ވ. އާރަށް ކުއްޔަށްދިނުމާ މުޢާމަލާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގި އެންގުމާ އެއްގޮތަށް، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މި ހަފުތާގައި ފެށުމަށް ތައްޔާރު ވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ސަންގު ޓީވީއަށް ވިދާޅުވީ އާރަށު މައްސަލައިގެ އަޑުއެހުން އޮންނާނީ އަންނަ ބުދަ ދުވަހުގައި ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރީ މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގައެވެ. ހައިކޯޓުގެ ހުކުމް އިއްވުމުގެ މަޖިލީހުގައި ފަނޑިޔާރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ ދަށު ކޯޓުގައި މައްސަލަ ބެއްްލެވި ފަނޑިޔާރު ހައްދަވާފައިވާ ގޯސްތަކެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ މަނީ ލޯންޑްރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތުގެ ފައިސާ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތާއި ގުޅުވައިކަމަށްވުމާއި އެކު އެ މައްސަލައިގެ ހުކުމް ބާތިލު ކުރުމުން މަނީ ލޯންޑްރިންގެ ކުށުުގެ އުންސުރު ނެތިގެން ދާކަމަށެވެ.
ހުކުމުގައި ވަނީ މައްސަލައިގައި ފަނޑިޔާރު އަމަލު ކުރެއްވި ގޮތުގެ ސަބަބުން، ރައީސް ޔާމީނަށް ދިފާއަށް ލިބެން ޖެހޭ އެތައް ފުރުސަތުތައް ގެއްލި ހައްގުތައް ނިގުޅައިގަނެވިފައިވާކަމަށެވެ. ހުކުމުގައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާއިން، ފައިސާ ލިބިވަޑައިގެންނެވިކަމަށް މާލީ ބަޔާނުގައި އޮތް އޮތުން އެއީ އެމަނިކުފާނާ ދެކޮޅަށް ބޭނުން ކުރެވޭނެ ހެއްކެއްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ވެސް ގޯސްކޮށްކަމަށް ހުކުމުގައިވެއެވެ.
ބުދަ ދުވަހަށް އަޑުއެހުމެއް ތާވަލުކުރިއިރު ރައީސް ޔާމީންގެ މައްޗަށް ހުށަހެޅިފައިވާ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް، ގިނަ ދުވަސްތަކަކަށް ފަހު އަންނަ އަންގާރަ ދުވަހު ވެސް އޮންނާނެއެވެ.

