ރާއްޖޭގެ އިގްތިސާދީ ވުޒާރާ އަދި ސައުދީ އަރަބިއްޔާގެ ދެމެދު އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށްޓަކައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ސައުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑް އަދި ރާއްޖެ ދެމެދު ގާއިމުކުރެވިފައިވާ އެއްބަސްވުމުގެ ދަށުން ދެގައުމުގެ ދެމެދު ކުރެވޭ މަސައްކަތްތަކުގެ އައު ސަފުހާއެއް ހުޅުވިގެންދާކަމަށާއ މިކަމުގެ ސަބަބުން ވިޔަފާރީގެ އިތުރުން އިންވެސްޓްމެންޓު ފުރުސަތުތަކަށްވެސް ފަހިވެގެންދާނެކަމަށެވެ.
އެ މިނިސްޓްރީއިން ބުނެފައިވާގޮތުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ވަޒީރު މުހައްމަދު ސައީދު ރިޔާދަށް ކުރެއްވި ރަސްމީ ދަތުރެއްގައިކަމަށާއި އެ ގައުމުގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިނިސްޓަރު އޮފް ކޮމާސް، ސައުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ފޮރިން ޓްރޭޑްގެ ބޯޑް އޮފް ޑިރެކްޓަރުންގެ ޗެއަރމަން ޑރ މާޖިދް ބިން އަބްދުﷲ އެވެ.
މި އެއްބަސްވުން ގާއިމުކުރެވުނީ ދެ ގައުމުގެ ދެމެދު ވިޔަފާރި ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި ދެ ފަރާތުގެވެސް ޝައުގުވެރިކަން ހުރި ފުރުސަތުތައް ދެނެގަނެ އިންވެސްޓުމެންޓަށް ފުރުސަތުތައް ފަހިކުރުމުގެ ގޮތުންކަމަށްވެސް ބުނެފައިވެއެވެ. މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުން މިއީ ދެ ގައުމުގެ ދެމެދު ކުރެވޭ ކޮމާޝަލް މުއާމަލާތްތައް ހަރުދަނާކޮށް ކްރޮސް ބޯޑާރ އިންވެޓްމެންޓުތަކަށް އިތުރުކޮށް ދެ ގައުމުގެ ދެމެދު ޓުއަރިޒަމް އަދި އިންފްރާސްޓްރަކްޗާ ޑިވެލޮޕްމެންޓު ފަދަ މަސައްކަތްތައް ފުޅާކުރުމަށްޓަކައި އެޅިފައިވާ ފިޔަވަޅެއްކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދުވަނީ ސައުދީއިން ދިވެހިރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި ދެމުން އައިސްފައިވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެމްއޯޔޫއަކީ ދެ ގައުމުގެ ދެމެދު އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށާއި ވަރުގަދަ ކުރުމަށްޓަކައި ގެންގުޅުއްވާ ވިސްނުންތައް ކުރިއެރުވުމުގައި ފަހިގެންދާނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސޮއިކުރެވިފައިވާ އެމްއޯޔޫގެ ސަބަބުން އަހަރުތަކުގެ މަތިން ދެ ގައުމުން ދަމަހައްޓަމުން އައިސްފައިވާ ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެގެންދާކަމަށެވެ. އަދި ،މިކަމުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި މަސައްކަތްތަކެއް ކުރުމަށްޓަކައި ދެ ގައުމަށްވެސް ފުރުސަތު ލިބިގެންދާނެކަމަށެވެ.

