މާލީ ދަތިތަކުން އަރައިގަތުމަށް ފީފާ މެދުވެރިކޮށް ފުޓްބޯލް އެސޯސިއޭޝަނުން ނެގި ލޯނު ފައިސާއަށް އެފްއޭމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގެނެފައިވާ ދެ ޕެންޓްހައުސް އާދީއްތަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރަން ނޯޓިސް ފޮނުވައިފި އެވެ.
ރާއްޖޭގެ ފުޓުބޯޅަ ދަށް ހާލަތަކަށް ދާން ޖެހުމުގެ ޒިންމާ ނަގަން ޖެހޭކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ބައްސާމަށް ހިޔާނާތާއި، ކޮރަޕްޝަނުގެ ގިނަ ތުހުމަތުތައް ކުރެވެ އެވެ. އެފްއޭއޭމް މެދުވެރިކޮށް ލިބުނު ފައިސާ އަމިއްލަ އެކި ބޭނުންތަކަށް ހޭދަކޮށް ޕެންޓް ހައުސް ގަނެ، ވިޔަފާރިތައް ހުޅުވިކަމަށް ބައްސާމްގެ މައްޗަށް ތުހުމަތު ކުރެވެ އެވެ. އަދި އެންމެ ފަހުން އޭނާއާއި ދެކޮޅަށް ފެންމަތިވީ އެފްއޭއެމްގެ ފައިސާތައް ބޭނުންކޮށްގެން ދެ ޕެންޓް ހައުސް ގަނެފައިވާ މައްސަލަ އެވެ.
މި ދެ ތަން ހަވާލު ކުރުމަށް ބައްސާމަށް އާދީއްތަ ދުވަހުގެ ކުރިން ޕެންޓް ހައުސް ހަވާލުނުކޮށްފި ނަމަ، ފުލުހުންގެ ބާރުގެ ދަށަށް ތަން ނަގާނެކަމަށް ވެސް ބައްސާމަށް ފޮނުވި އެންގުމުގައި ވެއެވެ.
އެޕާޓްމަންޓުތަކުގެ މައްސަލަ ފުލުހުންގެ ތަހުގީގަށް އެނގިފައި ވަނީ، އެފްއޭއެމްގެ އެކައުންޓަށް ޖަމާކުރި 10،000 ޑޮލަރު ބައްސާމުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ކުރާ ތަހުގީގުގެ ތެރެއިންނެވެ. ދައުވާ ކުރުމަށް ފޮނުވާފައިވާ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އެނގުނު އެޕާޓްމަންޓުތަކަށް ބައްސާމް ވަނީ ތިން މިލިއަން ރުފިޔާ ބޭނުންކޮށްފަ އެވެ.
ފުލުހުންގެ ތަހުގީގަށް ލިބުނު އިތުރު މައުލޫމާތުތަކުގެ ތެރޭގައި، އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށް ފަހު، ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިއުން ތައްޔާރުކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވުން ހިމެނެ އެވެ. ކޮވިޑުގެ ތެރޭގައި އެފްއޭއަމަށް ލިބުނު ލޯނަކީ ފީފާ މެދުވެރިކޮށް ކޮވިޑު ރިލީފް ފަންޑުގެ ގޮތުގައި ލިބުނު 1.9 މިލިއަން ޑޮލަރެވެ.
މީގެއިތުރުން އެފްއޭއެމްއަށް ލިބެން ޖެހޭ ބައެއް ފައިސާތަކެއް ލިބުނުކަމަށް ދެއްކުމަށް ބައްސާމް ކުންފުންޏަކުން ލޯނެއް ވެސް ނަގާފައި ވެއެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ބައްސާމަށް ދައުވާކޮށްފައިވާ އިރު ފުލުހުން އަންނަނީ އިތުރު މައްސަލަތައް ވެސް ތަހުގީގު ކުރަމުންނެވެ. ޕްރޮސިކިއުޓާ ޖެނަރަލް އަންގަވައިގެން ފުލުހުން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމްގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.

