ރާއްޖޭގެ އަތޮޅުތަކުގައި ރަނގަޅު ސިއްޙީ ނިޒާމެއް ޤާއިމު ކުރެވިފައި ނެތުމުގެ ސަބަބުން، ޒަމާނުއްސުރެ ސިއްހީ ކަންކަމަށް މާލެ އައުމަށް މިވަނީ މަޖުބޫރުވެފައެވެ. މިއަދާއި ހަމައަށް އައިއިރު، ރާއްޖެ އެކި ރީޖަން ތަކަކަށް ބަހައި، ރީޖަނަލް ހޮސްޕިޓަލްތަކެއް ގާއިމްކުރެވިފައި އެބަހުއްޓެވެ. ކަން މިހެން އޮތް ނަމަވެސް އެ ހޮސްޕިޓަލްތަކުގެ ހިދުމަތާއި ފެންވަރު، ރައްޔިތުންނަށް ރަނގަޅު ޙިދުމަތެއް ދިނުމަށް އޮންނަނީ ނުކުޅެދިފައެވެ.
ކަންކަން ހޯދާ ބަލައިލާ އިރު، ތެލެސީމިއާ ކުދިން، އާދެ ލޭ އަޅާ ކުދިންނަށް މާލޭގައި ލިބޭ މިންވަރަށް ސިއްހީ ރައްކާތެރިކަން އަތޮޅުތެރޭން ލިބޭ ކަށެއް ނުހުރެއެވެ. މީގެ އިތުރުން މާބަނޑު މީހަކަށް ލޭ ހޯދަން ޖެހުނަސް އެންމެ ކުރީގައި ބޭސް ސިޓީއަށް ސަލާންޖެހި އުސޫލުން އެކަކު ކައިރިން އަނެއްކަކު ކައިރިއަށް ދިއުން ނޫންގޮތެއް އަދި ފެންނާކަށް ނެތެވެ. ލޭ ހަދިޔާ ކުރާނޭ ޑޯނަރަކު ނުލިބިއްޖެ ނަމަ ދެން ޖެހެނީ ލެއްވި ހާލެއްގައި ވާން އަތުން ބޮޑު ޚަރަދުކޮށްފައި މާލެ އަންނަށެވެ. އަތޮޅުގެ ރަށްތަކުގައި ބްލަޑް ބޭކްތައް ޤާއިމް ކުރެވިފައިވީ ނަމަވެސް، އެތަންތަނުން އެކަށީގެންވާ ޙިދުމަތްތައް ދިނުމަށް ވަނީ ނުކުޅެދިފައިއެވެ.
މާލޭގައި މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމާއި، ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް އިންނަ މިންވަރާއި ގާތަށްވެސް ރާއްޖޭގެ އިތުރު އަތޮޅުތަކުގައި ނެތޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މިއަހަރުގެ މިހާތަނަށް ބަލާއިރު ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން 2 އަތޮޅެއްގައާއި 16 ސުކޫލެއްގައި ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާ ސްކްރީން ކުރަން ފެށި ޕްރޮގްރާމްގައިއެކަށީގެންވާ ބްލަޑް ބޭންކެއް ގާއިމް ކޮށް ރާއްޖޭގެ ކަންކޮޅުތަކަށްވެސް އެ ތަންތަނުން ހިދުމަތް ލިބޭނޭ މަގު ފަހިވާން އެބަ ޖެހެއެވެ.
