ސައިލެންސަރު ނުވަތަ ބަރުގޮނު ފަދަ ބިރުވެރިކަން އުފެދޭ އެއްޗެއް މޮޑިފައި ކޮށްފައިވާނަމަ، އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލަން ޖެހޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާ ބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނަސްފިއެވެ.
މި ދިޔަ ހޯމަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން އެ ގަވާއިދަށް އިސްލާހުތަކެއް ގެނަސްފައިވާއިރު އޭގެތެރޭގައި ސައިލެންސަރުގެ އަޑުގަދަކޮށްގެން އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދަށް ބަދަލު ގެނެސްގެން ނުވަތަ މޮޑިފައި ކޮށްގެން ދުއްވާ އުޅަނދުތައް 30 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓޭ ބާރު ފުލުހުންނަށް ދިނުން ހިމެނެއެވެ.
އޭގެ އިތުރުން އެފަދަ އުޅަނދެއް ދޫކުރެވެނީ، އުޅަނދަށް ގެނެސްފައިވާ މޮޑިފިކޭޝަން ރަނގަޅު ކުރުމުން ކަމަށާ ސައިލެންސަރު ނުވަތަ ބަރުގޮނު ފަދަ ބިރުވެރިކަން އުފެދޭ އެއްޗެއް މޮޑިފައި ކޮށްފައިވާނަމަ، އެ އެއްޗެއް ފުލުހުންގެ ބެލުމުގެ ދަށުން ނައްތާލަން ޖެހޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނަސްފައިވެއެވެ.
މީގެ ކުރިން އެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ އަސްލަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދެއް ނަމަ، އެކަމެއް ރަނގަޅު ކުރުމަށް އުޅަނދުގެ ވެރިފަރާތަށް އަންގައި އެ އެންގުމާ އެއްގޮތަށް އަމަލު ނުކޮށްފި ނަމަ، 15 ދުވަހުގެ މުއްދަތަކަށް ޓޯ ކުރެވޭނެ ކަމަށެވެ.
ކުރިން ގަވައިދު އޮންނަ ގޮތުން، ނުގަވައިދުން ޕާކްކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދު ހިފަހައްޓަނީ 15 ދުވަހުގެ މުއްދަތަކަށް ނަމަވެސް ފަހުން ގެނައި އިސްލާހުގައި ބުނީ ނުގަވައިދުން ޕާކްކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދު ހިފަހައްޓަނީ، ދެ ދުވަހުގެ މުއްދަތަކަށް ކަމަށެވެ.
ފުލުހުންގެ ގަވާއިދުތަކަށް އިސްލާހު ގެނެސްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން މިދިޔަ ހުކުރު ދުވަހު ފަތިހު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވުމާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި ފިޔަވަޅުތަކެއް އަޅަން އިދާރާތަކަށް އެންގުމާ ގުޅިގެންނެވެ.

