ރަޖިސްޓްރީ ކުރުމެއް ނެތި، މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދުއްވާ ވެހިކަލްތައް ގަވައިދަށް ފައްތަން ވަކި މުއްދަތެއް ދީ އެ އުޅަނދުތައް ވަކި މުއްދަތެއް ވަންދެން ޕާކް ކުރެވޭނެ ވަގުތީ ބިމެއް ހަމަޖައްސައި ދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މާލޭގެ ސަރަހައްދުގައި ރެޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުތައް، ގަވައިދަށް ފެއްތުމަށް ޖާގަ ދިނުމަށް ނިންމައި ސަރުކާރުން ވަނީ ހުޅުމާލޭގެ ފޭސް ދޭއްގައި ބިމެއް ހަމަޖައްސާފަ އެވެ. ފޭސް ދޭއްގެ ބްރިޖާއި ޖެހިގެން އޮތް މި ހުސް ބިން އެޗްޑީސީން ޓްރާންސްޕޯޓް މިނިސްޓްރީއަށް ދީފައި ވަނީ 40 ދުވަހަށެވެ.
އެމްއޭސީއެލް ފްލެޓު ކުރިމަތީ އޮތް 40،000 އަކަފޫޓުގެ މި ބިން މިނިސްޓްރީއަށް ހަވާލުކޮށް ދެއްވީ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދެވެ.
މާލޭގެ ސަރަހައްދުގައި ގާނޫނާއި ގަވައިދާއި ހިލާފަށް ބޭނުން ކުރަމުންދާ ވެހިކަލް ހުރިއިރު، އަމީން ވިދާޅުވީ މި މައްސަލަ ބޮޑުވީ އެކަމަށް ފުރުސަތު ކުރިން ދެވިފައި އޮތުމުން ކަމަށެވެ. އަދި ގިނަ ބަޔަކަށް އޮތީ ގާނޫނުން ބޭރުން، ގަވައިދާއި ހިލާފު އަމަލުތައް ހިންގުމަށް އާންމުކަމަކަށްވެފައިކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދިގު މުއްދަތެއް ވަންދެން އެފަދަ ގޮތަކަށް ގަވައިދާ ހިލާފަށް އުޅެފައިވާތީ ވަގުތުން ވަގުތަށް އަޅާ ފިޔަވަޅުން ނަތީޖާ ނެރެވެން ނެތްކަމަށެވެ. އެހެންވެ އެކަން ހައްލު ކުރުމަށް ވަގުތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދުގެ ދަށުން މިނިސްޓްރީއައި އެޗްޑީސީ މަޝްވަރާތަކެއް ކުރީކަމަށް އަމީން ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިނިސްޓްރީއަށް ބިން އެޗްޑީސީ ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ 40 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މި ފިޔަވަޅުގެ ސަބަބުން ކުރާނެ ފައިދާއެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރައްވާފައި ވަނީ މާލޭގެ ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައިވާ، ރެޖިސްޓްރީ ނުކުރާ ވެހިކަލްތަކާއި ޒޯން އޮޅުވާލައިގެން ވެހިކަލްތަކުގެ އިތުރުން ގޯސް ނަންމަބަރު ޕްލޭޓު ހަރުކޮށްފައިވާ ކާރުތައް ބެހެއްޓުމުން އުޅަނދުތަކަށް ގެއްލުން ލިބި ޓޯވ ކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރި ނުވާނެ ކަމަށެވެ.
އެގޮތަށް ބެހެއްޓީމަ ޓޯ ކުރުމުގެ ސަބަބުން ލިބޭ ގެއްލުމެއް ވެސް ނުލިބޭނެ އަދި.. ޓޯކޮށްގެން ދައްކަން ޖެހޭ ޖުރިމަނާއެއް ވެސް ނުލިބޭނެ… އެހެންކަމުން އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ އަބަދަކަށް ނޫން.. މިއީ 40 ދުވަހަށް.. ހުރިހާ ބޭފުޅުންނަށް ވެސް އިއުލާނުގައި ފެންނާނެ.. މިއީ ހަ މަސް ދުވަހަށް ބަހައްޓާލެވެން ދޭ ޖާގައެއް.. އެގޮތަށް ޓޯ ކުރީމަ ހަލާކުވެގެން ދާތީއާއި.. މިހާ ގިނަ އަދަދެއްގެ ވެހިކަލްތަކެއް ނުބައިކޮށް މާލޭގައި އުޅޭތީވެ ކޮންމެވެސް ވަރެއްގެ ފްލެކްސިބިލިޓީއެއް ދިނުމަށް ކުރާ މަސައްކަތެއް މިއީ..
އަމީން ވިދާޅުވީ ބިން ބޭނުން ކުރަން ފެށުމުން އާންމުންނަށް އުނދަގޫ ވާގޮތަށް އެކި ސަރަހައްދުތަކުގައި ޕާކު ކުރާ އުޅަނދުތަކުގެ މައްސަލައަށް ވެސް ހައްލު އަންނާނެ ކަމަށެވެ.
މާލޭގެ ސަރަހައްދުގައި ވެހިކަލްތައް އިންތިހާއަށް ގިނެވައިވާތީ، އެންމެ ފަހުން މިނިސްޓްރީން އިފްތިތާހު ކުރި “މާލެ ފަހި ޕްރޮގްރާމް” ގައި ހައްލު ގެންނާނެ ގޮތުގެ ތަފްސީލު ލިޔެފައި ވެއެވެ.
މާލެ ސަރަޙައްދުގައި 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާއިރު، އެކަކުގެ ނަމުގައި ވެސް ހާހަކަށް ވުރެ ގިނަ ވެހިކަލް ރެޖިސްޓްރީކޮށްފައި ވެއެވެ. މިނިސްޓަރ ވިދާޅުވީ ތަފާތު ލޯން ސްކީމްތައް މެދުވެރިކޮށް، ނަގައި އަދި އެފަރާތްތަކަށް ފައިސާ ދެއްކުމަށް ދަތިވެފައިވާ ގިނަ ޢަދަދެއްގެ އުޅަނދުތައް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތައް ހުންނަ ބައެއް އުޅަނދުތަކަކީ އޭގެ ހަމަ އަގުގައި ފަސޭހައިން ވިއްކާލެވޭނެ ރަނގަޅު ފުރުސަތެއް ނެތް އުޅަނދުތަކެއްކަން އަމީން ވިދާޅުވި އެވެ.

