް ފާހަގަކޮށްފައިވެއެވެ.
އެއީ ޖެނެރަލް އިންޝުއަރެންސް ވިޔަފާރިއާ ލޯންގްޓާމް އިންޝުއަރެންސް ވިޔަފާރި ކަން ފާގަކޮށް ބިލުގައި ބުނީ ޖެނެރަލް އިންޝުއަރެންސްގެ ވިޔަފާރީގެ ތެރޭގައި ޖެނެރަލް ތަކާފުލް ވިޔަފާރި ހިމެނޭނެ ކަމަށެވެ. އަދި ލޯންގްޓާމް އިންޝުއަރެންސް ވިޔަފާރީގެ ތެރޭގައި ހިމެނޭނީ ފެމެލީ ތަކާފުލް ވިޔަފާރި ކަމަށެވެ.
ބިލުގައި އިންޝުއަރެންސް ވިޔަފާރި މާނަ ކޮށްފައިވަނީ ދެފަރާތުން އެއްބަސްވެފައިވާ އިންޝުއަރެންސް ކޮންޓްރެކްޓެއްގައި ކަނޑައަޅާފައިވާ ވަކި ކަމެއް ހިނގައިފިނަމަ އެކަމެއްގެ ސަބަބުން ގެއްލުމެއް ލިބުމުން އެ ގެއްލުމުގެ ބަދަލު ދިނުމުގެ ޒިންމާ އުފުލުހުން ހިމެނޭހެން ގެއްލުމަށް ބަދަލުދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުމުގެ ދަށުން ގެއްލުމުގެ ބަދަލު ދިނުމުގެ ޒިންމާ އުފުލުމުގެ ވިޔަފާރީގެ ގޮތުގައެވެ.
އޭގެ އިތުރުން ތަކާފުލް މާނަކޮށްފައި ވަނީ އެ އިންތިޒާމެއްގެ ދަށުން ކުރިން އެއްބަސްވެފައިވާ ވަކި ކަމެއް ހިނގައިފިނަމަ ބައިވެރިން ނުވަތަ ބެނިފިޝަރީސްއަށް ފައިސާގެ އެހީތެރިކަން ދިނުމަށްޓަކައި ގާއިމްކޮށްފައިވާ ފަންޑަށް ފައިސާ ދިނުމަށް ބައިވެރިން އެއްބަސްވާ އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ އިންތިޒާމްތަކުގެ ގޮތުގައެވެ.
މި ބިލު ތަސްދީގު ކުރެވި، ގާނޫނަކަށް ވުމުން އެމްއެމްއޭއިން ދޫކާރާ އިންޝުއަރެންސް ވިޔަފާރި ކުރުމުގެ ލައިސަންސް ނެތި އެއްވެސް ފަރާތަކުން އެ ވިޔަފާރި ކުރުމާ ކުރާކަމަށް ދެއްކުމާ އިޝްތިހާރު ކުރާ މީހުންނާމެދު އެއް ލައްކަ ފުރިޔާއާ ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެ އޮތޯރިޓިއަށް ލިބިގެންވެއެވެ.
މި ބިލުގެ ބޭނުމެއްކަމަށް ބުނެފައި ވަނީ ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމެވެ. އޭގެ އިތުރުން އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސެންސް ދިނުމާއި ގުޅޭ އުސޫލުތަކާއި އެ ފަރާތްތައް ރެގިއުލޭޓުކޮށް ސުޕަވައިޒް ކުރުމުގެ އުސޫލުތައް އަދި އެ ނޫންވެސް އިންޝުއަރެންސް ވިޔަފާރިއާއި ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމު ކުރުމަކީ ވެސް ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލު ގާނޫނަކަށް ވުމުން، އިންޝުއަރެންސް ޕޮލިސީ ހޯލްޑަރުންގެ ހައްގުތައް ރައްކާތެރި ކުރެވިގެންދާނެއެވެ. އަދި އިންޝުއަރެންސް ދާއިރާއަށް އެކަމުން ނުރަނގަޅު އަސަރުކޮށްފާނެ ކަންކަމަށް ތައްޔާރުވެ އެކަށޭނެ ފިޔަވަޅު އެޅިގެންދާނެއެވެ.

