ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޔަރު ކުރާ މީހުންގެ ވަނަވަރު ހާމަކުރުން: އުސޫލެއް ނެތް، ސަކަރާތެއް!

ޝެއާރކޮށްލާ ކަހަލަދޯ؟
އިހަށް ދުވަހު ކުށްވެރިއެއްގެ ގޮތުގައި ލޭބަލްކޮށް، ފޮޓޯ އާންމުކުރީ ލައިސަންސް ނެތި ސައިކަލް ދުއްވާފައި ދިޔަ ޒުވާނެއްގެއެވެ. ފުލުހުންގެ އަމުރަށް ނުކިއަމަންވުމުގެ ކުށުގައި އޭނާ ހައްޔަރުކުރުމާއިއެކު، ފޮޓޯ އާންމުކޮށް އޭނާއަކީ ބޮޑު ކުށްވެރިއެއްގެ ގޮތުގައި ސިފަވާނެހެން ފުލުހުން ވަނީ ސޯޝަލް މީޑިއާއަށް އޭނާގެ ފޮޓޯ ދޫކޮށްލާފައެވެ. އަދި މިދިޔަ ދެ ތިން މަހުގެ ތެރޭގައި އެކި އެކި ކުށްތަކުގައި ހައްޔަރުކުރި، އެތައް ބައެއްގެ ފޮޓޯ އާންމުކޮށްފައިވެއެވެ.

މިކަމާއިމެދު ބަހުސްތަކެއް ކުރެވެމުންދާއިރު، މިކަމުގައި އެކި މީހުން ދެކޭ ގޮތް ތަފާތެވެ. އެއް ބަޔަކު ދެކޭ ގޮތުގައި މިހެން ހުންނަ ބައެއް ކުދި ކުދި ކުށްތަކުގައި ހައްޔަރުކުރާ މީހާގެ ފޮޓޯ އާންމު ކުރެވިގެން ނުވާނެއެވެ. ސަބަބަކީ އޭނާއަކީވެސް އަމިއްލަ ދިރިއުޅުމަކާއި، އަދި ރަސްމީ ހައިސިއްޔަތެއްވެސް އޮންނާނެ ފަރާތަކަށްވާތީއެވެ. އެގޮތަށް ފޮޓޯ އާންމު ކުރުމުގެ ސަބަބުން އެމީހުންގެ އާންމު ދިރިއުޅުމަށް އެތަކެއް ދަތިތަކަކާއި ކުރިމަތިވެ، އަނބި ދަރީންނާއި، އަދި އާއިލާ މީހުންނަށް ވެސް އެކަމުގެ ސަބަަބުން މުޖުތަމައުގެ ފުރައްސާރައާއި ކުރިމަތިލާން ޖެހޭކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެކަމަކު އަނެއް ބަޔަކު ދެކޭ ގޮތުގައި ކުށް ކުރާ މީހުންގެ ފޮޓޯ އާންމު ކުރަން ޖެހެއެވެ. ކުށް މަދުވެ، އެފަދަ މީހުންގެ ކިބައިން މުޖުތަމައު ސަލާމަތް ކުރެވޭނެ ގޮތަކީ އެއީކަމަށް ދެކެއެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިކަމުގައި އޮތް ހަމައެކަނި މައްސަލައަކީ އެއްވެސް އުސޫލެއް ނެތި ކުރާކަމެއްހެން މިކަން އޮތް އޮތުމެވެ. ފުލުހުން ބޭނުންވުމުން ފޮޓޯ އާންމުކޮށް، އަދި ފުލުހުން ބޭނުން ނުވާނަމަ، ފޮޓޯ އާންމުނުކުރުން، އެއީ ކަން އޮވެގެންވާނެ ގޮތެއް ނޫނެވެ. އެއް މައްސަލައިގައި، އެއް ކުށެއްގައި 2 މީހަކު ހައްޔަރުކުރެވޭއިރު، އެ ދެމީހުންގެ ފޮޓޯ އާންމުކުރުމުގައި ތަފާތުތަކެއް ގެންގުޅިފައި ހުރި މައްސަލަތައް އެބަހުރިއެވެ. އެއީ އައިޖީއެމްއެޗް ކައިރިން ދިވެހި ފިރިހެނަކު ހުއްޓުވައި ކޮޓަރިއަކަށް ދިއުމަށް ދައުވަތުދީ، އޭނާ ފޭރުނު މައްސަލައިގައެވެ. މި މައްސަލައިގައި ތުހުމަތު ކުރެވުނު ދިވެހި އަންހެނެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފައެވެ. ނަމަވެސް ހަމަ އެ ކުށުގައި ބައިވެރިވިކަމަށް ތުހުމަތުކުރާ ދިވެހި ފިރިހެން މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ބޮޑެތި ނުރައްކާތެރި ކުށްތަކުގައި ހައްޔަރު ކުރާ މީހުންގެ އެއްވެސް މައުލޫމާތެއް އެންމެ ކުޑަމިންވަރަކަށް އޭނާގެ ނަން ވެސް ހާމަ ނުކުރާތީ މީޑިއާތަކުން ސުވާލު ކުރެ އެވެ. އެކަމަކު ފުލުހުން ނޫސްވެރިން ކުރާ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދީ، ދެން އާންމު ކުރާނީ މުއްދަތު ހަމަވެފައި އޮތް ލައިސެންސެއްގައި ސައިކަލު ދުއްވި މީހެއްގެ ފޮޓޯއެއްވެ.

