މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
މަޝްހޫރު ”މާކަނާ ޝޯވ“ ގެނެސްދޭ ޔާމީން ރަޝީދުގެ އެނިމޭޓެޑް ވީޑިއޯއެއް ޕޯސްޓު ކުރައްވައި ރައީސް ދެއްވި މެސެޖުގައި ވިދާޅުވީ ފުރާނައިގެ އަގެއްވާކަމަށާއި، އެންމެން ވެސް އުޅަނދު ދުއްވުމުގައި ރައްކާތެރިވުމަށް އެދޭކަމަށެވެ.
ޔާމިން ރަޝީދަކީ 2015 ވަނަ އަހަރު ވިޒުއަލް އާޓްސްގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2015 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
އެ ވީޑިއޯގައި ދައްކަނީ ބައްޕައަކު އޭނާގެ ދަރިފުޅަށް ހަދިޔާއަކަށް ގަޑިއެއް ދިނުމަށް ދަރިފުޅު ދިރިއުޅޭ ގެއަށް ދިއުމަށް ސައިކަލުގައި ދާ މަންޒަރެވެ. އޭނާ ސައިކަލުގައި ދަންނިކޮށް ވަންވޭއެއް ފަޅާލައި ދިޔަ ކާރަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަ އެވެ.
ކާރުގައި ހުރި މީހާ ފައިބައިގެން ގޮސް، އެކްސިޑެންޓުވީ ކާކުތޯ އޭނާ ބަލާއިރު އެއީ ބައްޕަ އެވެ. މި އެކްސިޑެންޓު ދަރިފުޅު އަތުން ހިނގައި، ބައްޕައަށް ވަނީ ވަރަށް އަނިޔާވެފަ އެވެ. އެވަގުތު އޭނާއަށް އިހުސާސް ކުރެވެނީ ވެހިކަލް ނުގަވައިދުން ދުއްވުމުގެ ސަބަބުން ނިކުމެދާނެ ނަތީޖާ އެވެ.
ރައީސް މުއިއްޒު މި ވީޑިއޯ ޕޯސްޓު ކުރައްވާފައި ވަނީ މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާ ވަގުތެއްގަ އެވެ. މިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ޒުވާނަކު ވަނީ ނިޔާވެފަ އެވެ. އަދި އެކްސިޑެންޓުތަކުގައި ސީރިއަސް ޒަހަމްތަކެއް ލިބި ގިނަ ބަޔަކު ދަނީ ފަރުވާ ހޯދަމުންނެވެ.
އެކްސިޑެންޓުތައް ގިނަވެފައި ވާތީ ރައީސްގެ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތައް އިއުލާނުކޮށްފަ އެވެ.

