2023 ވަނަ އަހަރުގައި އެގާރަ ވަނަ ގްރޭޑުގައި ކިޔަވަން ފެށި ކުދިންނަށްވުރެ މި އަހަރުގައި ދަރިވަރުންގެ އަދަދުތައް ގިނަވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ޓީޗާޒް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ ޝަފީއު ވިދާޅުވީ، ދިވެހިރާއްޖެ އޮތީ ތައުލީމީ ގޮތުން ކިހާ ހިސާބެއްގައިކަން ދެނެގަންނަން ޖެހޭކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ތައުލީމު ކުރިއެރުވުމަށްޓަކައި ރަނގަޅު އިސްލާހުތަކެއް ގެނައުމަށް ފަހިވެގެންދާނީ އޭރުންކަމަށެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ، މިވަގުތު ތައުލީމީ ދާއިރާގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދައުލަތުން ކުރާ ހަރަދާއި ބަލާއިރު ބައިނަލްއަގުވާމީ ދެ އިމްތިހާނުކަމަށްވާ ކެމްބްރިޖާއި އެޑެކްސެލްއިން އެންމެ އެދެވިގެންވާ ނަތީޖާއެއް ހާސިލުނުވުންކަމަށާއި އޯލެވެލްއަށް ބަލައިފިނަމަ މުޅި ގްރޭޑް 10 އެއްގައި ކިޔަވާ ކުދިންގެ ތެރެއިން ފާސްވަނީ 50 އިންސައްތަ ދަރިވަރުންކަމަށެވެ. އަދި މި އިމްތިހާނުން ފާސްވާ ހުރިހާ ދަރިވަރުން އޭލެވެލްގައި ތައުލީމު ހާސިލުކުރުމަށްވެސް ނުދާކަމަށެވެ.
އެހެންނަމަވެސް އެ 50 އިންސައްތަ ކުދިންގެ ތެރެއިން އޭލެލްގައި ކިޔަވާ ދަރިވަރުންގެ ފާސް އިންސައްތަވެސް ވަނީ 60 އިންސައްތައިން 50 އިންސައްތައަށް ވެއްޓިފައިކަމަށާއި މިއީ ވިސްނާލަން ޖެހިފައިވާ މައްސަލައެއްކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގްރޭޑް އެކަކުން 7000 ކުދިން ފަށާ ދަތުރުގައި އޯލެވެލްއާއި ހިސާބުން 3500 ކުދިން ފާސްވެ އެތަނުން 2000 ކުދިން އޭލެވްގައި ބައިވެރިވާނަމަ އާއި އެތަނުން ފާސްވަނީ 50 އިންސައްތަ ނަމަ މަތީ ފަންތީގެ ޔުނިވާރިސީތަކާއި ހިސާބަށް ދިއުމަށްޓަކައި ތައްޔާރުކުރެވެނީ 1000 ވަރަކަށް ދަރިވަރުންކަމަށެވެ. އަދި މިއީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ކޮންމެ ފަރާތަކުންވެސް ވިސްނާލަންޖެހިފައިވާ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މިކަން ހައްލުކުރުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީއިންވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި މަސައްކަތްތަކެއް ކޮށްފައިކަމަށެވެ. އަދި އެކަމުގެ ނަތީޖާތައް ފޮނިކަމަށް ހިއްސާކުރެއްވިއެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވީ، ރައީސްގެ އިރުޝާދާއިއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެދެވޭ ނަތީޖާތަކެއް ހާސިލުކުރެވެމުންދާކަމަށާއި ސަރުކާރުގެ ސުކޫލުތަކުގައި 2023 ވަނަ އަހަރު ގްރޭޑް 11 އަށް ވަތް ކުދިންގެ އަދަދަށްވުރެ މި އަހަރު 70 އިންސައްތަ މަތިކުރެވިފައިވާކަމަށެވެ. އެހެންކަމުން ނަތިޖާއެއްގެ ގޮތުގައި ޔުނިވާރސިޓީތަކަށް ވަންނަ ކުދިންގެ އަދަދުތައް އިތުރުވެގެންދިއުމަށް ދިމާވާނެކަމަށް އަލިއެޅުއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ހަޔާރ އެޑިއުކޭޝަން ސެކްޓަރ ވަރުގަދަ ވެގެންދާނެކަމަށާއި ގައުމީ އުފެއްދުންތެރިކަމަށް ބޭނުންވާ ޒުވާނުންގެ ޖީލެއް ތަމްރީނުވެ އެތަންތަނުން ނުކުމެގެން އަންނާނެކަމަށެވެ. އަދި އެއީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ދާއިރާގެ ތެރޭގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއް ދަތިކަމަކީ މުދައްރިސުން މަދުވުމުގެ މައްސަލަކަމަށެވެ. އަދި މިކަމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ 8 ކުއްޖަކަށް ޓީޗަރެއް ހުރިކަން ފެނިގެންދާކަމަށާއި އެއީ މި ސަރަހައްދުގެ އެއްވެސް ގައުމެއްގައި އޮތް ގޮތްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގައި ކޮންމެ 19 ވަރަކަށް ކުދިންނަށް ޓީޗަރެއް ހުންނަކަމަށާއި އެހެނިހެން ބައެއް ސަރަހައްދުތަކުގައި ކޮންމެ 6 ކުއްޖަކަށްވެސް ޓީޗަރަކު ހުރިކަން ފާހަގަކުރެވޭކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއީ ދައުލަތުން ކުރާ ހޭދަކަމަަށާއި އެހެންނަމަވެސް އެވަރަށް ޓީޗަރުން ސަޕްލައިކޮށްފައިވާއިރު އަދިވެސް މަދުކަން ފާހަގަކުރައްވަން ބޭނުންވެވަޑައިގަންނާވަކަމަށެވެ.

