ރާއްޖޭގެ ފަތުރުވެރިކަމުގެ އިގްތިސާދީ މަންފާ ބޭރަށް ކެހިގެން ދާ ގޮތަށް ފަހި ކޮށްފައި އޮތުމުގެ ޒިންމާ ކުރީ ސަރުކާރުތަކުން ނަގަންޖެހޭ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ފަތުރުވެރިކަމާއި ބެހޭ ގާނޫނަށް ހުށާއަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަކީ އޭގެ ޒާތުގައިވެސް ބްރޭންޑެއްކަމަށާއި، އިތުރު މާކެޓިންއެއް ބޭނުންވާކަމެއް ނޫންކަމަށެވެ. ފަތުރުވެރިން ރާއްޖެ އަންނަނީ އަމިއްލައަށް ފެނި، ޝައުގުވެރިވެގެން، ރާއްޖެ ފަދަ ދެވަނައެއް ނެތްކަމަށް ގަބޫލުކޮށްގެންކަމަށް ވިދާޅުވިއެވެ.
ރާއްޖެއަކީ ދުނިޔޭޣައި ފަތުރުވެރިންނަށް ވަރަށް މަގުބޫލު ތަނެއްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމީ ”ރަން ބިސް އަޅާ ކުކުޅެއްގެ“ ގޮތުގައިވެސް ސިފަވާކަމަށް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އަމިއްލަ ފަރާތްތަކުންނާއި، އެކި އެކި ސަރުކާރުތަކުންވެސް ވަރަށް ބުރަ މަސައްކަތް ކޮށްފައިވާކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ރާއްޖެއަށް އައިސް، މި ރާއްޖޭގައި އިންވެސްޓް ކުރާ ފަރާތްތަކަށް ހިމާޔަތާ ރައްކާތެރިކަންވެސް ލިބެން އެބަޖެހޭ.
ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސް ރާއްޖޭގެ ފަތުރުވެރިކަމަށް އިންވެސްޓް ކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ލިބެން ޖެހޭކަމަށެވެ. ފަތުރުވެރިކަމަށް ނިކުންނަ ފަރާތްތަކަށްވެސް ސަރުކާރުން އަޅާލަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ. ފަތުރުވެރިކަމާއި ބެހޭ ގާނޫނަށް ހުށައަޅާފައި މިވާ އިސްލާހަކީ، މިކަންކަން ހާސިލް ކުރުމަށް ހުށައަޅާފައިވާ އިސްލާހުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުން ޑިވެލޮޕްމެންޓް ބޭންކެއް ގާއިމް ކުރުމަށް ނިންމާފައިވާކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ، މިއީވެސް ފަތުރުވެރިކަން ކުރިއެރުވުމުގެ މަގްސަދު އޮވެގެން ސަރުކާރުން ކުރާ މަސައްކަތްތައްކަމަށެވެ. ހޮޓާ ގެސްޓް ހައުސް އަދި ސަފާރީތައް ހިންގާ ފަރާތްތަކަށް މި ބޭންކްގެ ސަބަބުން ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ދާއިރާއަށް އިންވެސްޓް ކުރާ ފަރާތްތަކުން، އެ ކުރާ އިންވެސްޓްތަކަށްވެސް ހިމާޔަތާއި ރައްކާތެރިކަން ލިބެން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ ފައިދާއާއި ނަފާ، ދިވެހި ރައްޔިތުންނާއި ގައުމަށްވެސް ލިބެން ޖެހޭކަމަށާއި، ރާއްޖެއަށް ލިބެން އޮތް އިގްތިސާދީ ފައިދާތައް ބޭރަށް ލިބިގެން ދިއުމަކީ ކަންބޮޑުވުމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
އެބަޖެހޭ ދިވެހިންނަށް މިކަން ކުރުމުގެ ފުރުސަތު ހުޅުވާލަ ދޭން. އެގޮތުން މިއަދު މި ސަރުކާރުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ވަކިން ހާއްސަކޮށް ހޮޓާތަކާއި، ގެސްޓް ހައުސްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާ މަންޒަރު.
ޝާހިދު ވިދާޅުވިއެވެ.
މިފަދަ ގެއްލުންތަކުގެ ޒިންމާ މީގެ ކުރިން މި މަސައްކަތަކާއި ހަވާލުވެ ތިބި ފަރާތްތަކުންނާއި، ވަކިން ހާއްސަކޮށް ސަރުކާރުތަކުން ނަގަން ޖެހޭކަމަށް ފާހަގަކޮށް ޝާހިދު ވިދާޅުވީ، ދިވެހިންނަނީ މިއަދު ތޫނު ފިލި ބަޔަކަށްވީއިރު، އެހެންކަމުން ލިބިފައި އޮތް ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭކަމަށެވެ. މި ގާބިލްކަން ދިވެހިންގެ އެބަހުރިކަމަށާއި، ބޭނުންވަނީ ސަރުކާރުގެ ކުޑަ ކުޑަ ތާއީދެއްކަމަށް އޭނާ ވިދާޅުވިއެވެ. ދޭ އިނާމަކުން މިކަންކަން ނުނިމޭނެކަމަށް ފާހަގަކުރެއްވިިއެވެ.

