ދިވެހިރާއްޖެއަށް އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދޫކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފިށްފިއެވެ.
އިންޑިއާ ހައިކޮމިޝަނުގެ ބަޔާނުގައި ވާގޮތުން، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ކުރިން އެސްބީއައިއިން ދޫކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލުގެ އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފައިވެއެވެ. މި ލޯނުގެ ފައިސާ ދެއްކުމަށް ކުރިން ކަނޑައެޅިފައިވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހު ކަމަށާއި، މިހާރު އެ މުއްދަތު އެއް އަހަރު ދުވަހަށް ފަސްކޮށްދީފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މި އަހަރުގެ މޭ މަހުގައިވެސް ހަމަ މިފަދަ 50 މިލިއަން ޑޮލަރުގެ އެހެން ލޯނެއްގެ މުއްދަތު ދިވެހި ސަރުކާރުގެ ހާއްސަ އެދުމަކަށް ބިނާކޮށް، އެމަޖެންސީ ފައިނޭންސްގެ ގޮތުގައި ފަސްކޮށްދީފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދޭ އިސްކަމާއި އެއްބާރުލުން ހާމަކޮށްދިނުމުގެ ގޮތުން، ލޯނު ދެއްކުމުގެ މުއްދަތު ފަސްކޮށްދިނުމުގެ އިތުރުން، ދިވެހިރާއްޖެއަށް އަށް ބޭނުންވާ އަސާސީ މުދާ އެކްސްޕޯޓު ކުރުމަށް ކަނޑައަޅާފައިވާ ކޯޓާ އިތުރު އެއް އަހަރު ދުވަހަށް އައުކޮށްދީފައިވާކަންވެސް ފާހަގަކުރެވެއެވެ. މި ފިޔަވަޅުތަކުން ދޭހަވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ދޭ މުހިންމުކަމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމެވެ.

