ބައިނަލްއަގުވާމީ ބަންކަރިން ހިދުމަތް ރާއްޖޭގައި ފެށުމާއިއެކު، މެރިޓައިމް ސިނާއަތް ވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް ތިން ވަނަ އަށް އެންމެ ބޮޑު ނަފާ ހޯދައިދޭ ސިނާއަތަށްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޖީހު މިފަދައިން ވިދާޅުވީ ހއ. އުލިގަމުގައި އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ދުނިޔޭގެ ޗާޓުގައި ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން، އެތައް މަންފާއެއް ހޯދޭނެކަމަށް ބުނަމުން އަންނަތާ ޒަމާންތަކެއްވެފައިވާކަމަށް ފާހަގަކޮށް ވަޖީހު ވިދާޅުވީ، ވެރިކަމަށް އަންނަ ކޮންމެ މީހަކުވެސް މި ވާހަކަދައްކާ، ރައްޔިތުންނަށް އެތައް ހުވަފެންތަކެއް ދައްކާކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް އައިރުވެސް މިކަން ކާމިޔާބު ކުރެވިފައި ނެތްކަމީ ހަގީގަތްކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ނުކުރެވި އޮތީ އިހުލާސްތެރިކަން ނެތުމުގެ ސަބަބުންކަމަށް ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެ އާއި ދެކުނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާކަމަށާއި، މި މަސައްކަތުގެ ބޮޑު ބައި އެމްޕީއެލްއާއި ހަވާލުކުރެވުމުން އަވަސް ސްޕީޑުގައި، ރައީސްގެ އިރުޝާދާއި އެއްގޮތަށް މަސައްކަތް ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ތަރައްގީއަށް އެއް ބޮޅު އިތުރުވެގެންދާނެ މަސައްކަތެއްކަމަށް ވަޖީހު ވިދާޅުވިއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ސިއްރަކީ، އިހުލާސްތެރި، ވިޝަނަރީ ވެރިންކަމަށް ފާހަގަކޮށް ވަޖީހު ވިދާޅުވީ، ތަރައްގީގެ ސްޕީޑް އަވަސްވުމާއި ލަސްވުން ވެސް ބިނާވަނީ އެ ވެރިއެއްގެ ވިސްނުމުގެ މައްޗަށްކަމަށެވެ.
ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖެހުމަށްޓަކައި، އެހެން ވެރިންނާއި ހިލާފަށް ބޮޑެތި މަސައްކަތްތަކެއް ރައީސް މުއިއްޒު ކުރައްވާކަން މި މަސައްކަތުން ސާބިތުވާކަމަށް އޭނާ ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ ރާއްޖޭގެ މައިގަނޑު ސިނާއަތްތަކަކީ ފަތުރުވެރިކަމާއި މަސްވެރިކަންކަމަށެވެ. ބޮޑު ނަފާއެއް ލިބޭ އެހެން ސިނާއަތެއް އުފެދިފައި ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މެރިޓައިމް ހިދުމަތްތައް ދިނުމަށް ރައީސް ޑރ. މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރިއަށް ގެންދަވާކަން ފާހަގަކޮށް ވަޖީހު ވިދާޅުވި ގޮތުގައި މިއީ ބޮޑު ނަފާއެއް ލިބޭނެ ކަމެކެވެ.

