ރާއްޖޭގެ އިގްތިސާދީ ހާލަތާއި މެދު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި، އިންވެސްޓަރުންގެ ހިތުގައި ސުވާލު އުފެދޭ ގޮތަށް ވާހަކަ ދެއްކުމުގެ ޖާގަ ދެވެން ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ މިއީ ވެރިކަމަށް އައިސް ކުއްލިއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުމެއް ނޫންކަމަށާއި، ރިޔާސީ އިންތިހާބަށް އެކުލަވާލި މެނިފެސްޓޯގައި ވެސް ރާއްޖޭގެ އިގްތިސާދާއި ގުޅުން ހުރި ގިނަ ޕްލޭންތައް އެކުލަވާލި ކަމަށެވެ.
ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުތަކުން ގިނަ ފިޔަވަޅުތަކެއް އިއުލާނު ކުރި ނަމަވެސް، އޭގެއިން ގިނަ ކަންކަން ހުރީ ތަންފީޒީ މަރުހަލާއަށް ނުވަތަ އެ ފިޔަވަޅާއި ހަމައަށް ދާން ވެސް މަސައްކަތެއް ނުކުރެވިކަމަށް ސައީދު ވިދާޅުވި އެވެ. އެއާއި އެކު ރައީސް މުއިއްޒުގެ އެންމެ ބޮޑު އަމާޒަކަށްވީ ސަރުކާރު އުފެދި، އެފަދަ މުހިންމު ކަންކަން ބަލައި އެ ތަންފީޒު ކުރުންކަމަށް ސައީދު ވިދާޅުވި އެވެ.
ދިވެހިންގެ އަތް މަތީގައި އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޮންނަން ޖެހޭއިރު، އެކަމަށް ހާއްސަ ކުންފުންޏެއް އުފެއްދެވުމުގެ މަގްސަދަކީ ވެސް އެއީކަމަށް ސައީދު ފާހަގަކުރެއްވި އެވެ. އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް މިއަދު ފެށިގެން މި ދިޔައީ ސައީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ މަޝްހޫރު އެއް ކުންފުންނާއި އެކު އެވެ. 55 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކާއި އެކު އެ މަސައްކަތް ފެށުމާއި އެކު ސަރުކާރާއި މެދު ސުވާލު އުފެއްދި އެތައް ބަޔަކު ތިބިކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ބައެއް މީހުންގެ އަމާޒު އެއްކޮށް ހުރީ ރައީސްގެ މަސައްކަތް ކާމިޔާބުވިޔަ ނުދޭންކަމަށެވެ. އެފަދަ މީހުންގެ އެ ހުރީ ގައުމިއްޔަތާއި ދެކޮޅު ވިސްނުމެއްކަމަށާއި، އެއީ ގައުމާއި ދެކޮޅަށް ކުރެވޭ މަސައްކަތެއްކަމަށް ސައީދު ވިދާޅުވި އެވެ.
ރާއްޖޭގެ ބޮޑު ދަރަންޏެއް އުފައްދައި، އިންވެސްޓަރުންނާއި މެދު ސުވާލު އުފެއްދުމަށް ޖާގަ ނުދެވޭނެކަމަށް ސައީދު ވިދާޅުވި އެވެ.

