ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓްގެ މައްސަލާގައި ފުލުހުން ދޮގުހަދައި، ދޮގު މައުލޫމާތު ދީފައިވާކަމަށާއި އެކަން ކަމާއި ބެހޭ އިދާރާތަކުން ބަލަން ޖެހޭކަމަށް ހައި ކޯޓުން ބުނެފައިވާ މައްސަލައިގައި 11 ދުވަސްވެފައިވީއިރު ވެސް މިހާތަނަށް ތަހުގީގު ނިމިފައިނުވާ ކަމަށާ އެއްވެސް އޮފިސަރަކަށް ފިޔަވަޅު ވެސް އަޅާފައި ނުވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
މިދިޔަ ޖުލައި، 31 ގައި ވިނަރެސް ފްލެޓުތަކާއި ކައިރި މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި އެ މަގުގެ އެއްފަރާތުގައި ސައިކަލުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓު ހިނގިއިރު ކާރު ދުއްވަން އިންކަމަށް ތުހުމަތުވާ އިބްރާހިމް އިކްރާމް ފުލުހުން ހައްޔަރު ކުރީ، އެރޭގެ ވަގުތެއްގައެވެ. އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމުން އެ ނިންމުން ގޯސްކަމަށް ބުނެ މައްސަލަ ހައިކޯޓަށް އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ.
މައްސަލަ އިސްތިއުނާފުކޮށް އިކްރާމްގެ ފަރާތުން ބުނެފައި ވަނީ، ފުލުހުން އަމަލު ކުރީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށެވެ. އިކްރާމް ބަންދު ކުރުމަށް ނެރުނު އަމުރު ހައިކޯޓުން ބާތިލު ކުރީ، އޭނާއަށް ވަކީލެއްގެ ފުރުސަތު ދީފައި ނުވާތީއެވެ.
މި މައްސަލައިގައި ދެ ފަރާތުން ދައްކާފައިވާ ދިމާނުވާތީ ދަށު ކޯޓުގެ މުއްދަތު މަޖިލިސް ރެކޯޑިން ހޯދައި މުއްދަތު މަޖިލީހުގައި ވަކީލުންގެ ހައްގާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ވޭތޯ ހައިކޯޓުގެ ފަނޑިޔާރުން ވަނީ ބައްލަވާފައެވެ. އެގޮތުން އެފަދަކަމެއް ފަނޑިޔާރުންގެ ފަރާތުންނާއި މަޖިލީހުގައި ބައިވެރިވި އެއްވެސް ފަރާތަކުން ފާހަގަކޮށްފައި ނުވާކަމަށް ހައިކޯޓުގެ އަމުރުގައިވެއެވެ. މިއީ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފުލުހުންގެ ފަރާތުން ދީފައިވާ ދޮގު މައުލޫމާތަކަށް ވާތީ، ކަމާއި ބެހޭ ފަރާތްތަކުން މައްސަލަ ބަލައި ތަހުގީގު ކުރަންޖެހޭކަމަށް އަމުރުގައި ވެއެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ‘ސަންގުޓީވީ’ އަށް ވިދާޅުވީ އެކަން ހިނގާ ދިޔަގޮތާ އިދާރީގޮތުން ބަލަންޖެހޭ ކަންކަން ޕޮލިސް ޕްރޮފެޝަނަލް ސްޓޭންޑާޑުން އަދިވެސް ބަލަމުން ދާ ކަމަށެވެ. ނަމަވެސް މި މައްސަލައަށް 11 ދުވަސްވެ، މައްސަލަ ބަލަމުން ދިއަ ނަމަވެސް މިހާތަނަށް ވެސް އެއްވެސް އޮފިސަރަކު ސަސްޕެންޑުކޮށް، ނުވަތަ ފިޔަވަޅުވަޅު ވެސް އަޅާފައި ނުވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ފިޔަވަޅުއަޅަން ޖެހިއްޖެނަމަ ފިޔަވަޅު އަޅާނީ ތަހުގީގަށް ފަހު ކަމަށެވެ.
ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ގާނޫނީ ވަކީލުން އައްޔަނުވުމުގައި ކަން ހިނގާ ގޮތަށް ބަލާއިރު އެންމެ ފުރަތަމަ ވަކީލު އައްޔަނު ކުރަންވާނީ ފުލުހުންގެ ހިދުމަތަށްކަމަށާއި އަދި ފުލުހުންގެ ފަރާތުން ވަކީލު ބަލައިގަނެ އެކަން ސީދާ ވަކީލަށް އައްޔަނު ކުރަންޖެހޭނެކަމަށް އަމުރުގައި ވެއެވެ. އަދި ވަނީ ވަކީލު ބަލައިގެންކަން ފުލުހުން އެންގުމުގެ ކުރިން ތުހުމަތުގައި ނުވަތަ ބަންދުގައި ހުރި މީހާގެ އެއްވެސް މައުލޫމާތެއް އައްޔަނު ކުރާ ވަކީލަކަށް ނުދޭނެކަމަށް ހައިކޯޓުގެ ޝަރީއަތުގައި ފުލުހުން ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ވަކީލުގެ ފަރުދީ ޒިންމާގެ ތެރެއިން މައްސަލައިގައި މުއްދަތު ޖަހާނެ ގަޑިއާއި މުއްދަތު ޖަހަން ގެންދާނެ ކޯޓެއް ވަކީލަށް ކަށަވަރު ކުރެވޭނެ ގޮތެއް އޮތްކަމަށް ނުދެކޭކަމަށް ވަނީ ބުނެފައެވެ.
އިކްރާމްގެ ވަކީލެއްކަމަށް އައްޔަނުވުމަށް ފޯމު ހުށަހެޅި ވަގުތާއި ބަލައިގަތް ވަގުތާއި އައްޔަނު ކުރި ވަގުތާއި މުއްދަތު ޖަހަން ދިޔަ ވަގުތު އަދި ހުރިހާކަމަކަށް ބަލާއިރު މައްސަލައިގައި ވަކީލެއްގެ ފުރުސަތަށް އެދި ހެނދުނު 07:23 ގައި ހުށަހަޅާފައިވާއިރު ބަންދާއޮ މެދު ގޮތެއް ނިންމުމުގެ މަޖިލިސް އެދުވަހުގެ ހެނދުނު 10:00 ގައި ކޯޓަށް ހާޒިރުކޮށް ބަންދުގެ މަޖިލިސް ކުރިޔަށް ގޮސް އެ މަޖިލިސް ނިމުނުއިރު މައްސަލައިގައި ވަކީލަށް އެއްވެސް މައުލޫމާތެއް އަންގާފައި ނުވާކަމަށެވެ. އަދި ވަކީލަކު އައްޔަނުވުމަށް، އެދި ފޯމެއް ހުށަހަޅާފައިވާކަން ފަނޑިޔާރުންގެ ސަމާލުކަމަށް ވެސް ގެނެސްފައި ނުވާކަމަށް ހައިކޯޓުގެ އަމުރުގައި ވަނީ ބުނެފައެވެ.
ފުލުހުން އަމަލު ކުރި ގޮތުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް އަސަރުކޮށްފައި ވާތީ އެކަން ބަލައި އިތުރަށް ތަކުރާރު ނުވާނެ ގޮތެއްގެ މަތީން އިންތިޒާމުތައް ރާވަން ޖެހޭކަމަށް ވެސް ބުނެފައިވެއެވެ.

