ބިދޭސީން ފިލައިގެން ނުވަތަ ގެއްލިގެން ހޯދަން ހުށަހަޅާ، ”މިސިން ރިޕޯޓު“ އަނބުރާ ނުގެންދާނަމަ ބޮޑު ފީއެއް ނެގުމަށް ނިންމައި އިއުލާނުކޮށްފި އެވެ.
ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާއި ބެހޭ ގަވައިދުގެ ދަށުން އެކުލަވާލާފައިވާ އުސޫލުތައް އަންނަ އާދީއްތަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެކަމަށް ހޯމް މިނިސްޓްރީ ވަނީ ހާމަކޮށްފަ އެވެ.
މިނިސްޓްރީގެ އިއުލާނުގައި ވަނީ، ވަޒީފާ އަދާކުރާ ބިދޭސީއެއް ފިލައިފި ނަމަ ނުވަތަ ގެއްލޭ ހާލަތުގައި އަމަލު ކުރާނެގޮތުގެ އުސޫލުގެ ދަށުން ކަނޑައެޅިފައިވާ ވަކި ގޮތްތަކެއްގެ މަތީން އަންނަ އާދީއްތަ ދުވަހުން ފެށިގެން ފީއެއް ނަގާނެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މިނިސް ރިޕޯޓު ކުރާ ކޮންމެ ހުށަހެޅުމަކަށް، ފީގެ ގޮތުގައި 1.000 ރުފިޔާގެ ސާވިސް ފީއާއި، ވަޒީފާ ދޭ ފަރާތުގެ އިހުމާލުން ވޯކް ޕާމިޓް ހުއްދައިގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއެއް ފިލައިފި ނަމަ ނުވަތަ ގެއްލިއްޖެ ނަމަ 2،000 ރުފިޔާގެ ޖުރިމަނާއެއް އަދި ބިދޭސީއެއް ފިލައިގެން ނުވަތަ ގެއްލިގެން ހުށަހަޅާ ރިޕޯޓު އަނބުރާ ގެންދާނަމަ 10،000 ރުފިޔާގެ ފީއެކެވެ.
އެކްސްޕަޓް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާފައިވާ އެފަދަ ރިޕޯޓުތައް އަނބުރާ ގެންދިއުމަށް އާދީއްތަ ދުވަހު ހުޅުވާލުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. މިހާރު ވެސް ހުށަހަޅާފައި ހުރި ގެއްލިގެން އުޅޭކަމުގެ ރިޕޯޓުތައް 10،000 ރުފިޔާގެ ފީއަކާއި ނުލައި އަނބުރާ ގެންދަން ބޭނުންވާނަމަ، 30 ދުވަހުގެ މުއްދަތެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ ބިދޭސީ މީހަކު ގެއްލިގެން ކުރާ ރިޕޯޓު އަނބުރާ ގެންދަން ބޭނުންވާނަމަ ހަތް ދުވަހުގެ ތެރޭގައި އެކަން ކުރަންވާނެކަމަށެވެ. އަދި މުއްދަތު ހަމަވުމަށް ފަހު މިސިން ރިކުއެސްޓު އަނބުރާ ގެންދިއުމަށް ވަޒީފާ ދޭ ފަރާތުން ހުށަހަޅައިފި ނަމަ ވިތްޑްރޯވަލް ނުވަތަ ރިޕޯޓު އަނބުރާ ގެންދިއުމަށް ކަނޑައަޅާފައިވާ ސާވިސް ފީ ދައްކަން ދައްކަން ޖެހޭނެކަމަށެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި، ބިދޭސީން ހޯދުމަށް ރިޕޯޓު ކުރުމުގެ މައުލޫމާތުތައް އަންނަ ހަފްތާއިން ފެށިގެން އެކްސްޕަޓް ސިސްޓަމުން ލިބެން ހުންނާނެ އެވެ. އަދި އިތުރު މައުލޫމާތުތައް 1500 އަށް ގުޅައިގެން ސާފު ކުރެވޭނެކަމަށް ބުންޏެވެ.

