ޤައުމާއި މުޖުތަމަޢުގައި ޒުވާނުން ބާރުވެރިކުރުމަށްޓަކައި ޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް  ޒުވާނުން ހަދަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހީންގެ ތާރީޚާއި، މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމި އޮތް ޙަޤީޤަތްތައް ޒުވާނުންނަށް ވިސްނޭގޮތަށް އަންގައިދޭންޖެހޭކަމަށާއި، އިސްލާމީ ޝަޚްޞިއްޔަތާއި ދިވެހި ޤައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަންޖެހޭކަމުގައެވެ.

އަދި ވަކި ޖިންސަކަށް ވީތީ ފަރަގުނުކޮށް، ކޮންމެ ޒުވާނަކީ ޤައުމާ އެއްކޮޅަށް ބަސްބުނެ ޤައުމުގެ ތަރައްޤީއަށްޓަކައި މަސައްކަތްކުރުމަށް ތައްޔާރަށް ހުރި ޒުވާނަކަށް ހެދުމުގެ މަސައްކަތްކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ޒުވާން ޖީލުގެ އަޚްލާޤީ އަދި ރޫޙާނީ ދުޅަހެޔޮކަން އިތުރުކުރަން މަސައްކަތްކުރަން ޖެހޭކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މައިގަނޑު ތިން ވާހަކަފުޅެއް ހިއްސާކުރައްވާފައިވެއެވެ. އެއީ އިސްލާމްދީނުގައި އަދި ކީރިތި ޤުރުއާނުގައި މުސްލިމުން ސިފަކުރައްވާފައިވާ ގޮތާއި، އަދުގެ ދިވެހިރާއްޖޭގެ މުޖުތަމަޢުން ފެންނަ ދީނާ ޚިލާފު ކަންކަމާއި އަދި އެ ކަންކަން އިޞްލާޙުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ވާހަކަފުޅެވެ.

މީގެ އިތުރުން ރައީސްގެ ވާހަކައިގައި ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ޤައުމު ބިނާކުރާ ފަދައިން، ފިކުރާއި ސިކުނޑީގެ ގޮތުންވެސް ޤައުމު ބިނާކުރުމަށް ގޮވާލެއްވިއެވެ.

މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ އިތުރުން މުދައްރިސުންގެ ދުވަސްކަމުގައި ވާތީ މުދައްރިސުންނާ މުޚާޠަބުކުރައްވަމުން އެމަނިކުފާނު ވަނީ، އިންސާނިއްޔަތާއި، އަޚުލާޤާއި، މައުނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގެންނެވުމަށް މުދައްރިސުންގެ އެއްބާރުލުން މުހިންމުވާ މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ދިވެހި ދަރީންނަކީ ދިވެހި ޤައުމިއްޔަތަށް އަހުލުވެރި، ދިވެހީންގެ ހަރުދަނާ، މާތް ސިފަތަކުން ޒީނަތްތެރިވެފައި ތިބި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، މަސްއޫލިއްޔަތު އުފުލުމުގައި ޝައުޤާއި ޤާބިލުކަން ލިބިފައިތިބި ދަރީންތަކަކަށް ހަދައިދިނުމަށް، މުދައްރިސުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މިކަމުގައި ޢާންމު ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާނޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އެ ފަދަ ދަރީންތަކެއް ބިނާކުރުމަށްޓަކައި، އާރާސްތުކުރަންޖެހޭ އަޚުލާޤީ އެތައް ބިނާއެއް އެބަހުރިކަމަށް ވިދާޅުވެފައެވެ. އަދި ކީރިތި ޤުރުއާނުން އެނގޭ ފަދައިން ޙާލަތު ބަދަލުކުރުމަކީ ދިވެހިންގެ އަމިއްލަ މަސްއޫލިއްޔަތެއްކަންވެސް އެމަނިކުފާނު ވަނީ ހަނދުމަކޮށްދެއްވާފައެވެ.

ފިކުރާއި ސިކުނޑީގެ ގޮތުން ޤައުމު ބިނާކުރުމުގެ ޝިޢާރަކީ ރައީސް ތަކުރާރުކުރައްވަމުން ގެންދަވާ ޝިޢާރެކެވެ. މިއަހަރުގެ ފެބްރުއަރީ މަހު އިއްވެވި ރިޔާސީ ބަޔާނުގައިވެސް ރައީސް ވަނީ، ދިވެހި ސަރުކާރުގެ ފަލްސަފާއަކީ، ޤައުމު އާރާސްތުކޮށް ބިނާކުރާ ފަދައިން، ޤައުމުގެ ކޮންމެ ރައްޔިތަކުވެސް ހެޔޮގޮތުގައި ބިނާކޮށްދިނުންކަމުގައި ވިދާޅުވެފައެވެ.