ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މި ސަރުކާރުން ވަކި ހާއްސަ އިނާޔަތެއް ދޭ އުސޫލުން، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަކި އަދަދަކަށް މެމްބަރުން ވައްދައި ގެންނަ މެމްބާޝިޕް ފޯމުތަކަށް ވެސް ހަދިޔާ ބަހަމުންދާކަމަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ސިޔާސަތަކަށް ފާޑުކިޔައި އެމްޑީޕީން ބާއްވަމުން ގެންދާ ސިލްސިލާ ހަރަކާތުގެ ތެރެއިން، ކޮންމެ ބުރާސްފަތި ދުވަހުގެ ރޭ ހަރުގެ ޖަލްސާ ބާއްވަ އެވެ. ރޭގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ އެމްޑީޕީއާއި މި ސަރުކާރުގެ ތަފާތަކީ ރައްޔިތުންނާއި މެދު އަމަލު ކުރާ ގޮތް ކަމަށެވެ. ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ގަމާރު ބައެއްގެ ގޮތުގައި ޕީއެންސީ ދެކުނު ނަމަވެސް އެމްޑީޕީ އަބަދުވެސް ބެލީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ހޯދައިދޭންކަމަށް ނާޒިލް ވިދާޅުވި އެވެ.
އެމްޑީޕީ ގެންގުޅޭ ތަސައްވުރާ އިދިކޮޅަށް، ފަހުން އަންނަ ސަރުކާރުތަކުން މަސައްކަތް ކުރާއިރު އެބަޔަކު ބަލަނީ އަމިއްލަ މަންފާއަށް ފައިދާ ހުރި ގޮތްތަކެއް ހޯދައި ޖީބަށް ފައިސާ ބަރު ކުރުމަށްކަމަށް ނާޒިލް ވިދާޅުވި އެވެ. ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް މެމްބާޝިޕް އިތުރު ކުރުމަށް ހަރަކާތްތައް ކުރިޔަށް ގެންދާއިރު ވަކި އަދަދަކަށް ފޯމުތައް ގެންނަ ބަޔަކަށް ބޮޑު މުސާރައިގައި ސިޔާސީ މަގާމުތައް ދެމުން ގެންދާކަމަށް ތުހުމަތު ކުރައްވައި ނާޒިލް ވިދާޅުވީ ސަރުކާރު ބޭނުންވާ ގޮތަށް މަސައްކަތް ކުރަން ތައްޔާރަށް ތިބި މީހުންނަށް އެކި ނަންނަމުގައި ހަދިޔާތައް ވެސް ބަހަމުންދާކަމަށެވެ.
ނާޒިލް ވިދާޅުވީ މުޅި ސަރުކާރު ހިންގަމުން ދަނީ ހަދިޔާ ބެހުމުގެ ތެރޭގައިކަމަށާއި، ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ވެސް ހާއްސަ އިނާމުތައް ދޭއިރު އެއީ ސަރުކާރަށް މާ އުނދަގޫކަމެއްހެން ހީނުވާކަމަށެވެ.
ހަމަ ޔަގީނުން ވެސް އިނާމު ލިބޭ.. އެވާހަކަ އެބަ ދައްކާ.. އިނާމު ލިބޭ.. މަޖިލިސް މެމްބަރުންނަށް ވެސް އިނާމު ލިބޭ.. މިބޭފުޅުންނަށް އިނާމު ދިނުމަކީ މާ އުނދަގޫކަމެއް ނޫން..
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދާއިރާއަށް ވަޑައިގަތުމާއި އެކު ރަށްޔިތުންގެ ޝަކުވާއަކީ، އެބައެއްގެ ހާލަތާއި ރަށަށް ޖެހިގައިވާ ދަތިތައް ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދޭކަމަށް ނާޒިލް ވިދާޅުވި އެވެ. މެމްބަރުންގެ އެއްވެސް އަޅާލުމެއް ދާއިރާތަކަށް ނުލިބި، އެބޭފުޅުން އަވަދިނެތި އުޅުއްވަނީ ސަރުކާރުގެ ފަރާތުން ލިބޭ ހާއްސަ އިނާޔަތާއި އެކުކަމަށް ނާޒިލް ވިދާޅުވި އެވެ.