މިއީ އެތައް ބައެއްގެ މުސްތަގުބަލާއި ގުޅިފައި އޮތް ކަމަކަށްވާއިރު، މިކަމުގައި ގެންގުޅެން ޖެހޭ ހަރުކަށި އުސޫލުތަކެއް، ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައެޅެން އެބަޖެހެއެވެ. ނޫންނަަމަ ވަކި ބައެއްގެ މަސްލަހަތު އިސްކޮށް، ކަންކަން ނިންމުމުގެ ސަގާފަތެއް މިކަމުގެ ތެރެއަށްވެސް ވެރިވުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ. މުވައްސަސާތަކުން ކުރާ މަސައްކަތްތަކާއި ގުޅޭ އެސްއޯޕީތައް ހުންނައިރު ކުށްވެރިންގެ ވަނަވަރު އާންމު ކުރުމުގެ އުސޫލެއް ހަދައި އެ ހިއްސާ ކުރުމަށް ފަހު ކުދި ކުށްތަކުން ފެށިގެން ބޮޑެތި ކުށްތަކާއި ހަމައަށް މައުލޫމާތު ހާމަކުރަންވީ އެވެ.

މަރުގެ މައްސަލަތަކާއި، މަސްތުވާތަކެއްޗާއި، މާރާމާރީގެ ބޮޑެތި ކުށްތަކުގައި ހައްޔަރު ކުރާ މީހުންގެ ހުރިހާ މައުލޫމާތެއް ފުލުހުން ހާމަކުރަންވީ އެވެ. އެކަމުގައި މައްސަލައެއް ނެތެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމަށް އޮތް އިތުބާރު ގެއްލިފައިވާއިރު، ހަމަ ބަންދުކޮށްލާ ކޮންމެ މީހެއްގެ ފޮޓޯ އާންމުކޮށް، އޭނާ މުޖުތަމައުގެ ތެރެއަށް ބޭޒާރުކޮށްލާތާ އަނެއް ދުވަހު، އެމީހަކު ސަލާމަތްވުމަކީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެކެވެ. އަދި އެތައް އަހަރު ދުވަހަކަށް ޝަރީއަތް ދިގުލައިގެން ދިއުމަށްފަހުވެސް އޭނާ މިނިވަންވެއެވެ. ނަމަވެސް މުޖުތަމައުއަށް ނިކުންނައިރު، އޭނާއަކީ ވަކި ކަހަލަ މީހެއް ގޮތުގައި ލޭބަލް ކޮށްފައި އޮތުމުގެ ސަބަބުން، ވަޒީފާއެއް ހޯދި ނަމަވެސް އެތައް ގޮން ޖެހުންތަކަކާއި ކުރިމަތިލާން ޖެހެއެވެ.

މިކަމުގައި ފުލުހުން ބަލަނީ ޖިނާއީ މިންގަނޑުން ކުށެއް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރިތޯއެވެ. އަދި ކުށުގެ ކުޑަބޮޑުމިނަށާއި މުޖުތަމައުގެ ރައްކާތެރިކަމަށެވެ. އާންމުންނަށް އެ މީހާގެ މައުލޫމަތު އެނގުން މުހިންމު ކަމަށް ގަބޫލުކުރެވޭ ނަމަ އެ މީހާގެ ވަނަވަރު އާންމު ކުރެވިދާނެ ގޮތަށް އުސޫލު އެކުލަވައިލަން ޖެހޭކަމަށް ފުލުހުން ދެކެއެވެ. ނަމަވެސް މިހެން ހައްޔަރުކޮށް، ކިތައްމެ ހެއްކާއި ގަރީނާ ހުރެގެން ފޮޓޯ އާންމުކުރި ނަމަވެސް، މައްސަލައަކީ އޭނާގެ މައުސޫމުކަން އެއާއި ޖެހިގެން އަންނަ ދުވަހު ކަށަވަރުވާތީއެވެ. ފުލުހުންނަށް ކުރާ އިތުބާރަށްވެސް ބުރޫއަރާ ސަބަބަކީ މިއީއެވެ.

ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ފޮޓޯ އާންމު އުސޫލު ހިންގަނީ ގާނޫނީ ހަރުކަށި އުސޫލުތަކެއްގެ މަތިންނެވެ. މިސާލަކަށް އެމެރިކާއާއި އިނގިރޭސިވިލާތުގައި ތުހުމަތު ކުރެވޭ މީހެއްގެ ފޮޓޯ އާންމުކުރުމަކީ ބޮޑެތި ކުށްތަކަށް ޚާއްޞަ ކުރެވިފައިވާކަމެކެވެ. އެއީވެސް ކުށެއް ސާބިތުވުމުން އެކަންޏެވެ. މިއީ ދައުވާ ލިބޭ މީހާގެ ހައްގުތައް ހިމާޔަތްކުރުމުގެ ގޮތުން ގައުމުތަކުގައި އަމަލު ކުރާ އުސޫލެކެވެ. އަދި މިފަދައިން ވަނަވަރު އާންމުކުރެވޭނެ، ވަގުތާއި ގޮތުގެ ސާފު މިންގަނޑުތަކެއް ކަނޑައަޅާ ހަރުދަނާ ގާނޫނީ އޮނިގަނޑުތަކެއްވެސް މި ގައުމުތަކުގައި ހުރެއެވެ. އެކަމުގެ މަގްސަދަކީ ގާނޫނު ތަންފީޒުކުރުމުގައި އެއްގޮތްކަމާއި އިންސާފުވެރިކަން ކަށަވަރުކޮށްދިނުމެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: