ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ މިއީ ރައީސް އ.ދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ތަޤުރީރު ކުރައްވާނެއެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސްކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަމަށެވެ.
މީގެއިތުރުން އ.ދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުޚާތަބުކުރައްވައި ރައީސް ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