އިތުރު ކަންކަމަށް ބަލާއިރު، ރާއްޖޭގެ އާބާދީ ބޮޑު ގިނަ ރަށްރަށުގައި ސްކޭން ކުރުމުގެ ހިދުމަތް ލިބޭކަށް ނުހުރެއެވެ. އެހެން ނަމަވެސް މި ކަމަކީ ރާއްޖޭގެ ކޮންމެ ރަށަކަށްހެން ބޭނުންވާ، މުހިންމު ހިދުމަތެކެވެ. ރާއްޖޭގެ ރައްތައް މިވަނީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައެވެ. އެހެން ކަމުން އެންމެ ކައިރިން ދެވެން އޮތް ރީޖަނަލް ހޮސްޕިޓަލްއަކަށް ގޮސް ސްކޭން ކުރުމަކީ މިހާރު ކަން ކުރަމުން އަންނަ އުސޫލެވެ. ސޯނޯގްރާފަރުންނަކީ ރާއްޖޭގައި ނިސްބަތުން މަދު ބަޔަކަށް ވުމާއިއެކު، ހުރިހާ ރަށަކަށް ސްޕެޝަލިސްޓް ޑޮކްޓަރުންގެ ފޮނުވުމަކީ ދާ ޚަރަދަށް ބަލާފައި އެންމެ އެކަށޭނަ ހައްލަކަށް ނުވެދާނެއެވެ.
އެހެން ނަމަވެސް، ދަތުރު ފަތުރުތައް ނުކޮށް މިކަންކަން ރަށުގައި ތިބެގެން ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ކުދިން ނަރުސް ކަމަށް ޝައުގުވެރިވެ އެ ދާއިރާއިން ކުރިއަށްދާ ކަމީ ރައްޔިތުން އުފާ ކުރާ ކމެކެވެ. އެހެން ނަމަވެސް ސޯނޯގްރަފީ ފަދަ ދާއިރާތަކުން ކިޔެވުމަށް ރާއްޖޭގައި ފުރުސަތު ހުޅުވައިލެވި، ސިއްޙީ ދާއިރާގެ އެފަދަ އެހެނިހެން ކޯސްތަކަށް ދަރިވަރުން ހޭލުންތެރި ކުރުން މުހިންމު އެވެ. ރާއްޖެއަށް ބޭނުންވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ގުޅާލެވިފައިވާ ނިޒާމަކުން ކަންކަން އަވަސް ވުމެވެ. ކަނޑު ހުރަސް ކުރަން ޖެހުމުގެ ސަބަބުން ލަސްވާ ވަރަށް ގިނަ ކަންކަން ހުންނާނެކަމަކީ އެއްވެސް މީހަކު ދެކޮޅު ނުހެދޭނެ ހަގީގަތެކެވެ.
ރީޖަނަލް ގިނަ ހޮސްޕިޓަލް ތަކުގެ ކުއްލި ފަރުވާ ދިނުން އަދި އައިސީޔޫގެ ހިދުމަތް މިހާރަށްވުރެ ފުޅާ ކުރުމަކީ އެ ރަށްތަކުގެ ރައްޔިތުން މާލެއަށް ނައިސް ސިއްހީ ހިދުމަތް ހޯދުމަށް މުހިންމު ކަންކަމެވެ. ރީޖަނަލް ހޮސްޕިޓަލްތަކަކީ އެ ސަރަހައްދުގެ ގިނަ ރަށްރަށުން ރައްޔިތުން ސިއްހީ ފަރުވާ ހޯދުމަށް ގޮސް އުޅޭ ހޮސްޕިޓަލްތަކެވެ. މިހެން މިކަން ހިނގާއިރު، ސްޕެޝިއަލިސްޓުންގެ ހިދުމަތް މި ހޮސްޕިޓަލްތަކަށް މާލެއެކޭ އެއްގޮތަށް ބޭނުން ވެއެވެ. ޖުމްލަ އަދަދަށް ބެލި ނަމަވެސް، ގިނަ މިންވަރަކަށް އެރަށެއްގެ ބަޔަކާއި، އިތުރު ރަށްރަށުގެ ފަރާތްތަކުން މި ހޮސްޕިޓަލްތަކަށް ކޮންމެ ދުވަހަކުމެ ސިއްހީ އެކި ފަރުވާ ހޯދުމަށް ގޮސް އުޅެއެވެ. ނަމަވެސް، ކިރިޔާވެސް ސީރިއަސް ކަމެއް ދިމާވެއްޖެނަމަ، ރާއްޖޭގެ ވެރިރަށަށް އަންނަން ޖެހެއެވެ.
