އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް، މި އޮކްޓޫބަރުމަހުގެ 6 ން 10 ށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި، އަދި އެ ޤައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެއެވެ.
ރައީސް މުޢިއްޒު ވަނީ، ތިމާވެށްޓާ ބެހޭ ބައިނަލްއަޤްވާމީ މަހާސިންތާ ”ކޮޕް-28“ ގެ ހަވާސާގައި، 2023 ވަނަ އަހަރު ޑިސެމްބަރުމަހު އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރައްވައިފައެވެ. އަދި މި އަހަރު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑު ވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސާ ބައްދަލުކުރައްވައިފައެވެ.
ރައީސް މުޢިއްޒު އިންޑިއާއަށް މި ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި، ދިވެހި ވަފްދުގެ މެހްމާންދާރީގެ ހުރިހާ ކަންކަންވެސް ހަމަޖައްސަވައިދެއްވާނީ އިންޑިއާ ސަރުކާރުގެ ފަރާތުންނެވެ.

