މާލޭގެ ގެއެއްގެ ތެރޭގައި ވަދެ ނިކުމެ ނޫޅެވޭ ގޮތަށް ފާރެއް ރޭނި މައްސަލައިގައި، ޖެހިގެން ހުރި ގެއެއްގެ ފާރު ތަޅާލާފައި ވަނިކޮށް އެ ފާރު އަލުން ރޭނުމަށް އަންގައި ކައުންސިލާއި ދެކޮޅަށް ނެރުނު އަމުރާއި އެއްގޮތަށް ފާރު ރާނައިފި އެވެ.
ހ. ހުދުފިނިފެންމާގޭގެ ފާރެއް މިދިޔަ މަހު ކައުންސިލުން ތަޅާލާފައި ވަނީ އެ ގެއާއި އިންވެގެން ހުރި ގޭގެ މީހުންނަށް ވަދެ ނިކުމެ ނޫޅެވޭ ގޮތަށް ސިޓީ ކައުންސިލްގެ ހުއްދަ ލިބިގެން އެތަނުގައި ހުރި އެހެން ގެއެއްގެ ބަޔަކު ފާރެއް ރޭނުމުންނެވެ. އެ ގޭގެ ގޯޅީގައި ފާރު ރޭނުމާއި އެކު މައްސަލަ ގޯސްވެ މީޑީއާތަކުގައި ފެންމަތިވި އެވެ. އަދި އެތައް އިހުތިޖާޖުތަކެއްކޮށް ހިނގި މައްސަލަގަނޑުގެ ތެރެއިން ކައުންސިލުން އަނެއްކާވެސް ނިންމީ އެ ފާރު ތަޅާލުމަށެވެ.
ފާރު ތަޅާލި މައްސަލައިގައި އަނެއްކާވެސް އެ ގޭގެ ވެރިޔާ ސިޓީ ކައުންސިލާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރުމުން މައްސަލައިގައި ވަގުތީ އަމުރެއް ނެރުނެވެ. އެ އަމުރުގައި ވަނީ މައްސަލަ ނިމެން ދެން ފާރު ރޭނުމުގެ ކުރިން އޮތް ހާލަތު ދެމެހެއްޓުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށެވެ.
ސިވިލް ކޯޓުގެ އަމުރުގައި ވަނީ 48 ގަޑިއިރުގެ ތެރޭގައި، ހުދުފިނިފެންމާގެއާއި އިންވެގެން ހުރި ގޭގެ މީހުން ކުރިން ވަދެ ނިކުމެ ހަދަމުން ދިޔަ ގޮތަށް ގޯލި ތެރެއިން އެކަން ކުރެވޭނެ ގޮތް ހަމަޖެއްސުމަށެވެ. އަދި ކުރިން ތަން އޮތް ހާލަތަށް އިޔާދަކުރުމަށް އަންގައި، މައްސަލައިގައި އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރު ނެރުނެވެ.
މި މައްސަލައިގައި ސިޓީ ކައުންސިލުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބުނެފައި ވަނީ، މިއީ ހައްލު ނުވެ 27 އަހަރުވެފައިވާ މައްސަލައެއް ކަމަށެވެ.
ކައުންސިލްގެ ވަކީލު އަބްދުﷲ އަބްދުލްހަކީމް ވިދާޅުވީ ހުދުފިނިފެންމާގޭގެ ގޯތީގެ ބޮޑުމިން ފުރަތަމަ 3970 އަކަފޫޓަށް އަރާކަމަށެވެ. އެކަމަކު ފަހުން ކޮންމެ ބައެއްގައި 1985 އަކަފޫޓު ހުންނަ ގޮތަށް ބަހާލީކަމަށް ވިދާޅުވި އެވެ.
ގޭގައި އެގޮތަށް މީހުން ބަންދުވި ސަބަބެއްކަމަށް ވަކީލު ވިދާޅުވީ ސިޓީ ކައުންސިލުން މީގެ ކުރިން ގަވައިދާ ހިލާފަށް ރެޖިސްޓްރީއެއް ދީފައި އޮތުމެވެ.