މާލޭގައި 100 އިންސައްތަ އާސަންދަ ކަވާރ ކުރާ 1 ހޮސްޕިޓަލް ހުރުމުގެ ސަބަބުން، ސްޕެޝިއަލިސްޓަކަށް ދެއްކުމަށް ނަން ނޯޓު ކޮށް ކިއު އެތައް މަސް ތަކަކަށް ދެމިގެން ދެއެވެ. ކަން މިހެން އޮތުމުގެ ސަބަބުން ކުއްލި ދަތުރުތަކަށް ރަށް ތަކުން އަންނަ ބަލި މީހުނަށް 100 އިންސައްތައިގެ އާސަންދައިގެ ދަށުން ސްޕެޝިއަލިސްޓުންނަށް ދެއްކޭނެ މަގު ވަނީ ކުޑަވެފައެވެ.
ބޮޑު ޚަރަދުކޮށް ޓިކެޓް ނަގައިގެން މާލެ އައުމަށް ފަހުގައި، ކުލި ދައްކައިގެން މާލޭގައި ތިބުމުގެ އިތުރުން، ޑޮކްޓަރަށް ދެއްކުމަށް އެތައް ޚަރަދެއް ހިނގައެވެ. ރާއްޖޭގައި އޮތް ޓެކްސްގެ ނިޒާމުން ކޮންމެ ފަރުދެއްގެ އަތުންވެސް އެއްވަރެއް ދައުލަތަށް ނަގައެވެ. ނަމަވެސް ރައްޔިތުން އަތުން ޓެކްސް ނަގައި އަދަދު އިތުރު ވެގެން ދިޔަ ނަމަވެސް ލިބިދޭ ޙިދުމަތްތަކުގެ ފެންވަރު މަތިވާ ތަނެއް ފެނިގެން ނުދެއެވެ.
މިއަހަރުގެ މިހާތަނަށް އައިއިރު ސިއްޙީ ދާއިރާއިން ކުރެވުނު ކަންކަމަށް ބަލާއިރު، ގދ ތިނަދޫގައި ހުންނަ ޑރ.އަބުދުސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބްލަޑް ބޭންކެއް ޤާއިމްކޮށްފިއެވެ. އެތަނުން ލިބެންހުރި ޙިދުމަތްތަކުގެ ތެރޭގައި ކްރޮސްމެޗް ހެދުން، އެންޓިބޮޑީ ސްކްރީނިން، ޑޯނަރ ރެކްރޫޓްމަންޓް، ތެލެސީމިއާ ސްކްރީނިން ޓީތީއައި ސްކރީނިންގ ހިމެނެއެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރަމުންގެންދާ ބަލިމީހުންގެ ރައްކާތެރިކަމުގެ ދުވަހާއި ގުޅިގެން ޢާންމުންގެ ޚިޔާލުތަކާއި ޝަކުވާތައް ހުށަހެޅުމަށް އެކުލަވާލާފައިވާ ”މާހަރާ“ ޕޯޓަލް“ އެއް ސިއްޙީ ވުޒާރާއިން ވަނީ އިފްތިތާހު ކޮށްފައެވެ. މި ޕޯޓަލްގެ އެހީގައި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާއި ގުޅިގެން ހުންނަ ކަންބޮޑުވުންތައް ޙިއްޞާކުރެވޭނެއެވެ.
މީގެ އިތުރުން، ރަޖިސްޓްރީނުކޮށް އަދި ލައިސެންސެއް ނުހޯދާ ސިއްހީ ހިދުމަތް ދޭ ފަރާތްތަކާ މެދު ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްވަނީ ސިއްޙީ ވުޒާރާއިން ވަނީ ނިންމައިފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތްވެސް ވަނީ ފަށައިފައެވެ.

