ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރެވެން ޖެހޭ: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރެވެން ޖެހޭކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމާއި ބެހޭ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ އެންމެންނަށްވެސް އެނގޭނެ ފަދައިން ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ލޭނާރުކަމަށެވެ. 1972 ގެ އަހަރުތަކުން ފެށިގެން މިއަދާއި ހަމައަށް އައި އިރު، 180 ވަރަކަށް ރިސޯޓް މިއަދު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާކަމަށް މައުރޫފް ވިދާޅުވިއެވެ. އެތައް ސަތޭކަ ގެސްޓް ހައުސްއަކާއި އަދި ސަފާރީ އުޅަނދުތައްވެސް ރާއްޖޭގައި އެބައޮތްކަމަށް ވިދާޅުވިއެވެ.

52 އަހަރު ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ފުރުނު އިރު، މިއަދާއި ހަމައަށް ފަތުރުވެރިކަން އައީ އެ އިންޑަސްޓްރީއަށްޓަކައިކަމަށް ވިދާޅުވިއެވެ. ސަބަބަކީ ފަތުރުވެރިކަމުގެ ބޮޑު ފައިދާ ރިސޯޓު އޮޕަރޭޓަރުންނަށްވުންކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ ފަތުރުވެރިކަމަކީ ދިވެހިންނަށްޓަކައި ހިންގޭ އެއްޗަކަށް ވާން ޖެހޭކަމަށެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑު މިހެން މި ދަންނަވާ ވާހަކައަކީ، ޓޫރިޒަމްގެ ބޮޑު ފައިދާ ވެފައިވަނީ ރިސޯޓު އޮޕަރޭޓު ކުރާ ފަރާތްތަކަށޭ. ހަގީގަތުގައި އަޅުގަނޑުމެން މިއަދު ވިސްނާލަން ވެއްޖެ، މި ޓޫރިޒަމަކީ ދިވެހިންނަށްޓަކައި ހިންގޭ ޓޫރިޒަމަކަށް ބަދަލު ކުރަން އެބަ ޖެހޭ.

މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ މިހާރު މަޖިލީހަށް ހުށައަޅާފައި މިވާ ފަތުރުވެރިކަމާއި ބެހޭ އިސްލާހަކީ ރަނގަޅު އިސްލާހެއްކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ނަގާ ޓެކްސްތައް މުރާޖައާކޮށް، ޕްރޮގްރެސިވް ޓެކްސްއަކާއި ދިމާލަަށް ދާން ޖެހޭކަމަށާއި، އިންކަމް ޓެކްސްއަކީ ޕްރޮގްރެސިވްކޮށް ނެގޭ ރަނގަޅު ޓެކްސްއަކަށް ހަދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މިހެން މިކަން ކޮށްފިނަމަ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުދޭނެކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ފަތުރުވެރިކަމަށް އިންވެސްޓް ކުރި ފަރާތްތަކުން އެތައް ފައިދާއެއް ހޯދަމުން ދާއިރު، މި އިންޑަސްޓްރީގައި އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށި ފަރާތްތަކުގެ ހާލަތަކީ ކޮބައިތޯ ބަލާލަން ޖެހޭކަމަށް މައުރޫފް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި 15 އަހަރު މަސައްކަތް ކުރާއިރު، އަމިއްލައަށް ދިރިއުޅޭނެ ތަނެއް ބިނާ ނުކުރެވޭކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ، އެހެން ނަމަވެސް ދިވެހިރާއްޖޭގައި ފަތުރުވެރިކަމަށް އިންވެސްޓް ކުރާ ފަރާތްތަކުން 15 އަހަރުގެ ތެރޭގައި 3 އަކަށްވުރެ ގިނަ ރިސޯޓުތައް ހިންގާކަމަށެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ފައިދާ ދިވެހި ރައްޔިތުންނަށް ސީދާ ގޮތެއްގައި، މިހާރަށްވުރެ ބޮޑަށް ފެތުރިގެން ދާނެ ގޮތަކާއި ދޭތެރޭ، މި ގާނޫނަށް އިސްލާހު ހުށައަޅާއިރު ވިސްނަށް ޖެހޭކަމަށް މައުރޫފް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު މަދުވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން 50 އަށްވުރެ ގިނަ އިންސައްތަ ހިއްސާ ކުރަނީ ބިދޭސީ މަސައްކަތްތެރިންކަމަށް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަކަކީ ދިވެހިންނަށް ހާއްސަ ވަޒީފާތަކެއްކަމަށް ހަދަން ޖެހޭކަމަށެވެ. އަދި ސަރވީސް ޗާޖުން ވައްކަން ކުރާ ރިސޯޓުތަކާއި، މުސާރަ ނުދީ އެތައް ދުވަހެއް ވަންދެން މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާ ރިސޯޓުތައް ހިންގާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން ރާއްޖޭގެ ފަތުރުވެރިކަމަށް އެވާ ގުރުބާނީގެ އަގު ވަޒަން ކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ފަޒީފާއާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހު އޭނާ ފާހަގަކުރެއްވިއެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދެ ދުވަހުގެ އޮފެއް ދިނުމަށެވެ. މިހާރު ހުށައަޅާފައި މިއޮތް އިސްލާހު ރަނގަޅަށް ދިރާސާ ކުރަން ޖެހޭކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: