މެރިޓައިމް ދުވަސް ފާހަގަކުރުމަށްޓަކައި މޯލްޑިވްސް ޝިޕިން ލިމިޓެޑާއި އަދި މޯލްޑިވްސް ޕޯޓްސް ލިމިޓުގެ ބޯޓުފަހަރުގައި ހުރި ވަޒީފާގެ ފުރުސަތުތައް ބެލުމަށްޓަކައި މުޅި މާލެއަށް ހުޅުވާލައިގެން އެއްދުވަހުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ރާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ޑިރެކްޓަރ ހުސެއިން ނަޒީރު ވިދާޅުވީ ބައެއް މީހުން ލައިސަންސް ނުނަގާ ކަނޑުމަތީގެ އުޅަނދު ދުއްވާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ. ނަޒީރު ވިދާޅުވީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުތަކަށް ބަލާއިރު ގާތް ގަނޑަކަށް 15،000 އަށްވުރެ ގިނަ އުޅަންދު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ކަމަށެވެ. ނަޒީރު ވިދާޅުވީ އޭގެން ކޮންމެ އުޅަނދެއްގައި މަދުވެގެން ދުއްވާނެ މީހަކު ހުންނަން ޖެހޭ ކަމަށެވެ.
އުޅަނދުތައް ދުއްވުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފައިވާ ނިޔަމި ކޯހުގެ ދެ ސިލަބަހެއްގެ ތެރެއިން ތަމްރީނު ވާންޖެހޭކަމަށް ނަޒީރު ވިދާޅުވިއެވެ. ސްޓެޓިސްޓިކްސްއަށް ބަލާއިރު 16،000 އާއި 17،000 އާއި ދެމެދުގެ އަދަދަކަށް މިހާރުވެސް ތަމްރީނުވެފައިވާ މީހުން ތިބިކަމަށް ނަޒީރު ވިދާޅުވިއެވެ.
”ރާއްޖޭގައި ކަނޑުދަތުރު ކުރާ އުޅަނދު ބޭރުމީހުން ދުއްވުމަކީ ގަވައިދުގެ ތެރެއިން އަޅުގަނޑުމެން ހުއްދަ ކުރާ ކަމެއް ނޫން. އެހެންވީމަ ބޭރު މީހުން އެއްގަމު އުޅަނދު ދުއްވާހެނެއް ކަނޑު އުޅަނދެއް ނުވެ ދުއްވޭނެ. އެއީ މަނާކަމެއް. ހަމައެގޮތަށް ލައިސަންސް ނުނަގާ ދުއްވާ މީހުންނާއި ދެމެދު ހަމަ އަބަދުވެސް ދަނީ ހާލަތާއި އެއްގޮތަށް ގަވާއިދުގެ ތެރެއިން ފިޔަވަޅު އެޅެމުން. ހާއްސަކޮށް މާލެ ސަރަހައްދުގައި މެރިން ޕޮލިސް އުޅަނދުފަހަރުތައް ބަލައި ޗެކު ކުރަމުން ދާއިރު ލައިސަންސް ނެތް ފަރާތެއްނަމަ އެ ފަރާތެއްގެ މައުލޫމާތު ތަކާއެކު ވައިލޭޝަން ސްލިޕެއް ދޫކުރުމަށްފަހު އެފަރާތަކާއިމެދު ފިޔަވަޅުތައް އެޅިގެންދޭ“
ނަޒީރު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ މީހުންނަށް ފިޔަވަޅު އަޅާއިރު ހަމައެކަނި އަޅަނީ އުޅަނދު އޭރަކު ދުއްވަން ހުރި މީހާއަށް އެކަނި ނޫންކަމަށެވެ. އަދި އުޅަނދު ދުއްވަން ހުރި މީހަކަށް އެ އުޅަނދެއް ލިބޭނީ އެ އުޅަނދުގެ ވެރިފަރާތުން އެއުޅަނދު ދޫކުރުމުން ކަމަށް ނަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެ އުޅަނދެއްގެ ވެރިމީހާ އާއިދެމެދުވެސް ފިޔަވަޅުތަށް އަޅާނެ ކަމަށާއި އެ މީހަކުވެސް ޖުރިމަނާ ކުރެވޭނެކަމަށް ނަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ނަޒީރު ވަނީ މެރިޓައިމް ޑޭ މިމަހުގެ ފަހު ހަފްތާގެ ތެރޭގައި އަންނަ ކަމަށް ފާހަގަކޮށް ޓްރާންސޕޯޓު މިނިސްޓްރީންވެސް އެދުވަހާއި ގުޅުވައި ކަންކަން ރާވައިފައިވާ ކަމަށް ވިދާޅުވެފައެވެ. މެރިޓައިމް ދުވަހުގެ ގޮތުގައި 26 ސެޕްޓެމްބަރު ފާހަގަކުރާއިރު މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާއިފައިވަނީ ”ނެވިގޭޓިންގ ދަ ފިއުޗަރ ސޭފްޓީ ފަސްޓު“ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވޯލްޑް މެރިޓައިން ޑޭ ފާހަގަކުރުމަށްޓަކައި ކަމާގުޅުންހުރި މުވައްސަސާތަކާއިއެކު ގުޅުގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަމަށް ނަޒީރު ވިދާޅުވިއެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، އަދި އެސްޓީއޯ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ނަޒީރު ވިދާޅުވިއެވެ. މަތީ ތައުލީމު ހާސިލުކުރާ ކުދިންނަށް އަމާޒުކޮށްގެން މެރިޓައިމް ދާއިރާ އާއި ގުޅޭ މައުލޫމާތުތައް ހިއްސާ ކުރުމާއި އެ ދާއިރާގައި ފުރުސަތުތައް ހުރި މިންވަރާއި އަދި ދާއިރާއަށް ހޭލުންތެރިކުރުމަށް ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.

