ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ރައްޔިތުންނަށް ވީހާވެސް ބުރަނުވާ ގޮތަށް އިންތިޒާމުތައް ކުރުމަށް ސަރުކާރުން އަހައްމިއްޔަތު ދޭކަމަށް ފިނޭންސް މިނިސްޓަރ ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހިރާއްޖޭގެ މާލީ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ، ސަރުކާރުގެ ފިސްކަލް ސްޓްރެޓަޖީ އެކުލަވާލެވިފައިވާކަމަށެވެ. އަދި ދަރަނީގެ ސިޔާސަތުތައްވެސް އެކުލަވާލާ ނިމިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިވަގުތު ފިނޭންސް މިނިސްޓްރީއިން ކުރަމުންދަނީ 2026 ވަނަ އަހަރުގެ ތެރޭގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރާއި ގާތްކުރާ އަދަދެއްގެ ދަރަނި ދެއްކުމަށް ތައްޔާރުވުންކަމަށެވެ.
މިނިސްޓަރު ޝަފީގު ވިދާޅުވީ، 2025 ވަނަ އަހަރަކީވެސް ގޮންޖެހުންތަކާއި ދަތިތައް ހުރި އަހަރެއްކަމަށާއި ދައްކަން ޖެހޭ ދަރަނި ހުރިކަމަށެވެ. އަދި މިހާރު ކުރެވެމުންދަނީ އެކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ދުރާލާ ތައްޔާރުވުމުގެ މަސައްކަތްތައްކަމަށްވެސް ވިދާޅުވިއެވެ. ޝަފީގު ވިދާޅުވީ، އެ އަމާޒު ކާމިޔާބުކުރެއްވޭނެކަމަށް ގަބޫލުކުރެއްވޭކަމަށާއި ސަރުކާރުން އެންމެ ބޮޑަށް ބޭނުންވަނީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށްގެން ރައްޔިތުން ބޭނުންވާ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ކުރަމުންދާ މަސައްކަތްތަކުގެ ބުރައެއް ރައްޔިތުންނަށް ނުޖައްސާވޭތޯ ވީހާވެސް ބޮޑަކަށް ބަލާކަމަށާއި ފަސޭހަކަމާއިއެކު ކަންކަން ކުރެވޭތޯ މިނިސްޓްރީއިން ބަލާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ޝަފީގު ވިދާޅުވީ، އެސްއޯއީތަކުގެ އިސްލާހަކީ މުހިންމު ކަމެއްކަމަށެވެ. އަދި އެކަން ކުރުމުގައިވެސް ވީހާވެސް ބޮޑަށް ރައްޔިތުންނަށް އަސަރު ނުކުރާނެ ގޮތެއްގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބަލާކަމަށާއި ހަމައެކަނި ބަލަނީވެސް ގެއްލުންވަމުންދާ ކުންފުނިތަކަށް އެކަނި ނޫންކަމަށް އަލިއެޅުއްވިއެވެ. މިނިސްޓަރު ވިދާޅުވީ ފައިދާވާ ކުންފުނިތަކުން އިތުރަށް ފައިދާ ހޯދޭނެ ގޮތްތައް ބަލަމުންދާކަމަށާއި އެ ގޮތް ގޮތަށް އަމަލުކުރަން ބޭނުންވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އިސްލާހީ މަސައްކަތްތައް ކުރަމުންދަނީ ކުރިން ރާވާފައިވާ ޕްލޭންތަކާއި މި ސަރުކާރުން ރާވާފައިވާ ޕްލޭންތަކާއިވެސް އެކުކަމަށެވެ. އަދި އެސްއޯއީ ރިފޯމްގެ އަމަލީ ސިފަތައް ވަރަށް އަވަހަށް ފެނިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

