އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް މިނިސްޓަރ އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
”އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445“ އެވޯޑު ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އެން.ސީ.އޭ ޓެލެޑްރާމާގެ އުސޫލުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ރާމާތައް އޮލިމްޕަހުގައި ސްކްރީންކޮށް، ޓިކެޓު ވިއްކައިގެން ލިބޭ އާމްދަނީގެ ޕަސެންޓޭޖެއް ޑްރާމާ އުފައްދާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވިއެވެ.
މިނިިސްޓަރ ވިދާޅުވީ، އޮފީސްތަކުގެ ޓެލެޑްރާމާގެ ސަބަބުން ގިނަ ފަންނާނުން އުފެއްދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އެފަރާތްތަކަށް އިންޑަސްޓްރީއިން ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާފައިވާއިރު އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445ގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައިވަނީ ”މަނާލް“އެވެ. މި ޑްރާމާއަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން ތައްޔާރުކުރި ޑްރާމާއެކެވެ. މި ޑްރާމާއަށް ޖުމްލަ 8 އެވޯޑް ވަނީ ލިބިފައެވެ.

